އަނބިމީހާ ދެކެ ލޯބިވާވާހަކަ ބުނަން ފަސްޖެހުމަކީ ސުންނަތާވެސް ޚިލާފްކަމެއް! އެއީ އަބަދުވެސް ބުނަންޖެހޭ ވާހަކައެއް! ޢަމަލުން ދައްކަންވެސް ޖެހޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 11ސ
އަނބިމީހާ ދެކެ ލޯބިވާވާހަކަ ބުނަން ފަސްޖެހުމަކީ ސުންނަތާވެސް ޚިލާފްކަމެއް! އެއީ އަބަދުވެސް ބުނަންޖެހޭ ވާހަކައެއް! ޢަމަލުން ދައްކަންވެސް ޖެހޭ ކަމެއް!

ސުވަރުގެ ދާން އެދޭމީހާ ޒަވާޖީ ޙަޔާތް އުފާވެރިކުރަން ގަދައަޅައި މަސައްކަތްކުރާށެވެ! ނަރަކައަށް ވަންނަން ޖެހޭނެ ގިނަ ފާފަތަކުން އެއިރުން ސަލާމަތްވެވޭނެއެވެ! އަންހެނަކަސް ފިރިހެނަކަސް ކައިވެނިކުރުމުން ހުއްދަވާ ގުޅުމެއް ކައިވެނީގެ ބޭރުން ހިންގާނަމަ އެކުރެވެނީ ފާފައެކެވެ. އެއިގެ ތެރޭގައި ދެމީހުން އެކަނި ތިބެ ވާހަކަދެއްކުންވެސް ހިމެނިގެންވާކަން އަންގައިދެނީ އެކަމަށް ސަމާލުކަން ދޭންޖެހިފައިވާ މިންވަރެވެ.  

މިރޭގެ ވާހަކަކޮޅު ޚާއްޞަ މިކުރަނީ ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރާނެ ގޮތްތަކާއިމެދުގައެވެ. ފުރަތަމަ ކަމަކަށްބަލާއިރު ޙަޔާތުގެ ބައިވެރިޔާދެކެ ލޯބިވާކަން އަބަދުވެސް ހާމަކުރުމަކީ ސުންނަތެއް ކަމެވެ. ޢާއިޝަތުގެފާނު، އެކަމަނާދެކެ ރަސޫލް ލޯބިފުޅުވެވަޑައިގަންނަވާ މިންވަރާއިބެހޭގޮތުން ސުވާލުކުރައްވަމުން ގެންދެވީތީއެވެ. އަދި އެކަމަނާގެ ސުވާލުތަކަށް ވަރަށް ފުރިހަމައަށް ޖަވާބު ދެއްވަވައި ލޯބިފުޅުވެވަޑައިގަންނަވާކަން ރަސޫލް ހާމަކުރައްވަވަމުން ގެންދެވީތީއެވެ.  

ޙަޔާތުގެ ބައިވެރިޔާ ގާތު އޭނާ ދެކެ ލޯބިވާކަމަށް ބުނަން ވަކި ޢުމުރެއް ނެތެވެ. ޢުމުރުން ކިތަންމެ ގިނަ ދުވަސްވެ ކިތަންމެ މުސްކުޅިވެފައިތިބި ނަމަވެސްމެއެވެ. އެހެނީ ލޯބިވުމަށާއި ލޯބިވާކަން ބަޔާންކުރަން ވަކި އުމުރެއް ނެތެވެ. ލޯބިވުމަށާއި ލޯބި ބޭނުންވުމަށްވެސް ވަކި އުމުރެއް ނެތެވެ! ލޯބި ނުލިބިގެން ޝަކުވާކުރަންވެސް ހިތާމަކުރަންވެސް ވަކި ޢުމުރެއް ނެތެވެ! މިއީ ހުރިހާ ޢުމުރެއްގައިވެސް ހަމަ އެންމެ ބޮޑަށް ބޭނުންވާ ކަންކަމެވެ.  

އެހެނަސް މިއަދު މިފެންނަނީ ކައިވެނިކުރުމަށްފަހު ލޯބިވާކަން ދުލުން ބުނެލަންވެސް ނުކެރިގެން އުޅޭތަނެވެ. ކައިވެނީގެ ކުރިން ތަސްބީޙައެއް ކިޔާހެން ބުނަމުން އައި ބަސްތައް ކައިވެނީގެ ފަހުން ބުނަން ފަސްޖެހޭނަމަ އެއީ ކިހައި ދެރަކަމެއްހެއްޔެވެ؟ ކުރިން ބުނީ ލޯބިން ކަމަށްވާނަމަ ކައިވެނިކުރުމުން އެހެން ބުނަން އޮތީ ކޮން ހުރަހެއް ހެއްޔެވެ؟ ނޫނީ ކުރިން ލޯބިވާކަމަށް ބުނަމުން އައީ ލޯބިނުވެ ހރެހެއްޔެވެ؟ ލޯބިވެގެން ބުނަމުން އައި ބަސްތަކެއް ނަމަ ކައިވެންޏަށްފަހު ލޯތްބަށް އެވީ ކިހިނަކުން ހެއްޔެވެ؟  

މުސްލިމުންގެ ގޮތަކަށްވާންޖެހޭނީ ކައިވެނީގެ ކުރިން ބުނަން ލަދުވެތިވި ބަސްތައްވެސް ކައިވެންޏަށްފަހު ބުނެ ހާމަކުރުމެވެ. ވީމާ ކައިވެނީގެ ކުރިން ލޯބިވާކަމަށްވުރެ މާގިނައިން ކައިވެންޏަށްފަހު ލޯބިވާކަން ހާމަކުރާށެވެ! ޒަވާޖީ ޙަޔާތް ތާޒާކަންމަތީގައި ކުރިއަށް ގެންދަން އެންމެ ބޮޑަށް އެހީތެރިވެދޭނެ އެއް ކަމަކީ ދެމަފިރިންގެ ލޯބި ދިރުވައި އާލާކުރުމެވެ. އެކަމަށް އޮތް އެންމެ މުހިންމު ފަރުވާއަކީ ލޯބިވާކަން ހާމަކުރުމެވެ. ބަހާއި ޢަމަލުންނެވެ. އެކަކު އަނެކަކަށް ވަފާތެރިވުމުންނެވެ.  

އެހެން މީހުންނާއި ވާހަކަ ދައްކާއިރުވެސް ބައިވެރިޔާ ދެކެ ލޯބިވާ ވާހަކަ ބުނަންޖެހޭ ޙާލަތްތަކުގައި ބުނެހާމަކުރާށެވެ! އެކަން ހާމަނުކުރާނަމަ ލޯބިނުވާކަމަށް ހީކުރެވި ދެމެދަށް ޝައިޠޯނާ ވަންނާނެއެވެ! ޝައިޠޯނާގެ ހީލަތްތެރި މަޅިފަތި ކަރަށްވައްޓައިލަން މަސައްކަތްކުރާނެއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން