މުނިސިޕަލް ޚިދުމަތްތަކަށް ކައުންސިލްތަކުން ގެންނަ ސާމާނުން ޑިޔުޓީ މަޢާފުކޮށްދޭނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. މިއީ ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމަށް އަޅާ ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ދޭ އަހައްމިއްޔަތުކަމުގެ ދަށުން، ކައުންސިލްތަކުގެ މާލީ ޤާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި، ގެސްޓްހައުސްތަކުން ނަގާ ޓެކްސްގެ ބައެއް ކައުންސިލްތަކަށް ދިނުމަށް މަސައްކަތްކުރަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންނަށް ސީދާ ފައިދާކުރާނެ. ކައުންސިލްތަކަށް މާލީ ގޮތުން ބާރުވެރިކަން ލިބުމުން، އެ ރަށަކަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފަސޭހަވެގެންދާނެ. މީގެ ސަބަބުން ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ," ވަޒީރު ވިދާޅުވިއެވެ.
މުނިސިޕަލް ޚިދުމަތްތަކަށް ބޭނުންވާ ސާމާނުން ޑިޔުޓީ މަޢާފުކޮށްދިނުމުގެ ސަބަބުން، ކައުންސިލްތަކަށް އިތުރު މާލީ ލުއިފަސޭހަކަމެއް ލިބި، ރަށްރަށުގެ ސާފުތާހިރުކަމާއި އާންމު ޚިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.