ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތަކުގައި މޯލްޑިވްސް އިމިގްރޭޝަނުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 3 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ހޮނިހިރު ދުވަހުއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވިގޮތުގައި، މި އޮޕަރޭޝަނުގައި ހިޔާ ފްލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް 13 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރޭގައި 8 ފިހާރައާއި، 4 ކެފޭ، ރެސްޓޯރެންޓް އަދި ބޭކަރީގެ އިތުރުން އެއް ސެލޫން ހިމެނެއެވެ. ބަލައި ފާސްކުރެވުނު ތަންތަނުގެ ތެރެއިން ދެ ތަނެއްގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 3 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނަކީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމަށް މޯލްޑިވްސް އިމިގްރޭޝަނުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ތެރެއިން އެއް އޮޕަރޭޝަނެވެ. މި އޮޕަރޭޝަންތަކުގެ ދަށުން މިހާތަނަށް 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތުގެ ދި މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓުތަކާއި، ސިނާއީ ރަށްތަކާއި، އަދި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
ސަރުކާރުން މިހާރު ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށްފައެވެ. އަދި ރާއްޖޭގައިތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލައަށް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.