ކިތަންމެ ކުޑަކަމެއް ނަމަވެސް ބޮޑުކަމެއް ނަމަވެސް ޙާޞިލްކުރެވުނީ ތިމާގެ މޮޅުކަމުން ކަމަށް ހީކުރެވުނަސް އެމީހަކަށް ﷲ ތަޢާލާގެ ޙައްޤުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 8ސ
ކިތަންމެ ކުޑަކަމެއް ނަމަވެސް ބޮޑުކަމެއް ނަމަވެސް ޙާޞިލްކުރެވުނީ ތިމާގެ މޮޅުކަމުން ކަމަށް ހީކުރެވުނަސް އެމީހަކަށް ﷲ ތަޢާލާގެ ޙައްޤުވާނެ!

"ކިތަންމެ ކުޑަކަމެއް ނަމަވެސް ބޮޑުކަމެއް ނަމަވެސް ޙާޞިލްކުރެވުނީ ތިމާގެ މޮޅުކަމުން ކަމަށް ހީކުރެވުނަސް އެމީހަކަށް ﷲ ތަޢާލާގެ ޙައްޤުވާނެ!" ކަމަށް ބުނީމާ ހީކުރެވުނަސް މި ލަފްޒާމެދު ސުވާލު ނުއުފައްދާށެވެ. ސަބަބަކީ ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވަނީ ﷲ ތަޢާލާ ކަމަށް ޤަބޫލުކުރަންޖެހޭކަން ކީރިތި ޤުރްއާނުން ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއްގައި ކުރަން އޮތީ ކޮން ހީއެއް؟ ނުވަތަ ކޮން ޝައްކެއް ހެއްޔެވެ؟ 

ރަނގަޅަށް އަޑުއަހާށެވެ! ކަންކަން ޙާޞިލްކުރެވުމުން މިވެނި އެވެނިކަމެއް ޙާޞިލްކުރެވުނީ ތިމާގެ މޮޅުކަމުން، ތިމާގެ ވިސްނުން ތޫނުކަމުން ކަމަށް ޤަބޫލުކޮށްފި މީހާ އެހުރީ ﷲ ގެ ކޯފާ ޙައްޤުވެފައެވެ. އެހެނީ އޭނާއަށް އެބުނެވެނީ ޤާރޫނު ބުނި ބަހެވެ. 

ޤާރޫނު ބުނީ އޭނާއަށް ތަނަވަސްކަން ލިބުނީ އޭނާގެ މޮޅުކަމުންނާއި އޭނާގެ ވިސްނުން ތޫނުކަމުންކަމަށެވެ. މައްސަލަ ޖެހެނީ އެހިސާބުންނެވެ. އޭނާ ވިސްނީ ކޮން އެއްޗަކުންހެއްޔެވެ؟ ސިކުނޑިން ކަމަށްވާނަމަ އޭނާގެ ސިކުނޑިއަކީ އޭނާ އުފެއްދި އެއްޗެއް ހެއްޔެވެ؟ ނުވަތަ ﷲ ތަޢާލާ ދެއްވެވި އެއްޗެއް ހެއްޔެވެ؟ 

ހަމަޔަޤީނުންވެސް އިންސާނުންނަށް ސިކުނޑި ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއްވެސް މީހަކު ވިސްނަނީ އޭނާ އަމިއްލައަށް އުފެއްދި ސިކުނޑިއަކުންނޫނެވެ. ﷲ ތަޢާލާ އޭނާއަށް ދެއްވެވި ސިކުނޑިންނެވެ. އެހެންކަމަށްވާއިރު އެމީހާގެ ކިބައިގައި އޮތީ ކޮން މޮޅުކަމެއް ހެއްޔެވެ؟ 

ސައިންސްވެރިން މޮޅުނަމަ އަމިއްލައަށް މާމޮޅު ސިކުނޑިއެއް އުފައްދަންވީ ނޫންހެއްޔެވެ؟ އަމިއްލައަށް އުފައްދާ ސިކުނޑިން ވިސްނައިގެން ކަންކަން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ އަދި ކީއްވެހެއްޔެވެ؟ ކިތަންމެ މޮޅު ސައިންސްވެރިއެއް ނަމަވެސް އޭނާއަށް ﷲ ދެއްވެވި ސިކުނޑިއަށް އެއްވެސް މައްސަލައެއް ޖެހިއްޖެނަމަ ވަނީ މޮޔައަކަށެވެ. ނުވަތަ ނުކުޅެދޭ މީހަކަށެވެ. ނުވަތަ އެހެންވެސް ކޮންމެވެސް ގޮތެއް މެދުވެރިވެފައި ހުރި މީހަކަށެވެ. 

މިހިރީ ވިސްނަންޖެހޭ ކަންކަމެވެ. އެއްވެސް މީހެއްގެ ކިބައިގައި އެއްވެސް މޮޅުކަމެއް ނެތެވެ. ހުރިހާ މޮޅުކަމަކަމަކާއި ބާރުތައް މިލްކުވެވޮޑިގެންވަނީ ﷲ ތަޢާލާއަށެވެ. ކޮންމެ މީހަކަށްވެސް ކަންކަން ލިބޭނީ ﷲ ތަޢާލާ ދެއްވެވި މިންވަރަކަށެވެ. ވީމާ ތިމާއަކީ މާމޮޅު މީހެއްކަމަށް ހެދިގެން މޮޅު، ގަދަފަދަ ބަސްތައް ނުބުނާށެވެ. އެފަދަ ބަސްތައް ބުނާނަމަ އެނގިގެންދަނީ އެމީހާގެ ކިބައިގައި އެއްވެސް މޮޅުކަމެއް ނެތްކަމެވެ. އެމީހާގެ ސިކުނޑީގައި އެއްވެސް ބާރެއްވެސް ނެތްކަމެވެ. ބާރެއް ހުރިނަމަ މިބުނި ކަންކަން ވިސްނި ޤަބޫލުކުރެވުނީހެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން