ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރ މުޙައްމަދު މަޢުރޫފް ޖަމީލް ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް މަޢުރޫފް ޖަމީލް ޢައްޔަންކުރެއްވީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިންނެވެ.
މި މަޤާމަށް މަޢުރޫފް ޖަމީލް ޢައްޔަންކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ފަޒުލް އިސްތިއުފާ ދެއްވީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަޙްޤީޤު ކުރަމުންދާތީ، އެ ތަޙްޤީޤަށް ފުރުޞަތު ދިނުމަށެވެ. ނަމަވެސް، ފަޒުލް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.
މަޢުރޫފް ޖަމީލަކީ ހުޅުމާލެ ތަރައްޤީކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. އޭނާ ވަނީ ހުޅުމާލެ ތަރައްޤީކުރަން ފެށި ދުވަސްވަރު، އެކަމަށް އުފެއްދެވި ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެއިތުރުން، އެޗްޑީސީ އުފެދުމާއެކު، އެ ކުންފުނީގެ ސީއީއޯގެ ހައިސިއްޔަތުންވެސް ހުޅުމާލޭގެ ތަރައްޤީއަށް އިސްކަންދެއްވައިގެން ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުގެ ހައިސިއްޔަތުންވެސް މަޢުރޫފް ޖަމީލް ވަނީ ހުޅުމާލޭގެ ތަރައްޤީއަށް މުހިންމު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ތަރައްޤީގައި މިހާރު ފެންނަ ކުރިއެރުންތަކުގެ އެންމެ އިސް އެއް ބޭފުޅަކީ މަޢުރޫފް ޖަމީލެވެ.
މި ޢައްޔަންކުރެއްވުމާއެކު، އެޗްޑީސީގެ ކުރިމަގު އިތުރަށް ފުޅާވެ، ހުޅުމާލޭގެ ތަރައްޤީ އިތުރަށް ހަލުވިވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.