ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީންތަކެއް އަތުލައިގަނެ 3 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ޑީޕޯޓުކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ 7 ބިދޭސީ އަންހެނުންނާއި، އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ 2 ފިރިހެނަކު މާލޭގައި ކުރިއަށްގެންދިޔަ އިންސްޕެކްޝަނެއްގައި އަތުލައިގަނެވުނެވެ. މިމައްސަލަ ތަޙުޤީޤުކުރުމަށްފަހު މިހާރު 3 އަންހެނަކު އަނބުރާ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓުކޮށްލާފައިވާއިރު، ދެންތިބި 6 ބިދޭސީން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
އަތުލައިގަނެވުނު ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް، ވިއެޓްނާމް އަދި ޔުގާންޑާއަށް ނިސްބަތްވާ މީހުންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއް ހިންގަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާއާއި، މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންދެއެވެ.
މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފައެވެ. އަދި "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޤާއިމްކޮށްފައިވާ އޮންލައިން ޕްލެޓްފޯމަށް 1000 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށް އިމިގްރޭޝަނުންވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް "އޮޕަރޭޝަން ކުރަނގި" ގެ ނަމުގައި ހިންގަމުންދާ ހަރަކާތުގެ ދަށުން މިހާތަނަށް 18,919 ބިދޭސީންގެ ބަޔޯމެޓްރިކް މަޢުލޫމާތު އެއްކޮށްފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ. މި މަސައްކަތް ރާއްޖޭގެ 194 ރަށެއްގައި ފަށާފައިވާކަމަށްވެސް އެ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.