ކޮންމެވެސް ކަމަކާއިހުރެ ކަންބޮޑުވާން ނުޖެހި އުޅެވޭ ހަމައެކަކުވެސް ދުނިޔެއަކު ނެތެވެ. އެންމެ ގިނަ ބައަކަށް ކަންބޮޑުވާންޖެހިފައިވަނީ ދަތިޙާލުގައި ދުނިޔޭގައި އުޅެންޖެހުމުންނެވެ. އެމީހުންނަށް އަހުރެން ބުނަން އޮތީ ދަތިޙާލެއްގައި އުޅެންޖެހުމަކީ ކަންބޮޑުވާންޖެހެންވީ ސަބަބެއް ނޫނެވެ. އަދި އެއީ ލިބޭ ނިކަމެތިކަމެއްވެސް ނޫނެވެ. ޙަޤީޤީ ނިކަމެތިކަމަކީ ތަޤްވާވެރިކަމާއި ދުރަށްޖެހެވުމެވެ.
ސުވަރުގެ ވަދެވުމާއިއެކު ކޮންމެ މީހަކަށްވެސް އެންމެ ފުރަތަމަވެސް ބުނެވޭނީ އަލްޙަމްދުލިﷲ އެވެ. އެހިސާބުން ހުރިހާ ކަންބޮޑުވުންތަކެއް ފިލައިގެންދިއައީތީއެވެ. އެއްވެސް ކަމަކާއިމެދު އެއްވެސް ވަރަކަށް ކަންބޮޑުވާން ނުޖެހޭނެތީއެވެ.
ނަމަވެސް ދުނިޔޭގައި ހުރި ކޮންމެ ދުވަހަކީވެސް ކަންބޮޑުވުންތަކުން ސަލާމަތް ނުވެވޭނެ ދުވަހެކެވެ. އަހަރުގެ ކޮންމެ ދުވަހަކުވެސް ކަންބޮޑުވުންތަކާއި ކުރިމަތިލާންޖެހޭނެއެވެ. ކަންތައްތަކަކަށް ދަތިވެފައިވާނަމަ އެކަމާއި ކަންބޮޑުވާނެއެވެ. ހުރިހާ ނިޢްމަތްތަކެއް ލިބި އުފަލުގައި ހުރެވޭނަމަ އެނިޢްމަތްތައް ގެއްލިގެން ހިނގައިދާނެތީ ކަންބޮޑުވާނެއެވެ. ވީމާ ކަންބޮޑުވާން ނުޖެހޭ އެއްވެސް ދުވަހެއް ނުއަންނާނެއެވެ. އަބަދުވެސް ތިބެންޖެހޭނީ ކޮންމެވެސް ކަމަކާއި ކަންބޮޑުވެފައެވެ.
އެއީ ދުނިޔޭގައި އެކަންކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. ދުނިޔޭގައި ވަނީ ކަންބޮޑުވުންތަކެވެ. ދިރިހުރިހާ ހިނދަކު އެމީހެއްގެ ވަށައިގެންވަނީ ކަންބޮޑުވުންތަކެވެ. މިޙާލަތުން ސަލާމަތްވެހުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ކޮންމެވެސް މިންވަރެއްގެ ލުއިކަމެއް ލިބޭނީވެސް ފުރިހަމަ ގޮތުގައި ވަކީލުކުރެވޭ އަޅުންނަށެވެ.
ޙަޤީޤަތަކީ އެމީހުންވެސް ކަންބޮޑުވާނެކަމެވެ. ހަމައެކަނި ތަފާތުވަނީ ކަންބޮޑުވާ މިންވަރާއި ޢަމަލުކުރާގޮތެވެ. ކަންބޮޑުވުންތަކާއިއެކުގައިވެސް އުފަލުގައި ދުނިޔޭގައި އުޅެން މަސައްކަތްކުރާ ކަމެވެ.
- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން