މިވާހަކައަށް ފެށުމުގެ ކުރިން ނަޞޭޙަތުގެ ބަހެއް ބުނެލާނަމެވެ. އެއީ ދުނިޔޭގައި ފަޟީޙަތްވެދާނެ ކަމުގެ ބިރަށް ނުވަތަ ލަދުން ދަރިން ނުމަރާށެވެ! ޝަރުޢީ ސަބަބެއް ނެތި އެބޯޝަން ހެދުމަކީ ހަމަ ދަރިން މެރުމެވެ. ދުނިޔޭގައި ތިމާ ފަޟީޙަތްވިއްޔާ ވާނީ ކޮންކަމެއް ހެއްޔެވެ؟
ޤަދަރުނުކުރާނީ މީހުންނެވެ! އެބޮޑު ފާފަނުކޮށް ﷲ ތަޢާލާއަށް ބިރުވެތިވެއްޖެނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ތިބާގެ ދަރަޖަ އުފުލިގެންދާނެއެވެ. މަތިވެގެންދާނެއެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އިން ޝާ ﷲ. އެއީ ދުނިޔޭގެ އެންމެން ތިބާއާއިމެދު ދެފާނެ ގޮތަށްވުރެ މާފައިދާ ހުރި ކަންކަމެވެ.
ޙަޤީޤަތް އެނގޭ ކިތަންމެ އަންހެނަކަށް ވަނީ ދުނިޔޭގެ ފަޟީޙަތާއި ކުރިމަތިލާންޖެހިފައެވެ. އެމީހުންނަށް އެކަން ކުރިމަތިވަނީ ކުޑަ ދުވަސްކޮޅަކަށެވެ. އަދި މިއަދު އެމީހުން އުޅެމުން އަންނަނީ ތައުބާވެ ވަރަށް ތަޤްވާވެރިކަންމަތީގައެވެ. ﷲ ތަޢާލާގެ ހެޔޮ ރަޙްމަތުގައެވެ.
ދުނިޔޭގައި ފަޟީޙަތްވުމަށްވުރެ ﷲ ތަޢާލާގެ ޢަޛާބް ޙައްޤުވެއްޖެނަމަ ލިބޭ ގެއްލުން މާބޮޑަށް ބޮޑުވެގެންދާނެއެވެ. ނިމުމެއް ނެތް ހިތާމަކުރަންޖެހިދާނެއެވެ. ވީމާ ކުރަން އޮތް ކަމަކީ ޢަޛާބަށް ބިރުވެތިވެ ޢިއްފަތްތެރިކަމުގައި ޘާބިތުވެ ހުރުމެވެ. ލޯބިވެރިންގެ މަޅީގައި ނުޖެހުމެވެ. ތިމާގެ ހަވާނަފްސް އެދުނަސް ފާފަނުކުރުމެވެ.
ވާހަކަ ވިދާޅުވެލައްވާށެވެ!
ވީވާއަކީ ތަނަވަސް ޢާއިލާއެއްގެ ހުރި ހަމައެކަނި އަންހެންދަރިފުޅެވެ. މަންމަ އާއި ބައްޕަ އަބަދު އުޅެނީ މަސައްކަތުގައެވެ. ވީވާއަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވެއެވެ. ހުންނަނީ މިނިވަންކަމާއއެކު ދޫކޮށްލައިފައެވެ. އުޅޭ ނުއުޅޭ ގޮތެއް ކުރާ ނުކުރާ ކަމެއް ނުބަލައެވެ. އެއިގެ އިތުރުން ޚަރަދުކުރަން ކޭޝްކާޑެއްވެސް އޮންނަނީ ދީފައެވެ.
ވީވާ އުފަލާ މަޖަލުގައި އުޅެމުން ދިއުމުގެ ތެރެއިން ބައްދަލުވި ފިރިހެނަކު ދެކެ ވަރަށް ބޮޑަށް ލޯބިވިއެވެ. އޭނާ ވެސް ވީވާދެކެ ވަރަށް ބޮޑަށް ލޯބިވާކަން ދެއްކިއެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު ބޭނުމަކީ ވީވާގެ އަތުން ފައިސާ ހޯދުމެވެ. އެމަޤްޞަދު އޭނާ ދިއައީ ޙާޞިލްކުރަމުންނެވެ.
ދުވަސްކޮޅެއްވީތަނާ ވީވާ ބަލިވެއިނދެއްޖެއެވެ. ކުރެވުނު ފާފަ ފޮރުވަން ކައިވެނިކުރަން މަޖުބޫރުވެއްޖެއެވެ. އެޙާލަތުގައިވެސް ލޯބިވެރިޔާ ބޭނުންވީ އޭނާގެ މައިންބަފައިންގެ ގޯތިން އޭނާއަށް ލިބޭ ބައިގައި ޢިމާރާތެއް އަޅައި ދެމީހުން ކައިވެނިކޮށްގެން އެތަނުގައި އުޅުމަށެވެ.
ޢިމާރާތް އަޅަން ބޭނުންވާނެ ފައިސާ ވީވާ ދިނެވެ. ނަމަވެސް ޢިމާރާތް އަޅައި ނިމެންދެން ކައިވެނިނުކޮށް ތިބެއްޖެނަމަ ކުރެވުނު ފާފަ ބޭޒާރުވެދާނެކަމުގެ ބިރަށް ކައިވެނި އަވަސްކުރަން ވީވާ ބޭނުންވިއެވެ. އެކަމަށް ޒުވާނާވެސް އެއްބަސްވިއެވެ.
ރަންކިޔައި ވީވާމެންގެ ގޭގައި ކައިވެނިކުރުމުގެ ކަންތައް އިންތިޒާމުކުރިއެވެ. ތާރީޚާއި ގަޑި ކަނޑައެޅިއެވެ. ކައިވެންޏަށް ތައްޔާރުވާންވެސް ލޯބިވެރިޔާއަށް އެތައް ބައިވަރު ފައިސާއެއް ދިނެވެ. ނަމަވެސް ގަޑިއަށް އޭނާ ޙާޒިރެއް ނުވިއެވެ. ފޯނު އޮތީ ނިއްވާލައިފައެވެ. ގުޅޭނެ ގޮތެއް ނުވިއެވެ. އެހެންވެ އެކުވެރިންނާއި ގުޅަމުން ދަނިކޮށް އެނގުނީ އޭނާ އެރޭ ރާއްޖެއިން ފުރާފައިވާ ކަމެވެ.
ވީވާއަށް ހަތަރު އުދަރެސް ފެނުޖެހުނެވެ. ވީވާއަށް ކުރެވިފައިވާ ފާފައިގެ ބަދުނާމުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ ދަރިފުޅު ވައްޓާލުމެވެ. ނަމަވެސް އެކަންކުރަން ވީވާ ބޭނުމެއް ނުވިއެވެ. ވީވާ ބޭނުންވީ ޙަޤީޤަތާއި ކުރިމަތިލާށެވެ.
ވީވާއަށް އެކަމަށް ހިތްވަރުދިނީ ވަރަށް ގާތް އެކުވެރިއެކެވެ. އެއީ ވަރަށް ހެޔޮލަފާ އަންހެނެކެވެ. އޭނާ ވިސްނައިދިނީ ދުނިޔެމަތީގައި ފަޟީޙަތްވުމަކީ އެއްވެސް މައްސަލައެއް ނޫންކަމާއި ބިރުވެތިވާންވީ ނަރަކައިގެ އަލިފާނަށް ކަމަށެވެ. ﷲ އީ ތައުބާވުމުން ފާފަފުއްސަވައިދެއްވަވާ ރަސްކަލާނގެ ކަމާއި ތައުބާވުމުން ނުފުއްސަވާނެ ފާފައެއް ނެތްކަމެވެ.
ވީވާގެ އުޅުން މުޅިން ބަދަލުކޮށްލިއެވެ. އޭނާއަށް ހެޔޮ ނަޞޭޙަތްދިން އެކުވެރި ފަރީދާ ފިޔަވައި ހުރިހާ އެކުވެރިން ދޫކޮށްލިއެވެ. ގެއިން ނުވެސް ނުކުމެ ގޭގައި އިންނަންފެށިއެވެ. ފޫހިފިލުވަމުން ދިއައީ ނަމާދުކުރުމުންނާއި ޤުރްއާން ކިޔެވުމުންނާއި ދީނީ ދަރުސްތައް ބަލައި އަޑުއެހުމުންނެވެ.
އޭނާ އާއިއެކު ވަޤުތު ހޭދަކުރަން ފަރީދާ ގެއަށް އޭނާގެ ގާތަށް ގެނުވައި ދެއެކުވެރިން އުޅުނީ ވީވާގެ ކޮޓަރީގައެވެ. ރޭގަނޑު 3 ޖެހުމުން 2 އަންހެނުން ތެދުވެ ދަމުނަމާދުކޮށް ދުޢާކުރަމުން ދިއައެވެ. ވީވާ އެންމެ ގިނައިން ދުޢާކުރީ ވާން އުޅޭ ބޮޑު ފަޟީޙަތުން އޭނާ ސަލާމަތްކޮށްދެއްވެވުން އެދިއެވެ. މީސްތަކުންގެ މަލާމާތުން ބަރީޢަވެވި އަލުން އައު ދިރިއުޅުމެއް ފެށުމުގެ ހިތްވަރު ދެއްވެވުން އެދިއެވެ.
ވީވާގެ އެދުން ވީވާއަށް ޙާޞިލްވީ ވަރަށް އާދައާއި ޚިލާފް ގޮތަކަށެވެ. ވީވާއަށް އެއްވެސް ތަކްލީފެއް ނުޖެހެއެވެ. ބައިގެނެއްވެސް ނުދެއެވެ. ނަމަވެސް 4 ވަނަ މަހު ޑޮކްޓަރަށް ދެއްކުމުން ބުނީ ވީވާ އިނީ ބަލިވެނޫން ކަމަށާއި ކުރިން ހެދި ޓެސްޓްތަކުން ބަލިވެއިންކަމަށް ދެއްކީ ކީއްވެގެންކަން ބުނަން ނުއެނގޭ ކަމަށެވެ.
ވީވާއަށް ލިބުނު އުފާވެރިކަން ބޮޑުކަމުން ބައްޕަގާތުން ފުރަތަމަވެސް އެދުނީ އޭނާ އާއި ފަރީދާ ގޮވައިގެން މަންމައާއި ބައްޕަ ޢުމުރާއަކަށް ގޮސްދިނުމަށެވެ. އެކަން ވީވާ އެދުނު ގޮތަށް ބައްޕަކޮށްދިނެވެ. ޢުމުރާ ދަތުރުގައި މޫނުނިވާކުރިއެވެ. ރާއްޖެ އައިސް ތަޤްވާވެރިއަކާއި ކައިވެނިކުރިއެވެ. ކައިވެންޏަށް މިހާރު 6 އަހަރުވީއެވެ. 2 ދަރިންވެސް ލިބިއްޖެއެވެ.
ވީވާއަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވި ދުވަހު އެހީތެރިވި ފަރީދާ ދޫކޮށެއް ނުލައެވެ. ގެއިން ފަރީދާއަށް ވަނީ ފްލެޓެއްދީފައެވެ. ދެއެކުވެރިން ދިރިއުޅެމުން ގެންދަނީ 2 އުޚުތުން ފަދައިންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިކިޔައިދިނީ ފަރީދާއެވެ. އަޅުގަނޑު ބޭނުންވަނީ ކިޔުންތެރިން މިހާދިސާއިން ޢިބްރަތް ޙާޞިލުކުރުމަށެވެ. ބުނެލަން ބޭނުންވަނީ ކުރެވޭ ކުށަކުން ދުނިޔެމަތީގައި ކިތަންމެ ބޮޑު ފަޟީޙަތެއްވާންޖެހުނު ނަމަވެސް އާޚިރަތް ދޫކޮށްނުލާށެވެ! ދުނިޔެއަކީ ވަޤުތީ މަންޒިލެކެވެ. ދާއިމީ މަންޒިލަށް ފެށެނީ މަރުވުމުންނެވެ. ތައުބާވެ ހެޔޮ މަގުގައި ކުރިއަށްދާން މަސައްކަތްކުރުމުން ﷲ ތަޢާލާ އެމީހަކަށް ހިތްވަރުދެއްވަވާނެތެވެ. އެކަމަށް މަގުވެސް ފަހިކޮށްދެއްވަވާނެތެވެ.
ހަމައެއާއިއެކު އެކުވެރިއަކަށް އެފަދަ ޙާލަތެއް ކުރިމަތިވުމުން ހެޔޮނަޞޭޙަތްދީ ހިތްވަރުދިނުމަކީ އެކުވެރިން ކޮންމެހެން ކުރަންޖެހޭނެ ކަމެއްކަން ފާހަގަކުރަމެވެ. އެކަމަށް ދުނިޔޭގައި ބަދަލު ނުލިބުނަސް އާޚިރަތް ދުވަހު ބަދަލު ދެއްވަވާނެކަން އެއީ ޔަޤީންކަމެކެވެ.
- ފަރީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް