ނަމާދުކުރާމީހާގެ ކުރިމަތިން ހުރަސްކުރުމާބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 22ސ
ނަމާދުކުރާމީހާގެ ކުރިމަތިން ހުރަސްކުރުމާބެހޭގޮތުން އެނގުން މުހިންމު ބައެއް ކަންކަން

ނަމާދުކުރާ މީހެއްގެ ކުރިމަތިން ހުރަސްކުރުންވަނީ ދެ ގޮތަކަށެވެ.  

ފުރަތަމައީ: ސުތުރާއެއް ނަގައިގެން ހުރެ ނަމާދުކުރާ މީހާ- 

ނަމާދުކުރަމުންދާ މީހާއާ އެމީހެއްގެ ސުތުރާއާ ދެމެދުން އެއްވެސް މީހަކު ހުރަސްކޮށްގެން ނުވާނެއެވެ. އެއީ ޙަރާމްކަމެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«لَوْ يَعْلَمُ المَارُّ بَيْنَ يَدَيِ المُصَلِّي مَاذَا عَلَيْهِ، لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ» [رواه البخاري (510)، ومسلم (507)]

މާނައީ: "ނަމާދުކުރާމީހާގެ ކުރިމަތިން ހުރަސްކުރާ މީހާއަށް، އޭނާގެ މައްޗަށްވާ ކަންތައް (އެބަހީ: ފާފައިގެ ބޮޑުކަން) އެނގޭނަމަ، އެމީހާގެ ކުރިމަތިން ހުރަސްކުރުމަށް ވުރެ، ސާޅީސް (ދުވަސް ނުވަތަ މަސް ނުވަތަ އަހަރު) ވަންދެން ހުއްޓިހުރުން، އޭނާއަށް ހެޔޮކަން ބޮޑުވީހެވެ." 

(މި ޙަދީޘްގެ ސަނަދުގައިވާ ރާވީއެއްކަމުގައިވާ) އަބުއްނަޟްރު رحمه الله ވިދާޅުވިއެވެ.

"އެކަލޭގެފާނު ވިދާޅުވީ ސާޅީސް ދުވަސްކަމެއް ނުވަތަ މަސްކަމެއް ނުވަތަ އަހަރުކަމެއް ތިމަންނާއަކަށް ނޭނގެއެވެ." 

ފަހެ ނަމާދުކުރަމުންދާ މީހަކު ހުއްޓިގެން ހުންނަތަނާ ސަޖިދަ ޖަހާތަނާ ދެމެދުން ހުރަސްކުރުމެއް ނުވެއެވެ. އެހެނަސް އެފަދަ މީހެއްގެ ސުތުރާގެ ފަހަތުން ހުރަސްކުރެވިދާނެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

«إِذَا وَضَعَ أَحَدُكُمْ بَيْنَ يَدَيْهِ مِثْلَ مُؤْخِرَةِ الرَّحْلِ فَلْيُصَلِّ، وَلَا يُبَالِ مَنْ مَرَّ وَرَاءَ ذَلِكَ» [رواه مسلم 241 – (499)]

މާނައީ: "ތިޔަބައިމީހުން ކުރެ މީހަކު، އެމީހެއްގެ ކުރިމަތީގައި ޖަމަލު މަތީގައި ބައިންދާ ގޮނޑީގެ ފަހަތުބައިވަރުވާ އެއްޗެއް ބަހައްޓައިފިނަމަ، ފަހެ (އެއާ ކުރިމަތިލައިގެން) ނަމާދުކުރާށެވެ. އަދި އޭގެ ފަހަތުން ހުރަސްކުރާ މީހާއާމެދު ފަރުވާލެއް ނެތެވެ." 

އެގޮތުން އިމާމުވެ ނަމާދުކުރާ މީހާއާ އެމީހެއްގެ ސުތުރާއާ ދެމެދުން ނުވަތަ އެކަނި ނަމާދުކުރަމުން ދާ މީހާއާ އެމީހެއްގެ ސުތުރާއާ ދެމެދުން އެއްވެސް މީހަކު ހުރަސްކުރުމެއް ނުވެއެވެ. 

-ދެވަނައީ: ސުތުރާއެއް ނުނަގާ ހުރެ ނަމާދުކުރާ މީހާ- 

އެފަދަ މީހެއްގެ ކުރިމަތިންވެސް ހުރަސް ނުކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އެހެނަސް އެފަދަ މީހެއްގެ ކުރިމަތިން ހުރަސް ކުރަން ޖެހިއްޖެނަމަ، އެމީހާ ސަޖިދަ ޖަހަން ޖާގަ ދޫކޮށްފައި އެއަށް ވުރެ ދުރުން ހުރަސްކުރެވިދާނެއެވެ. އެއީ އެމީހަކު ހުއްޓިގެން ހުރި ތަނުން ފެށިގެން ގާތްގަނޑަކަށް ތިން މުށަށް ވުރެ ދުރުންނެވެ. 

[ބައްލަވާ: صحيح البخاري (506) وفتاوى نور على الدرب لابن باز (9 / 317 - 318) والشرح الممتع للعثيمين (3 / 246 – 247)] 

އެހެނީ ނަމާދަށް ހުންނަ މީހާއަށް އެމީހަކު ހުއްޓިގެން ހުންނަ ތަނުން ފެށިގެން ސަޖިދަޖަހާ ތަނާ ހަމައަށް އޮންނަ ޖާގަ ފިޔަވާ އިތުރު ޖާގައެއް މިސްކިތުން ޙައްޤުވެގެން ނުވެއެވެ. އެއީ އޭނާ ނަމާދުކުރަން ބޭނުންވާނޭ މިންވަރެވެ. އަދި އޭގެ ފަހަތުން ހުރަސްކުރާ މީހަކު ހުއްޓުވުމެއްވެސް ނަމާދުކުރަމުންދާ މީހާގެ މައްޗަކަށް ނުވެއެވެ. 

[ބައްލަވާ: الشرح الممتع للعثيمين (3 / 246 – 247)] 

ނޯޓު: 

ސުތުރާ: ލަފްޒީ ގޮތުން "ސުތުރާ" އަކީ މީހާ ނިވާވުމަށް ބޭނުންކުރާ އެއްޗެކެވެ. ފިޤުހުވެރިން ޢާންމު ގޮތެއްގައި ‘ސުތުރާ’ މި ލަފްޒު ބޭނުންކުރަނީ: ނަމާދުކުރާއިރު ނަމާދުކުރާ މީހާ އޭނާގެ ކުރިމަތިން މީސްތަކުން ހުރަސްކުރުން ހުއްޓުވުމަށް ބަހައްޓާ އެއްޗަކަވެ. އެއީ އަސާއެއް ނުވަތަ ލޮންސިއެއް ނުވަތަ ދުނިދަނޑިއެއް ނުވަތަ ގަހެއް ނުވަތަ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެފަދަ ކޮންމެ އެއްޗެކެވެ. ސުތުރާއަށް ބޭނުންކުރާ އެތީގެ ދިގު މިނުގައި އެންމެ ކުޑަވެގެން ކައިވަތެއްވަރު ހުރުން ރަނގަޅެވެ.

[ބައްލަވާ: منحة العلام لعبدالله الفوزان (2 / 395 ، 406) 

އަދި ބައެއް މިސްކިތްތަކުގައި ސުތުރާއަކަށް ޚާއްޞަކޮށްގެން ލަކުޑިން ބައެއް އެއްޗިސް ހަދާފައި ހުރެއެވެ. އެފަދައިން އެއްޗެހި ހެދުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޒަމާނުގައިވެސް އެފަދައިން ސުތުރާއަށް ޚާއްޞަ އެއްޗެއް ހަދާފައި ނުވެއެވެ. މިސްކިތުގައި ނަމާދުކުރާއިރުގައި ފާރެއް ނުވަތަ ތަނބެއް ނުވަތަ އެނޫނަސް މިސްކިތުގައި ހުރި އެއްޗެއް ސުތުރާއެއްގެ ގޮތުގައި ބޭނުން ކުރުމުން ރަނގަޅުވާނެއެވެ.

 [ބައްލަވާ: فتاوى اللجنة الدائمة للإفتاء، س: 1 ، الرقم: (2613)] 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން