އަނބިންނަށް މަސައްކަތް ބުރަވެ ފިރިމީހާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކޮށްނުދެވޭ ފަހަރުތަކުގަ އެކަނބަލުންނަށް އިހާނެތިކޮށްހިތައި އަނިޔާވެރިވާނަމަ އެކުރެވެނީ ހަމަ ބޮޑެތި ފާފަތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އަނބިންނަށް މަސައްކަތް ބުރަވެ ފިރިމީހާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކޮށްނުދެވޭ ފަހަރުތަކުގަ އެކަނބަލުންނަށް އިހާނެތިކޮށްހިތައި އަނިޔާވެރިވާނަމަ އެކުރެވެނީ ހަމަ ބޮޑެތި ފާފަތައް!

ކޮންމެ މީހަކުވެސް ކަންކަން ކުރަންބޭނުންވާނީ އެކަމެއް ކުރަން އެމީހަކަށް އެންމެ ފަސޭހަވާނެ ނުވަތަ އެންމެ ފަސޭހައިން އެކަމެއް ކުރެވޭނެ ގޮތަށެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް އެމީހުންގެ އަނބިންނާއިމެދުގައި ކަންކަން ކުރެވެނީ އެހެންނަކުން ނޫނެވެ. އަނބިމީހާއަށް ފަސޭހައިން ކަންކަން ކުރެވޭނެގޮތަށް އަނބިމީހާ ލައްވައި ކަންކަން ކުރުވުމުގެ ބަދަލުގައި އެންމެ ދަތި އުނދަގޫ ގޮތަށްވެސް އެބަ ކަންކަން ކުރުވައެވެ.  

ވަރަށް ޢާންމުކަމެއްގެ ވާހަކަ ފާހަގަކޮށްލާނަމެވެ. އެދުވަހުގެ މަސައްކަތް ހުރި ގޮތުން ފިރިމީހާ ކާން ބޭނުންވެގެން ބުނި އެތި ނުކެއްކިހުރީއެވެ. އެއިގެ މާނައަކީ ގޭގައި ނުކެއްކުމެއް ނޫނެވެ. ފިރިމީހާ ބުނި ބާވަތް ތައްޔާރު ނުކުރެވުނީއެވެ.  

އެޙާލަތުގައި އަނބިމީހާ ދެކެ އިންތިހާއަށް އެބަ ރުޅިއައުދެއެވެ. އެއްޗެތި ގޮވައެވެ. ކައްކާފައިހުރި އެއްޗެތި އޭނާގެ ގައަށް އެބަ ޖަހައެވެ. މިއީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. އަދި ކީއްހެއްޔެވެ؟ މިއީ ހަމަ ކަނޑައެޅިގެން އަނިޔާވެރިވުމެވެ. އަދި ކީއްހެއްޔެވެ؟ ކުރެވޭ ވަރަށް ބޮޑު ފާފައެކެވެ!  

ﷲ ތަޢާލާއީ މީސްތަކުންނަށް އޯގާތެރިކޮށް ކަންކަން ކުރުމަށް ލޯބިކުރައްވަވާ ރަސްކަލާނގެއެވެ. އިސްލާމް ދީނުގައި އޮތީ ގެންގުޅޭ ނޯކަރުންނަށްވެސް ބުރަ ނުކުރުވުމަށެވެ. އޯގާތެރިވުމަށެވެ. ހެޔޮކޮށް ހިތުމަށެވެ. ވީއިރު އަނބިމީހާއާއިމެދު ހަރުކަށިވެ ތަކްލީފްތައް އުފުލަން ޖައްސުވަން ހެޔޮވެދާނެ ހެއްޔެވެ؟ 

އަދިކީއްހެއްޔެވެ؟ މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދިނުމަށާއި ދަތިކޮށް އުނދަގޫ ނުކުރުމަށްވެސް ޙަދީޘްފުޅުގައި އެބަ އޮތެވެ. ވީއިރު ކުރިން މިބުނި ފަދައިން އަނބިންނާއިމެދު ކަންކަންކުރަން ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟  

މީސްތަކުންނޭވެ! މީސްތަކުންނަށް ކަންކަން ފަސޭހަކޮށްދޭ މީހަކު ކަމުގައިވާށެވެ. ޚާއްޞަކޮށް އަނބިންނަށް ކަންކަން ފަސޭހަކޮށްދޭށެވެ. އެއީ ހަމަ ތިބާގެ ގައިގެ އެއްބައެވެ. އެއިރުން ﷲ ތަޢާލާ ތިބާއަށް ކަންކަން ފަސޭހަކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން