ބަދަލުދިން މައްސަލައިގެ ޖިނާޢީ ތަހުގީގެއް ހިންގުމަށް ޕީޖީ އިން އޭސީސީގައި އެދިއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 3ސ
ބަދަލުދިން މައްސަލައިގެ ޖިނާޢީ ތަހުގީގެއް ހިންގުމަށް ޕީޖީ އިން އޭސީސީގައި އެދިއްޖެ

ކުރީ ސަރުކާރުގައި އެކި ފަރާތްތަކަށް ބޮޑެތި ޢަދަދުތަކުން ބަދަލުދިން މައްސަލައިގެ ޖިނާޢީ ތަހުގީގެއް ހިންގުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެދިވަޑައިގެންފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިކަން އަންގާފައިވަނީ، 17 ނޮވެންބަރު 2018 އިން ފެށިގެން 17 ނޮވެންބަރު 2023 އަށް ދައުލަތުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާއާގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ކޮމިޓީއަށް ފާހަގަވި ކަންކަމުގެ ރިޕޯޓު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައެޅުމާ ގުޅިގެންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާ ގޮތުގައި، މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ ބައެއް ފަރާތްތަކުގެ މައްޗަށް ދައުލަތުގެ ފައިސާއާއި މުދާ، އޭގެ ޙައްޤުވެރިން ނޫން އެހެން ފަރާތްތަކަށް ދީ، އަދި ދިނުމަށް މަސައްކަތްކޮށްފައިވާކަމަށް ތުހުމަތުކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މިކަމުގައި ދައުލަތުގެ މުވައްޒަފުންތަކެއް ރަސްމީ ވާޖިބުތަކާ ޚިލާފަށް، އަދި ދައުލަތަށް ގެއްލުން ލިބޭގޮތަށް ޢަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ރިޕޯޓުގައި ފާހަގަކޮށްފައިވާކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މި މަހުގެ 17 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލް ވަނީ އޭސީސީގައި މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދިވަޑައިގެންފައެވެ. އަދި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށާއި، ތަހުގީގަށް ކުރިއެރުން ލިބެމުންދާ ވަރަކުން ޕީޖީ އޮފީހާ މަޝްވަރާކުރަމުން ގެންދިއުމަށްވެސް އޭސީސީގައި ދަންނަވާފައިވާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށްފައިވަނީ، ކުރީގެ ސަރުކާރުގެ ސެޓަލްމަންޓް ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން، އެކި ފަރާތްތަކަށް ބަދަލުދިން މައްސަލައިގައި އޭރު އޮތް އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ، އަދި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟް އިސްމާޢީލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު ޢަލީ ޝިޔާމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ދައުވާކުރެވޭނަމަ އެކަން ކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލަށް ލަފާ އެރުވުމަށެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމުމުގައިވަނީ ދައުލަތުގެ އިސް މަޤާމެއްގައި ހުރެ، ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ވާޖިބުތަކާ ޚިލާފަށް، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާއާއި މުދަލުގެ ޙައްގުވެރިން ފިޔަވައި އެހެން ފަރާތަކަށް ލިބިދިނުމަށް މަސައްކަތް ކޮށްފައިވާކަމަށް ތިން ބޭފުޅުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭކަމަށެވެ.

މީގެ އިތުރުން، 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ބަދަލު ދިނުމުގެ އުސޫލުގެ ދަށުން ސޮއިކޮށްފައިވާ އެއްބަސްވުންތަކަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމުގައި ކޮމިޓީއަށް ފެންނަކަމަށާއި، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ކުރަންޖެހޭ އެންމެހާ ޤާނޫނީ ކަންކަން ކުރުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ.

ސެޓްލްމަންޓް ކޮމެޓީ އުވައިލެއްވިއިރު، އެ ކޮމިޓީން ވަނީ އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނިންމާފައެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާއި ރަށްރަށާއި ފަޅުތައް ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އޭރު ނިންމާފައިވާނެކަމަށް އަންދާޒާކޮށްފައިވެއެވެ.

މި އެއްބަސްވުންތަކުގެ ތެރެއިން 9 އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއް ކަމަށް ބަންޑާރަނައިބު މިހާރު ވަނީ ނިންމަވާފައެވެ. އަދި މި އެއްބަސްވުންތަކުން 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ބަދަލުގެ ގޮތުގައި ދިނުން ހުއްޓުވާފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން