ޗައިނާގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުން މޯލްޑިވްސް ޕޮލިޓެކްނިކަށް ރިހި މެޑަލް ހޯދައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޗައިނާގައި ބޭއްވި ބައިނަލްއަޤްވާމީ މުބާރާތުން މޯލްޑިވްސް ޕޮލިޓެކްނިކަށް ރިހި މެޑަލް ހޯދައިފި

ޗައިނާގެ ބެއިޖިންގ އަދި ޗިންގޑާއޯގައި މިމަހުގެ 16 އިން 20 އަށް ބޭއްވުނު "ތަރޑް ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ވަރކް ސްކިލްޑް ކޮންޓެސްޓް" މުބާރާތުން މޯލްޑިވްސް ޕޮލިޓެކްނިކުން ރިހި މެޑަލް ހޯދައިފިއެވެ.

މި މުބާރާތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކުރި ޓީމުގައި ހިމެނެނީ ލެކްޗަރަރ މުޙައްމަތު ލަޠީފާއާއި، ދަރިވަރުންކަމުގައިވާ އަޙްމަދު ލިވާޒް އަދި މުޙައްމަދު ނަސީމެވެ.

ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި އެކި ޤައުމުތަކުގެ ބައިވެރިން ފަންނީ އަދި ވޮކޭޝަނަލް ހުނަރުތައް ދައްކާލާފައިވެއެވެ. މި ކާމިޔާބީއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިޓެކްނިކުން ވިދާޅުވެފައިވަނީ، ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކާއި އިންސްޓިޓިއުޝަންތަކުގެ ބައިވެރިންނާ ވާދަކޮށް މިފަދަ ފަހުރުވެރި ކާމިޔާބީއެއް ހޯދުމަކީ، ވޮކޭޝަނަލް ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް ކުރިއަރަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.

މީގެ އިތުރުން، މިފަދަ ކުރިއެރުންތަކުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންގެ ހުނަރުވެރިކަމާއި، ވޮކޭޝަނަލް ތަޢުލީމަށް އޮތް ޝައުޤުވެރިކަން ވަރަށް ސަރީހަކޮށް ދައްކުވައިދޭކަމަށްވެސް ޕޮލިޓެކްނިކުން ފާހަގަކުރައްވާފައިވެއެވެ. މި ކާމިޔާބީގެ ސަބަބުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށްދިނުމަށް ދޭ އަހައްމިއްޔަތު އިތުރަށް ހަރުދަނާވެގެންދާނެކަމަށްވެސް މޯލްޑިވްސް ޕޮލިޓެކްނިކުން ދެކެއެވެ.

މި ޓީމުގެ ކާމިޔާބީން، މުސްތަޤުބަލަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ދަރިވަރުން ބާރުވެރިކުރުވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުހިންމު ދައުރު ފާހަގަކުރެވެއެވެ. މި ކާމިޔާބީއަކީ ރާއްޖޭގެ ވޮކޭޝަނަލް ތަޢުލީމުގެ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ބެލެވެއެވެ.

މިއީ މޯލްޑިވްސް ޕޮލިޓެކްނިކުން މިފަދަ ބައިނަލްއަޤްވާމީ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. 

މިއަދު އޮންލައިން