މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވެހުނު ގަދަ ވާރޭގެ ސަބަބުން ފެންބޮޑުވެ، 8 ގެއަކުން މީހުން ބަދަލުކުރަން ޖެހި، 47 ގޭބިސީއެއްގައި 229 ވެލިބަސްތާ ޖަހައިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭގެ އެމަޖެންސީ މެނޭޖްމެންޓް ޑިރެކްޓަރ ފަރޫޝާ ޢަލީ ނަޞީރު ވިދާޅުވިގޮތުގައި، މި ވިއްސާރައިގެ ސަބަބުން އެކިއެކި ކަންކަމުގައި އެހީތެރިކަމަށް އެދި 101 ފޯނު ކޯލު ލިބިފައިވެއެވެ. އަދި އެ އިދާރާއިން ހެދި އެސެސްމެންޓުން ދިރިއުޅުމަށް ދަތިވެފައިވާ 12 ގޭބިސީއަކާއި، ދިރިނޫޅެވޭވަރަށް ގެއްލުން ލިބިފައިވާ 8 ގޭބިސީއެއް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަރޫޝާ އިތުރަށް ވިދާޅުވީ، ދިރިނޫޅެވޭވަރަށް ގެއްލުން ލިބުނު 8 ގޭބިސީގައި ދިރިއުޅުނު 32 މީހުން މިހާރު ވަނީ ގެސްޓްހައުސްތަކަށާއި ޢާއިލާ މީހުން ދިރިއުޅޭ ގެތަކަށް ވަގުތީގޮތުން ބަދަލުކޮށްފައެވެ.
މީގެއިތުރުން، މާލޭ ސިޓީގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ފެންހިންދުމާއި ވެލިބަސްތާ ޖެހުމުގައި ސިފައިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ބެލުމުގެ ދަށުން ސިފައިން ވަނީ ރޭ ދަންވަރު 2:30 އިން ފެށިގެން ފެން ހިންދުމުގެ މަސައްކަތް ފަށައި، މާލޭގެ 6 ސަރަހައްދެއްގައި ޖުމްލަ 18 ޕަންޕު ބޭނުންކޮށްގެން މިއަދު މެންދުރުފަހު 1:35 އާ ހަމައަށް މަސައްކަތްކޮށް، މާލޭގެ މަގުތައް އާންމު ހާލަތަށް ގެނެސްދީފައެވެ.
އަދި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ބެލުމުގެ ދަށުން ސިފައިން ވަނީ މިއަދު ހެނދުނު 6:12 އިން 3:15 އަށް 67 ގެއެއްގައި 304 ވެލިބަސްތާ ޖަހާދީފައެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި، މިދިޔަ 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަވެ، ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށް އެ އިދާރާއިން ވަނީ އިންޒާރު ދީފައެވެ.