ޒުހޫރުގެ ސިޓީއެއް ނުލިބޭ، އެފަދަ ސިޓީއެއް ލިބުނުނަމަ ވަގުތުން ފިޔަވަޅު އެޅުއްވީސް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޒުހޫރުގެ ސިޓީއެއް ނުލިބޭ، އެފަދަ ސިޓީއެއް ލިބުނުނަމަ ވަގުތުން ފިޔަވަޅު އެޅުއްވީސް: ރައީސް

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ ޗެއަރމަން އަޙްމަދު ޒުހޫރުގެ އެއްވެސް ސިޓީއެއް ލިބިވަޑައިގެންފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އަދި އެފަދަ ސިޓީއެއް ލިބިވަޑައިގަތްނަމަ، ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ކޮރަޕްޝަނާއި ޤަވާޢިދާ ޚިލާފު ޢަމަލުތައް ހުއްޓުވުމަށް އެއްވެސް ހާލެއްގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. މި ގޮތުން، އެޗްޑީސީގެ ބައެއް މުވައްޒަފުން ވަނީ ވަކިކުރައްވާފައެވެ. އަދި ކުންފުނީގައި ކޮރަޕްޝަނަށް ޖާގައެއް ނުދެއްވާނެ ކަމަށް ވެސް ރައީސް އިޢުލާނުކުރެއްވިއެވެ.

"އަޅުގަނޑުމެން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާނަން. އެޗްޑީސީގެ އައު ޗެއަރމަނަށް އަޅުގަނޑު ފުރިހަމައަށް އިތުބާރުކުރަން. އެ ބޭފުޅާ ކުންފުނި ހިންގަވާނީ ހަރުދަނާކަމާއެކު ކަމަށް އަޅުގަނޑަށް ޔަޤީން," ރައީސް މުޢިއްޒު ވިދާޅުވިއެވެ.

އެޗްޑީސީގެ ޗެއަރމަންކަމުގެ މަޤާމުން އަޙްމަދު ޒުހޫރު ވަކިކުރެއްވީ މި މަހުގެ 22 ވަނަ ދުވަހުއެވެ. މި ވަކިކުރެއްވުމާ ގުޅިގެން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅޭގޮތުން ރައީސް މުޢިއްޒު މި ބަސްފުޅުތައް ވިދާޅުވެފައިވަނީ މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

މިއަދު އޮންލައިން