ގެވެށިއަނިޔާ: މުހިންމީ އަންހެން ފިރިހެން ކުށްވެރިކުރުމެއް ނޫނެވެ! ހަމައެކަކު އެކަކަށްވެސް އަނިޔާނުކުރުމެވެ! އެއްވެސް މީހަކަށް އަނިޔާވެރިނުވާންވީ އެމީހާއަށްޓަކައެއް ނޫނެވެ. ތިމާއަށްޓަކައެވެ. ﷲ ތަޢާލާގެ ކޯފާއިން ތިމާ ސަލާމަތްވެ ހުރުމަށެވެ.
އަހުރެންގެ މިބަހުގައި އަހުރެން މުޅި ދުނިޔޭގެ އެންމެންނަށް ގޮންޖަހާނަމެވެ. އެއްވެސް މީހަކަށް އަނިޔާވެރިވެފައި ބަލިކަށިވެ ނިކަމެތިނުވާ މީހެއް، ފަހުން ހިތާމަކޮށް ކަރުނައަޅަން ނުޖެހޭ މީހެއް ނިކަން ދައްކަބަލާށެވެ!
އަނިޔާވެރިވުމަކީ ހިތްހަރުވާ ކަމެކެވެ. ހިތް ހިލަވީމާ ތިމާގެ ނިކަމެތިކަމަށް އެއްބަސްނުވެދާނެއެވެ. ނަމަވެސް ހުންނާނީ ހަމަ ކަރުނައަޅާ ޙާލުގައެވެ. މިވެނި މީހަކަށް އަނިޔާވެރިވެވުނީތީ ހިތާމަކުރަންޖެހޭ ޙާލުގައެވެ.
ގެވެށި އަނިޔާ ނުކުރަން ނަޞޭޙަތްދޭއިރަށް އެއްބައަކު އަވަސްވެގަންނަނީ އަންހެނުން ނުވަތަ ފިރިހެނުން ކުށްވެރިކުރާށެވެ! އެކަމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާކުރާނީ ހަމައެކަކުވެސް އަނެކާއަށް އަނިޔާ ނުކުރުމުންނެވެ.
އަނިޔާކުރުން މިވަނީ ހައްދުފަހަނައަޅައި ދެމަފިރިން އެކަކު އަނެކަކަށް އަނިޔާކުރަނީއެވެ. މައިންބަފައިން ދަރިންނަށް އަނިޔާކުރަނީއެވެ. ދަރިން މައިންބަފައިންނަށް އަނިޔާކުރަނީއެވެ. މިހިރީ ހައްތާވެސް ގެވެށި އަނިޔާއެވެ. ގޭގެތެރެއިން ކުރެވޭ އަނިޔާއެވެ.
ފައިސާ ދިނުމުން ފައިސާ ދިން މީހާ ބުނާ މީހަކަށް އަނިޔާކުރަނީއެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އަނިޔާވެރިކަމެވެ. ބުނަން ހެއްޔެވެ؟ އެންމެ ނުބައިކަން ބޮޑު އަނިޔާއަކީ ތިމާއަށްވުރެ ބަލިކަށި މީހުންނަށް ކުރާ އަނިޔާއެވެ. ފިރިން އަނބިންނަށް ކުރާ އަނިޔާއެވެ. މައިންބަފައިން އެމީހުންގެ ކުދި ދަރިންނަށް ކުރާ އަނިޔާއެވެ. މައިންބަފައިން މުސްކުޅިވެ ބަލިކަށިވާ ދުވަހު އެމީހުންނަށް ކުރާ އަނިޔާއެވެ. އަދި ޖުމްލަކޮށް ބުނާނަމަ ގަދަފަދަ މީހުން ބަލިކަށިމީހުންނަށް ކުރާ އަނިޔާއެވެ.
ވީމާ ގައިގެ ބާރު ކިތަންމެ ގަދަޔަސް އެއްވެސް މީހަކަށް އަނިޔާވެރިނުވާށެވެ! ﷲ ތަޢާލާ ބާރު ދެއްވަވައިފިނަމަ އެކަމުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ! ވީހާ ގިނައިން އަޅުކަންކުރާށެވެ! ގިނައިރު ނަމާދަށް ކޮޅަށް ހުންނާށެވެ! ދިގުކޮށް ނަމާދުކުރާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިޙާލަތަށް ކަންކަން ގޮސްފައި މިވަނީ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތުމުންނެވެ. ތިރިގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ލިޔުމުގައި ބަޔާންކުރައްވާފައިވާ ޤުދްސިއްޔަ ޙަދީޘްފުޅަށް ވިސްނަވައިލައްވާށެވެ!
އިސްލާމްދީނުގައި ގެވެށި އަނިޔާއަށް ޖާގައެއް ނެތެވެ!
މާތް ﷲ ވަނީ އެ އިލާހުގެ ޒާތުފުޅަށް ވެސް އަނިޔާވެރިކަން ޙަރާމް ކުރައްވާފައެވެ. ޤުދުސީ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. " އޭ ތިމަން އިލާހު އަޅުތަކުންނޭވެ! ހަމަކަށަވަރުން ތިމަން އިލާހުގެ ޒާތުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމްކުރައްވައިފީމެވެ. އަދި ތިޔަބައިމީހުންގެ މެދުގައި ވެސް އެއީ ޙަރާމް ކަމެއް ކަމުގައި ކަނޑައަޅުއްވައިފީމެވެ. ފަހެ، ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާ ހުށިކަމެވެ." (صحيح مسلم: 2577)
އިސްލާމްދީނުގައި އަނިޔާވެރިކަމަށް އެއްވެސް ޖާގައެއް ނެތް ކަން ޤުދުސިއްޔަ މި ޙަދީޘްފުޅުން އެކަނި ވެސް ހާމަވެގެން ދެއެވެ.
އާދެ، ގެވެށި އަނިޔާ އަކީ މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމު ވެފައިވާ އިޖުތިމާޢީ ބަލިމަޑު ކަމެކެވެ. އިންސާނީ ޠަބީޢަތް ނިޔާ ކުރާ ގޮތުން ގިނަ ފަހަރަށް މިފަދަ އަނިޔާގެ އަމާޒު ފަތްގަނޑަކަށް ވެގެން ދަނީ އަންހެނުންނެވެ. މިއީ އަވަސް ފަރުވާއެއް ބޭނުން ވެފައިވާ އިޖުތިމާޢީ ފާރުގަނޑެއް ކަން ކަށަވަރެވެ.
ކީރިތި ޤުރުއާނަށް ނަޒަރު ހިންގައިލާއިރު ފެނިގެން ދަނީ އެކަނބަލުންނާއެކު ހެޔޮ ގޮތުގައި އުޅުމަށް އަމުރު ކުރައްވާފައިވާ އިލާހީ އަމުރުފުޅެވެ. އަދި ނުއުޅެވި ވަކިވާން ޖެހިއްޖެނަމަ، ހެޔޮ ގޮތުގައި ވަކިވުމަށް ކުރައްވާފައިވާ އަމުރުފުޅެވެ. މިއީ ޤުރުއާނުގެ ސީދާ ނައްޞުތަކުން ފެންނަން އޮތް ޙަޤީޤަތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم ގެ ގިނަގުނަ އިރުޝާދުފުޅުތަކާއި ވަޞިއްޔަތްޕުޅުތަކުގައި ވެސް އެކަލޭގެފާނު ވަނީ އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރައްވާފައެވެ. ޙައްޖަތުލް ވަދާޢުގައި " ތިޔަބައިމީހުންގެ އަނބިންނަށް ހެޔޮކޮށް ހިތުމަށް ތިމަންކަލޭގެފާނު ވަޞިއްޔަތް ކުރައްވަމޭ" ޙަދީޘްފުޅު ކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ އެންމެ ފަހު ނޭވާފުޅުގައި ކުރެއްވި ވަޞިއްޔަތުގައި ވެސް އަނބިންނަށް ހެޔޮކޮށް ހިތުމަށް ވަޞިއްޔަތް ކުރެއްވިއެވެ. މީގެ އިތުރުން، ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އެމީހެއްގެ އަހުލުންނަށް (އެބަހީ އަނބިދަރިންނަށް) ހެޔޮ މީހާ ކަމަށް ވެސް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ.
ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި މިހައި ވަރަށް އަންހެނުންނަށް އޯގާތެރިވުމަށް އަންގަވައި އަމުރުކުރައްވާފައި ވީހިނދު އެ އަމުރުފުޅުތަކާ ދެކޮޅަށް ފުރިހަމަ މުއުމިނަކު ޢަމަލެއް ނުކުރާނެކަން ޔަޤީނެވެ. އެފަދައިން މީހެއްގެ ފަރާތުން އެ ކަންކަން ފެންނަނަމަ އެއިން އެނގިގެން ދަނީ ދީނާ އެމީހަކު ދުރުވެފައިވާ މިންވަރެވެ. މާތް ﷲ އަށް ބިރުވެތިވުމެއް ނެތް މިންވަރެވެ. އެމީހެއްގެ ހިތުގައި އިންސާނިއްޔަވަންތަކަން ވެސް ގެއްލިފައިވާ ކަމެވެ.
ދެމަފިރިއެއްގެ ދެމެދުގައި ގޮށްޖެހިގެންދާ ޒަވާޖީ ޙަޔާތުގެ ގުޅުމެއްގެ އަސާސަކަށް ވާން ޖެހޭނީ ލޯތްބާއި ކުލުނާއި އަޅާލުމާއި ހަމްދަރުދީ އާއި ރަޙުމާއި އޯގާތެރިކަމެވެ. އެއީ އަނިޔާވެރިކަމާއި ގޯނާއާއި ފުރައްސާރައާއި ނަފްރަތުގެ މައްޗަށް ބިނާވާން ޖެހޭ ގުޅުމެއް ނޫނެވެ.
ގެވެށި އަނިޔާއިން ސަލާމަތްވެފައިވާ ރަނގަޅު މުޖުތަމަޢެއް ބޭނުން ނަމަ، އަޅުގަނޑުމެންނަށް އޮތީ މާތް ﷲ ބިރުވެތިވެ، އެ އިލާހުގެ ދީނުގައި ވާ އަމުރުފުޅުތަކާއި އިރުޝާދުފުޅުތަކަށް ޙުރުމަތްތެރިކޮށް ހިތައި އެކަންކަމަށް ކިޔަމަންގަތުމެވެ.
- ޝައިޚް ޝަފީޢު ޢަބްދުﷲ