ޢާއިޝަތު ރަފާޙް ޢަލީ
ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
(لا يزال يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ ، مَا لَمْ يَسْتَعْجِلْ ، قِيلَ : يَا رَسُولَ اللَّهِ ، مَا الاسْتِعْجَالُ ؟ قَالَ : يَقُولُ : قَدْ دَعَوْتُ ، وَقَدْ دَعَوْتُ ، فَلَمْ أَرَ يَسْتَجِيبُ لِي ، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ)
މާނައަކީ: މާނައަކީ: "އަޅާ ނުބައިކަމަކަށް ދުޢާ ނުކޮށް، ރަޙިމްގެ ގުޅުންނުކަނޑާހާ ހިނދަކު އަދި ދުޢާ އިޖާބަވުން އަވަސް އަރައިނުގަންނަ ކަމަށް ވަނީ ނަމަ ދުޢާ އިޖާބަ ކުރައްވާނެއެވެ. ޞަޙާބީން ދެންނެވިއެވެ. ރަސޫލާއެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އޭނާ ބުނާނެއެވެ. ހަމަކަށަވަރުން ތިމަން ވަރަށް ގިނައިން ދުޢާ ކޮށްފީމެވެ. ތިމަން ވަރަށް ގިނައިން ދުޢާކޮށްފީމެވެ. އެކެމަކު އިޖާބަ އެއް ނުކުރައްވައެވެ. ދެން އެކަމާ މާޔޫސްވެ، ދުޢާ ކުރުން ދޫކޮށްލައެވެ
މި ޙަދީޘްގައި ނުބައި ކަމެއްކަމަށް މާނަ ކުރައްވަނީ ޙަރާމްކަމެއް ނުވަތަ ފާފައެއްގެ ވާހަކައެވެ. އަދި ރަޙިމްގެ ގުޅުން ނުކެޑުމަށް ވެސް އަންގަވާފައިވެއެވެ.
ﷲ ތަޢާލާ މުޙައްމަދު ސޫރަތުގެ 22 އަދި 23 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا۟ فِى ٱلْأَرْضِ وَتُقَطِّعُوٓا۟ أَرْحَامَكُمْ ﴿٢٢﴾ أُو۟لَٰٓئِكَ ٱلَّذِينَ لَعَنَهُمُ ٱللَّهُ فَأَصَمَّهُمْ وَأَعْمَىٰٓ أَبْصَٰرَهُمْ ﴿٢٣﴾
މާނައީ: "ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި فساد ކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟ (22) އެއުރެންނީ، އެއުރެންނަށް اللَّه لعنة ލެއްވި މީހުންނެވެ. ފަހެ، އެކަލާނގެ އެއުރެން ބީރުކުރައްވައި، އަދި އެއުރެންގެ ލޯތައް ކަނުކުރެއްވިއެވެ. (23)"
މި ހަދީޘުން ލިބޭ ފައިދާތައް؛
· ދުޢާ ކުރުމުގައި ކެތްތެރިވުން
· ހުރިހާ ކަމަކަށްވެސް ދުޢާކުރުން
· ދުޢާ އިޖާބަ ކުރެއްވުމުގެ ސަބަބުތަކުގެ ތެރޭގައި ދުޢާކުރުމުގައި ދެމިހުރުމާއި އެކަމަށް ކެތްތެރިވުން
· ދުޢާ އިޖާބަ ކުރެއްވުން މަނާވާ ކަންކަމުގެ ތެރޭގައި ދުޢާ ކުރުމުގައި ކެތްތެރި ނުވުމާއި، ރަޙިމުގެ ގުޅުން ކެނޑުމާއި، ފާފައަކަށް ދުޢާ ކުރުން ހިމެނޭ