ފާފަކުރެވޭ މީހުންނަށް އޮތް އުފާވެރި ޚަބަރު- ޤުދްސީ ޙަދީޘުން

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 56ސ
ފާފަކުރެވޭ މީހުންނަށް އޮތް އުފާވެރި ޚަބަރު- ޤުދްސީ ޙަދީޘުން

ޢާއިޝަތު ރަފާޙް ޢަލީ.

 

عَنْ أَنَسٍ رَضِيَ اللَّهُ عَنْهُ قَالَ: سَمِعْتُ رَسُولَ اللَّهِ يَقُولُ: «قَالَ اللَّهُ تَعَالَى: يَا ابْنَ آدَمَ! إِنَّكَ مَا دَعَوْتَنِي وَرَجَوْتَنِي؛ غَفَرْتُ لَكَ عَلَى مَا كَانَ مِنْكَ وَلَا أُبَالِي. يَا ابْنَ آدَمَ! لَوْ بَلَغَتْ ذُنُوبُكَ عَنَانَ السَّمَاءِ، ثُمَّ اسْتَغْفَرْتَنِي؛ غَفَرْتُ لَكَ. يَا ابْنَ آدَمَ! إِنَّكَ لَوْ أَتَيْتَنِي بِقُرَابِ الأَرْضِ خَطَايَا، ثُمَّ لَقِيتَنِي لَا تُشْرِكُ بِي شَيْئاً؛ لَأَتَيْتُكَ بِقُرَابِهَا مَغْفِرَةً» ». ⁽¹⁾

އަނަސް رَضِيَ اللَّهُ عَنْهُ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: (ގުދުސީ ޙަދީޘެއްގައި) ރަސޫލު ﷲ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ: ”ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ: އޭ އާދަމުގެ ދަރިއާއެވެ! ހަމަކަށަވަރުން ތިބާ، ތިމަން އިލާހަށް ދުއާކޮށް ދަންނަވައި އަދި ތިމަން އިލާހުގެ ހަޟްރަތުން އުއްމީދު ކުރާހާ ހިނދަކު، ތިބާގެ ކިބައިން ވެވިފައިވާ ފާފަތައް ފުއްސަވައި ދެއްވަވާނަމެވެ. އަދި (އެ ފާފަތަކަށް) ތިމަން އިލާހު ނުބައްލަވާނަމެވެ. އޭ އާދަމުގެ ދަރިއާއެވެ! އުޑުގެ ވިލާތަކާ ހަމައަށް ތިބާގެ ފާފަތައް ފޯރިކަމުގައި ވިޔަސް، ފާފަ ފުއްސަވައި ދެއްވުމަށް އެދި ތިބާ ދަންނަވައިފި ނަމަ، ތިބާއަށް ފާފަ ފުއްސަވައި ދެއްވާނަމެވެ. އޭ އާދަމުގެ ދަރިއާއެވެ! ހަމަކަށަވަރުން ބިން ފުރޭ ވަރަށް ތިބާ ފާފަތަކައިގެން ތިމަން އިލާހާ ބައްދަލުވި ކަމުގައި ވިޔަސް، ތިމަން އިލާހާ އެއްވެސް ފަރާތެއް ޝަރީކުކޮށްފައި ނުވާ ނަމަ، ހަމަ އެއާ އެއްވަރަށް (އެބަހީ: ބިން ފުރޭހައި ވަރަށް) ފާފަ ފުއްސެވުމައިގެން ތިމަން އިލާހު ތިބާއާ ބައްދަލު ކުރައްވާނެކަން ކަށަވަރެވެ.“

 

ﷲ ތަޢާލާއަކީ ފާފަ ފުއްސަވާ އިލާހެވެ. ކިތަންމެ ގިނަ ފާފަ ކުރެވިފައިވީ ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދެފިނަމަ ﷲ ތަޢާލާ ފާފަ ފުއްސަވައި ދެއްވާނެއެވެ. ކަންކަމުގައި ދުޢާ ކުރުމުގެ ކުރީން އެންމެ ފުރަތަމަ ބަލަން ވާނީ ފާފަތަކުން ސަލާމަތްވޭތޯއެވެ. އަދި ފާފަތަކުން ސަލާމަތްކޮށްދެއްވުމަށް އެދި ﷲ ތަޢާލާގެ ޙަޟްރަތައް ދުޢާ ކުރުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ.  

 

ނިސާ ސޫރަތުގެ 48 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.

 

{إِنَّ اللَّهَ لَا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ}

 

މާނައީ: "ހަމަކަށަވަރުން، اللَّه، އެކަލާނގެއަށް شريك ކުރުމުގެ ފާފައެއް ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ."

 

އިބްނު ރަޖަބު ވިދާޅުވެފައިވާ ބަސްފުޅެއްގައިވެއެވެ. މިޙަދީޘްފުޅުން ބާރުދޭ ގޮތުގައި ފާފަތައް ފުއްސެވުމަށް ތިން ކަމެއް ޙާޞިލްކުރަން ޖެހެއެވެ. ފުރަތަމަ ކަމަކީ އުއްމީދާއެކު ދުޢާ ކުރުމެވެ. ދެވަނަ ކަމަކީ އިސްތިޣްފާރުކޮށް ތައުބާ ލެއްވުމަށް އެދި ދުޢާކުރުމެވެ. ތިންވަނަ ކަމަކީ ތައުޙީދުގެ މަތީގައި މަރުވުމެވެ.

 

މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި: ﷲ ތަޢާލާގެ ރަޙްމަތް ފުޅާވެގެން ދިޔުމާއި، މާތްކަމާއި މަތިވެރިކަން އަންގައިދިނުމެވެ. އަދި ތައުޙީދުގެ މާތްކަމާއި، ﷲ ތަޢާލާ އަކީ ފާފަ ފުއްސަވާ ރަސްކަލާނގެކަން އަންގައިދެއެވެ. ޝިރުކު ކުރުމުގެ ނުބައިކަމާއި، ﷲ ތަޢާލާ ޝިރުކު ކުރާ މީހުންގެ ފާފަ ނުފުއްސަވާނެކަން އަންގައިދިނުމެވެ.

 

 

 

 

 

 

މިއަދު އޮންލައިން