އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ މަސައްކަތްތައް ރަސްމީކޮށް ދަރުބާރުގެއިން ދޭންފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 29ސ
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ މަސައްކަތްތައް ރަސްމީކޮށް ދަރުބާރުގެއިން ދޭންފަށައިފި

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ މަސައްކަތްތައް ރަސްމީކޮށް ދަރުބާރުގެއިން ދޭންފަށައިފިކަމަށް އެ މިނިސްޓްރީން މިއަދު ހާމަކޮށްފިއެވެ.

މިގޮތަށް މަސައްކަތްތައް ބަދަލުކުރަން ޖެހުނީ 12 ޑިސެންބަރު 2024 ވަނަ ދުވަހުގެ ހެނދުނު އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ ހިންގަމުންއައި އިމާރާތުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެންނެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން، މިނިސްޓްރީގެ މަސައްކަތްތައް ވީހާވެސް އަވަހަކަށް އަލުން ފެށުމަށްޓަކައި ސަރުކާރުގެ ގިނަ ކުންފުނިތަކާއި، ވުޒާރާތަކާއި، އަދި އަމިއްލަ ފަރާތްތަކުގެ ވަރަށް ފުރިހަމަ އެއްބާރުލުން ލިބެމުންދެއެވެ. އަދި މި މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހައުސިންގ، އަދި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ މުވައްޒަފުންވެސް މައިގަނޑު މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރުމުގައި ދަނީ ގުޅިގެން މަސައްކަތްކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 3 ވުޒާރާގެ ހާލަތު ގާތުން ބައްލަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތްވަރަށާއި، އިރުޝާދުފުޅާއި، އެއްބާރުލެއްވުމަށް މިނިސްޓްރީން ވަނީ އިޚުލާސްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ މި ހާލަތުން އަރައިގަތުމަށް އެކި ގޮތްގޮތުން މިނިސްޓްރީއަށް މެދުކެނޑުމެއްނެތި އެހީތެރިވަމުންދާ ހުރިހާ ފަރާތްތަކަށް އެކަން އަގު ވަޒަންކޮށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން މިނިސްޓްރީގެ މަސައްކަތްތަކާއި ބެހޭ އިތުރު މައުލޫމާތުތަކާއި ހިނގަމުންދާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު މިނިސްޓްރީގެ އެކްސް ހޭންޑްލްއިންވެސް ލިބެންހުންނާނެކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.

މިއަދު އޮންލައިން