ފަށަމުން މިބުނެލަނީ ކުދަކުޑަ މިޘާލެކެވެ. އެއްވެސް ދެ އެއްޗެއް ގުޅިލާމެހިފައިވަނިކޮށް އެދެއެތި ވަކިނުކޮށް އެކަތި ސަލާމަތްކުރެވޭނެ ގޮތެއް އޮންނާނެހެއްޔެވެ؟ އެގޮތެއް ވިސްނޭނަމަ އަހުރެންނަށް ބުނެދޭށެވެ. ވިސްނައި ވިސްނައިވެސް އަހުރެންނަކަށް ހަމަ ނުވިސްނުނެވެ.
ކަނޑުގެ އެންމެ އަޑިން، އަދި ބިޔަ ބޮޑު މަހެއްގެ ބަނޑުގައި އޮންނަވައިގެން ޔޫނުސްގެފާނު ކުރެއްވެވި ދުޢާ 7 ވަނަ އުޑަށް އުފުލިގެންދިއައެވެ. އެބޭކަލުންނަށް ވަރަށް ގިނައިން އިވިވަޑައިގަންނަވާ އަދި އެބޭކަލުން ވަރަށް ބޮޑަށް ސަމާލުކަންދެއްވަވާ އަޑެއް މުޅިން އެހެން ގޮތަކަށް އެކަން ފާހަގަކުރައްވަވައި މަލާއިކަތުން އެވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވިއެވެ. ﷲ ތަޢާލާ ޢިޖާބް ކުރެއްވެވިއެވެ. ވީއިރު އަހަރެމެން ބިންމަތީގައި ﷲ ތަޢާލާއަށް ސަޖިދަކުރަމުން ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވަންވީ ކީއްވެގެން ހެއްޔެވެ؟
ހަމައެކަނި އެންމެ ސަބަބެކެވެ. އަހަރެމެންގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތުމާއި އިތުބާރު ކުޑަވުމެވެ. ﷲ ތައާލާއަށް އިޚްލާޞްތެރިވެވޭ މިންވަރުކުޑަވުމެވެ! ކައިބޮއި ހެދޭތަކެތި ޙަލާލު ނުކުރެވުމެވެ. މިހުރިހާ ކަންކަންވެސް ގޮސް މިނިމެނީ އެންމެ ކަމަކާއިއެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިކަން ކުޑަވުމެވެ! ނުވަތަ ބިރުވެތި ނުވެވުމެވެ.
ޔޫނުސްގެފާނުގެ ދުޢާއާއި ގުޅުންހުރި އެހެންކަމެއްވެސް ފާހަގަކޮށްލާނަމެވެ. އެއީ ތިބާ ކޮންމެ ދުވަހަކު ޛިކުރުކޮށް ދުޢާކުރާނަމަ އެއަޑު އުޑުތަކުގައި ތިއްބަވާ މަލާއިކަތުންނަށް އިވިވަޑައިގަންނަވާ ކަމެވެ. ތިބާޢަށް ކަންބޮޑުވާންޖެހޭ ކަމެއް ކުރިމަތިވެއްޖެނަމަ އެކަމަށް މަލާއިކަތުން ކަންބޮޑުވެވަޑައިގަންނަވާނެ ކަމެވެ. އެވާހަކަ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވާނެ ކަމެވެ.
ކުރާ ދުޢާ ޢިޖާބަ ނުކުރައްވަވައިގެން ކަންބޮޑުވާ މީހާ ޔޫނުސްގެފާނުގެ ދުޢާއަށް ވިސްނާށެވެ! އެއީ އެނގެން އޮތް އޮތުގައި ކަނޑުގެ އެންމެ އަޑިން ﷲ ތަޢާލާއަށް ދެންނެވުނު ދުޢާއެވެ. އެންމެ އަނދިރީގައި އެންމެ ބޮޑު ބަންދުގައި އިނދެގެން އިމންސާނަކު ދެންނެވި ދުޢާއެވެ. އެ ދުޢާ ﷲ ތަޢާލާގެ ޙަޟްރަތަށް ފޯރިއެވެ! ޢިޖާބަވެސް ކުރެއްވެވިއެވެ. ވީމާ އެއްވެސް އަޅަކު ﷲ ތަޢާލާއަށް ކުރާ އެއްވެސް ދުޢާއަކަށް އެއްވެސް ހުރަހެއް ނެތްކަން މިކަމުން ކިތަންމެ ރަނގަޅަކަށްވެސް އެނގިގެންދެއެވެ!
އަބަދުވެސް ބުނަން މިޖެހެނީ އެންމެ ގިނަ ބައެއްގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެމީހަކު ކުރާ ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުން ކަމަށެވެ. ވީމާ މިވާހަކަވެސް ގިނައިން ދައްކަން އެބަޖެހެއެވެ. ތިމާ ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުން ލަސްވާނަމަ އެމީހާގެ ކިބައިގައި ހުރި އުނި ކަންކަމަށް ފުންކޮށް ވިސްނާށެވެ! އެކަންކަން އިޞްލާޙްކުރާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވުމާއި އިޚްލާޞްތެރިވުން އިތުރުކުރާށެވެ! އެކަމެއް އެމީހަކަށް ހިންމަވައި ދެއއްވަވާނެތެވެ! އިން ޝާ ﷲ
- އިސްލާމީ ތިލފަތުގެ ދަރުސަކުން