ގޭގޭގަ ނޯކިރީ ކުރިނަމަވެސް އަޚްލާޤް ރިވެތިކޮށް ޢަބުރު ހިފަހައްޓާނަމަ ތަނަވަސް ބައިވެރިންނާ އުފާވެރި ދިރިއުޅުން ލިބޭކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 2ސ
ގޭގޭގަ ނޯކިރީ ކުރިނަމަވެސް އަޚްލާޤް ރިވެތިކޮށް ޢަބުރު ހިފަހައްޓާނަމަ ތަނަވަސް ބައިވެރިންނާ އުފާވެރި ދިރިއުޅުން ލިބޭކަން އެނގިގެންދާ ޢިބްރަތްތެރި ވާހަކައެއް-

އަޅުގަނޑުމެންގެ ބައްޕަ ނިޔާވީ އަޅުގަނޑުގެ ޢުމުރުން 8 އަހަރުގައެވެ. ފިރިހެން ކޮއްކޮގެ ޢުމުރަކީ 5 އަހަރެވެ. ބައްޕަ ނިޔާވުމާއި ގުޅިގެން ދެން ދިރިއުޅެންޖެހުނީ ވަރަށް ދަތިޙާލުގައެވެ. އަޅުގަނޑުމެން ސްކޫލަށް ފޮނުވައި ކާންދީ ހެދީ މަންމަ އަވަށްޓެރިންނަށް މަސައްކަތްކޮށްދީގެން ލިބޭ އެއްޗަކުންނެވެ. ލައިއުޅުނީ އަވަށްޓެރިން ބޭނުންކޮށްފައިދޭ ބައުފޭރާމެވެ. 

ޢުމުރުން 14 އަހަރުގައި އަޅުގަނޑުވެސް މަސައްކަތެއް ހޯދީމެވެ. އެއީ ސްކޫލުން އައިސް އަވަށްޓެރި ތަނަވަސް ދެމަފިރިއެއްގެ ދަރިއަކު ބަލައިދިނުމެވެ. އެދެމަފިރިންނަކީ ވަރަށް ރަނގަޅު ބައެކެވެ. މުސާރައެއް ދިނުމުގެ އިތުރުން މަންމައަށްވެސް އެހީތެރިވެއެވެ. އަދި އެގޭގައި އަޅުގަނޑު އުޅޭއިރު އެމީހުންގެ ދަރިންނާއި ތަފާތެއްވެސް ނުކުރެއެވެ. ކާންދީ ހަދަނީވެސް އެކުގައެވެ. 

އެހެން އުޅެމުން އައިސް 18 އަހަރު ފުރުމުން ވަޒީފާއެއް ހޯދަން ބޭނުންވާހަކަ ދެމަފިރިންގެ ގާތުގައި ބުނުމުން ސުވާލުކުރީ ވަޒީފާއަށް ދިއައިމަ ލިބޭނީ ކިހައިވަރެއްގެ މުސާރައެއްތޯއެވެ؟ އަޅުގަނޑު ބުނީ 10 ގަޑިއިރު މަސައްކަތްކުރީމާ 5000 ރުފިޔާ ދޭނެކަމަށް ފިހާރައިން ބުނި ކަމަށެވެ.

ބޭބެ ބުނީ ބޭބެގެ އޮފީހުން ވަޒީފާއެއް ދީފާނެ ކަމަށާއި އެއަށްވުރެ ރަނގަޅު މުސާރައެއްވެސް ދީފާނެ ކަމަށެވެ. ވަޒީފާގައި އުޅުނަސް ގެއަށް އައިސް މިހާރުވެސް އުޅޭ ގޮތަށް އުޅެދޭނަމަ އެއީ އިތުރު ވަޒީފާއެއް ކަމަށެވެ. އަޅުގަނޑު އެގޮތް ޤަބޫލުކުރީމެވެ. 

އެދެމަފިރިންގެ ދޮށްޓަށް ހުންނަނީ ފިރިހެން ކުއްޖެކެވެ. އަޅުގަނޑަށްވުރެ 3 އަހަރު ދޮށި ކުއްޖެކެވެ. އޭނާ ލޯބިވެރިއަކު ހޯދައި ކައިވެނިކުރަން ބޭނުންވުމުން ދެމަފިރިން އެކަމަށް ހުއްދަދީ ކައިވެނިކުރިއެވެ. ކައިވެނިކޮށްގެން ގެނައީ ގެއަށެވެ. 

އެއީ ކޮޓަރިން ބޭރަށް ނުކުންނަ އަންހެނެއް ނޫނެވެ. ގޭގެ އެއްވެސް މަސައްކަތެއް ނުކުރެއެވެ. ބަދިގެއަށް ޢަމުދުން ނުވެސް ވަދެއެވެ. މަންމަ ބަލިވެ އޮތަސް އަޅައިވެސް ނުލައެވެ. ގޭގެ އެއްވެސްކަމެއް ނުބލައެވެ. އެހެންކަމާއިއެކުގައިވެސް އެދެމަފިރިން އެއްވެސް އެއްޗެއް ނުބުނެއެވެ. 

އެއްރޭ ކާން ތިބެގެން ފިރިމީހާ (ދަރިފުޅު) ބުނާއަޑު އިވުނެވެ. "އަހަރެން ކައިވެނިކުރީ ކޮންމެރެއަކު އެކުގައި ބޭރަށް ގެންދާނެ އަނހެނަކު ހޯދާކަށް ނޫނެވެ. މަންމަ މުސްކުޅިވި ދުވަހު ގޭތެރޭގެ ޒިންމާ ނަގައި މަންމައަށް ކުއިކޮށްދޭނެ މީހަކު ހޯދާށެވެ! ޚާއްޞަކޮށް މަންމަ ބަލިވެއޮންނައިރު މަންމައަށް އަޅާލައި އެހީތެރިވާނެ އަންހެނަކު ހޯދާށެވެ. އަތުންފައިން އެއްވެސް މަސައްކަތެއް ނުކޮށް 24 ގަޑިއިރު ކޮޓަރީގައި އޮތުމަކީ އަންހެނުންގެ މަޤާމަށްވެސް ހުތުރުކަމެއް ނޫން ހެއްޔެވެ؟ އެންމެ ކުޑަމިނުން އަމިއްލައަށް ދައުކުރާ ހެދުންވެސް ތިއަ ދޮއްވަނީ ގޭގަ ގެންގުޅޭ މީހުން ލައްވައެވެ." 

ދުވަސްކޮޅެއް ފަހުން އަނބިމީހާގެ އުޅުން ކަމުނުގޮސްގެން ފިރިމީހާ ކަންބޮޑުވާން ފަށައިފިއެވެ. ގޭގެ މަސައްކަތްކުރަންބުނެ މަންމައަށް އެހީތެރިވާން ބުނަން ފަށައިފިއެވެ. ޚާއްޞަކޮށް މަންމަ ބަލިވެ އޮންނަ ދުވަސްދުވަހު މަންމައަށް އަޅާލައި އެހީތެރިވާން ބުނަން ފަށައިފިއެވެ. ނަމަވެސް އަނބިމީހާ އަށް އެއަޑުތައް އިވޭކަމަކަށް ނުވެއެވެ. އެހެންވެ ދެމަފިރިންގެ މެދުގައި ކަންކަން ހޫނުވަމުންގޮސް އެންމެފަހުން އޭނާ ވަރިކޮށްފައި ފޮނުވާލައިފިއެވެ. 

އެއިގެ ދުވަސްކޮޅެއްފަހުން އެއްރޭ ކައިނިމިގެން ދެމަފިރިން އެކުގައި ސިޓިންގރޫމްގައި ތިބެފައި ދަރިފުޅަށް ގޮވައިގެން ގެނެސް ވާހަކަތަކެއް ދައްކާފައި އަޅުގަނޑަށް ގޮވައިފިއެވެ. އެއިރު އަޅުގަނޑު ހުރީ ތަށިދޮންނަން ބަދިގޭގައެވެ. އަތްދޮވެލައިގެން ގޮސް ޢާދައިގެމަތިން ވަރަށް އަދަބުވެރިކަމާއިއެކު ހުއްޓުމުން އިށީންނަން ބުނުމުން އިށީނީމެވެ. 

ވާހަކަދެއްކީ މަންމައެވެ. "ނަރީމާ އެވެ. ތިއައީވެސް ހަމަ އަހަރެމެންގެ ދަރިއެއް ފަދަ ކުއްޖެކެވެ. އަހަރެމެންގެ ގާތުގައި ދަރިއަކު އުޅޭހެން އުޅޭތާ 6 އަހަރުވީއެވެ. ބޮޑުވެގެން ވަޒީފާއަކަށް ދާން އުޅުމުންވެސް އެކަން ހުއްޓުވައި ބޭބެ ވަޒީފާ ދިނީވެސް ހަމަ މިގޭގައި ގެންގުޅެންވެގެންނެވެ. އަހަރެމެން ދޫކޮށްފައި ހިނގައިދާނެތީއެވެ. 

ނަރީމާވެސް ތިއަހުރީ ބޮޑުވެފައެވެ. މީހަކާ އިންނަވަރުވެފައެވެ. އަހަރެމެންގެ ދަރިފުޅުގެ ކައިވެނީގެ ކަންކަން ދިއަގޮތާއި ކައިވެނި ރޫޅުނު ސަބަބު އިތުރަށް ކިޔައިދޭކަށް ނުޖެހޭނެއެވެ. އަހަރެމެންގެ މެދުގައި މަޝްވަރާކޮށް އެއްބަސްވެވުނީ ދަރިފުޅާއި ނަރީމާ ކައިވެނިކުރުވާށެވެ. ދަރިފުޅުވެސް އެކަން ޤަބޫލުކޮށްފިއެވެ. ދެން އޮތީ ނަރީމާގެ ބަހެކެވެ." 

މަންމަ އެހެން ބުނުމުން ވަރަށް ލަދުގަތެވެ. ހީވެސް ނުކުރާ ކަމެއްގެ ވާހަކަ ދެއްކީމައެވެ. އެކަމަކުވެސް ވަރަށް ހިތްވަރުކޮށްފައި މަންމަމެންނަށް ފެންނަ ގޮތަކަށް ކަންތައް ކުރީމާ ރަނގަޅުވާނެ ކަމަށް ބުނީމެވެ. އެހެން ބުނެފައިވެސް އަޅުގަނޑުމެންނަކީ ވަރަށް ފަޤީރު ނިކަމެތި ބައަކު ކަމަށްބުނެ އެކަން ހަނދާންކޮށްދިނީމެވެ.   

މަންމަމެން ދެމީހުން ކައިވެނިކުރުވިއެވެ. އެކައިވެނިމަތީގައި މިހާރު 20 އަހަރުވީއެވެ. 5 ދަރިން ލިބިއްޖެއެވެ. ދިރިއުޅެމުން މިއަންނަނީ ހަމަ ވަރަށް އުފަލުގައެވެ. އަޅުގަނޑުވެސް އެންމެންނަށް އަޅައިލަމެވެ. ލޯބިދެމެވެ. އަޅުގަނޑަށްވެސް އަޅައިލުމާއި ލޯބި ލިބެއެވެ. ދަރިންނަށްވެސް ލިބެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުމީ ނޯކިރީކުރަންޖެހުމަކީ ލަދުވެތިކަމެއް ނޫނެވެ. ރަނގަޅު ގޮތުގައި ނޯކިރީކުރަން ގެއެއްގެ ބަދިގޭގައި އޮންނަން ޖެހިއްޖެނަމަ އޮތަސް އެމީހާގެ ކިބައިގައި ރަނގަޅު ސިފަތައް ހުރިއްޔާ ރަނގަޅު ދިރިއުޅުމެއް ލިބޭނެއެވެ. ކޮންމެހެން އަގުވައްޓާލައި މަގުމަތީގައި ހޫރޭކަށް ނުޖެހެއެވެ. އެއަށްވުރެ އަމިއްލައަތުން މަސައްކަތްކުރުމުން ލިބޭނެ ފައިދާ މާބޮޑުވާނެއެވެ. 

- ނަރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން