ފެމެލީ ކޯޓުން އަންނަ އަހަރު ހަފުތާ ބަންދު ދުވަސްތައްވެސް ހިމެނޭހެން ހުރިހާ ދުވަހެއްގައި ކައިވެނިކޮށްދޭން ނިންމައިފިއެވެ. މިއީ ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން ނިންމާފައިވާ ނިންމުމެކެވެ.
ފެމެލީ ކޯޓުން މަޢުލޫމާތު ދެއްވިގޮތުގައި، ކުރީގެ އަހަރުތަކުގައި ހަފުތާ ބަންދު ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށް ނުދިން ނަމަވެސް، އަންނަ އަހަރުން ފެށިގެން އެ ދުވަސްތަކުގައިވެސް ކައިވެނިކޮށްދެވޭނެއެވެ. މިގޮތުން ހުކުރު ދުވަހު ކައިވެނިކޮށްދޭނީ މެންދުރުފަހު 3 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ. އަދި ހޮނިހިރު ދުވަހު ކައިވެނިކޮށްދޭނީ ހެނދުނު 10 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ.
ރަސްމީ ދުވަސްތަކުގައި ކޯޓުގައި ކައިވެނިކޮށްދޭނީ ހެނދުނު 9 އިން ރޭގަނޑު 9:30 އާ ހަމައަށެވެ. އަދި ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނީ މެންދުރުފަހު 3 އިން ފެށިގެން ރޭގަނޑު 9:30 އާ ހަމައަށެވެ.
ފެމެލީ ކޯޓުން އިތުރަށް މަޢުލޫމާތު ދެއްވިގޮތުގައި، ރިސޯޓްތަކާއި ސަފާރީތަކުގައި ކައިވެނިކޮށްދޭނެ ވަގުތުތައް ކަނޑައަޅާނީ އެކަމަށް އެދި ހުށަހެޅުމުންނެވެ. އަދި އަންނަ ރަމަޟާން މަހު ކައިވެނިކޮށްދޭނެ ގަޑިތައް ފަހުން އިޢުލާން ކުރާނެ ކަމަށްވެސް ފެމެލީ ކޯޓުން ވިދާޅުވިއެވެ.
މި ނިންމުމަކީ ކައިވެނިކުރަން ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ނިންމުމެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ހަފުތާ ބަންދު ދުވަސްތަކުގައި ކައިވެނިކުރަން ބޭނުންވާ ފަރާތްތަކަށް މި ނިންމުމަކީ އުފާވެރި ޚަބަރެއް ކަމަށް ފާހަގަކުރެވެއެވެ.