ނަމާދުގަ ކިޔާ އެއްޗެތި ނޭނގޭނަމަ ނަމާދުކުރާނެ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނަމާދުގަ ކިޔާ އެއްޗެތި ނޭނގޭނަމަ ނަމާދުކުރާނެ ގޮތް!

ނަމާދުގައި ކިޔާ ތަކެތި ނުއެނގޭނަމަ ނަމާދުކުރަން ޢަމަލުކުރަންވާ ގޮތަކާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކރައްވާތީ ދަންނަވަމެވެ.  

ފުރަތަމަ ކަމަކީ ނަމާދުގައި ކިޔާ ތަކެތި ނުއެނގުމަކީ ނަމާދުނުކޮށް ހުންނަން ދެއްކޭނެ ޢިޛުރެއް ނޫނެވެ. ނޭނގޭ ނަމަ ދަސްކުރާނީއެވެ. ދަސްވާވަރަކުން ކިޔާނީއެވެ. އެކަނިހުރެ ނަމާދުކުރާނަމަ ބަލައިގެންކިޔާނީއެވެ.  

މިމައްސލައިގައި ބޭރުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ އަލްޙަމްދުގެ އިތުރުން ނަމާދުގައި ކިޔަން މަޖުބޫރުވެގެންވަނީ ވަރަށް ކުރުތަކުބީރުތަކެއް ކަމަށާއި ބަލައިގެން ކިޔަންވެސް ނުއެނގޭ މީހާއަށް ޒަމާނީ ވަސީލަތެއް (ތަފާތު އެޕްލިކޭޝަން) އަޑުއަހައިގެންވެސް ދަސްކުރެވޭނެ ކަމަށެވެ.  

މީގެ އިތުރުން ނަމާދުކުރަން ފެށުމުން ނަމާދުގައި ކިޔަންޖެހޭ ތަކެތި ކިޔައިދޭ މުސައްލަ ނުވަތަ ކުނާވެސް މިހާރުވަނީ އުފައްދައިފައެވެ. މާލޭގައި ކުޑަކުދިންގެ އެއްޗެތި ވިއްކުމަށް ޚާއްޞަ ފިހާރަތައް ކަމުގައިވާ ގޫޗިގޫގެ ފިހާރަތަކުން މިބާވަތުގެ މެޓް ވިއްކާކަމަށް ވަނީ މަޢްލޫމާތު ލިބިފައެވެ. މާލެއިން ގަންނަން ނުލިބޭނަމަ އޮންލައިންކޮށް ގަނެވެންވެސް އެބައޮތެވެ.  

ޝައިޠޯނާ އޭތީގެ މަސައްކަތްކުރިއަށްޖެއްސި ވަރަށްވުރެ މާބޮޑަށް ﷲ ތަޢާލާ ވަނީ ދީނުގައި ޘާބިތުވެ ކުރިއަށް ދެވޭނެ މަގު ފަހިކޮށް ދެއްވަވައިފައެވެ. އަހުރެމެންނަށް އޮތީ ބަލައިގަނެ ޢަމަލުކުރުމެވެ. ކަންނެތްވެ ޢަމަލު ނުކޮށްފައި ދެއްކޭނެ ބަހަނާއެއް ނުވަތަ ޢުޛުރެއް ނުއޮންނާނެއެވެ.

 

 

 

 

މިއަދު އޮންލައިން