ދުނިޔޭގައި މީހަކަށް ވީއައިޕީ ފެންވަރު ލިބިއްޖެނަމަވެސް ހުންނަނީ ވަރަށް އުފަލުންނެވެ. ވީވީއައިޕީ ފެންވަރު ލިބިއްޖެނަމަ އުފަލުން ހިތް ފުރެއެވެ. ޤިޔާމަތް ދުވަހު ބިންމަތީގައި ފުރޮޅެމުން، ނުވަތަ ބަނޑު ބިންމަތީގައި ދަމަމުންގޮސްވެސް ސުވަރުގެ ވަންނަން ބޭނުން ނުވާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. އަހުރެން މިބުނެދެނީ ހަމަ ކޮންމެ މީހަކަށްވެސް އެންމެ މަތީ ވީވީއައިޕީ ފެންވަރުގައި ސުވަރުގެ ވަދެވެން އޮތް ގޮތުގެ ވާހަކައެވެ.
ޤިޔާމަތް ދުވަހުން ވީވީއައިޕީ ފެންވަރުގައި ސުވަރުގެ ވައްދަވާނެ ބައަކު ވެއެވެ. ކުރަންއޮތީ ހަމަ ވަރަށް ފަސޭހައިން ކުރެވެން އޮތް، ކުޑަކުޑަ ޢަމަލެކެވެ. އެ ޢަމަލާއި އެޢަމަލުކުރާ މީހުންނަށް ﷲ ތަޢާލާ ވަޙީކުރައްވަވާނެ ބަސްފުޅު މިބުނަނީއެވެ.
"އަހުރެން ތިބާ އުފައްދަވައި ދުނިޔޭގައި ލެއްވެވީމެވެ. އުފާވެރިކަމާއި ދަތި އުނދަގޫ ޙާލަތުތައް ކުރިމަތިކުރެއްވެވީމެވެ. ތިބާއަކީ އެއިން ކޮންމެ ޙާލަތެއްގައި އަލްޙަމްދުލިﷲ ކިޔައި ތިމަން ﷲ އަށް ޙަމްދުކޮށް ޝުކުރުވެރިވެ ޘަނާކީ މީހަކީމުއެވެ. މިއަދު އެންމެ މަތީ ("ވީވީއައިޕީ") ފެންވަރުގައި ސުވަރުގެ ވަންނާށެވެ!"
މިދަރަޖައިގެ މަތިވެރިކަން އެނގޭހެއްޔެވެ؟ އެއީ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް ﷲ އަށް ޝުކުރުވެރިވާ މީހުންނަށް ނޫނީ ދެވޭނެ ދަރަޖައެއް ނޫނެވެ.
މިސާލަކަށް އެންމެ ލޯބިވާ މީހާ، އެމީހެއްގެ މައިންބަފައިން، ގާތްތިމާގެ މީހުން ، އަނބިދަރިން ކުއްލިއަކަށް މަރުވުމުން ދެރަވާނެއެވެ. ރޮވޭނެއެވެ. އެއީ ކޮންމެ މީހަކަށްވެސް ކުރިމަތިވާނެ ކަމެކެވެ. އެއީ އީމާންތެރިކަން ކިތަންމެ ވަރުގަދަ މީހަކުނަމަވެސް އެޙާލަތުގައި ރޮވޭނެއެވެ. އަދި ރޮވުމަކީ އެއްވެސް މައްސަލައެއްވެސް ނޫނެވެ.
ނަމަވެސް އެމީހާ ޤަބޫލުކުރާނީ އެއީ ﷲ ތަޢާލާ މިނަވަރުކުރެއްވެވި ގޮތްކަމަށެވެ. ކަންބޮޑުވެގެނެއް ނުއުޅޭނެއެވެ. ހިތްދަތުވުމާއި ކަންބޮޑުވެގެން އުޅުމާއި އެއީ މުޅިން ތަފާތު ދެކަމެކެވެ. އިންސާނަކަށް މިދަރަޖައަށް މީހާއަށް ދެވޭނީ ވަރަށް ހިތްވަރުގަދަވެގެންނެވެ.
ދާދިފަހުން އަހަރެންގެ އެކުވެރިއެއްގެ ގުދަންތައް އެކުގައި އަނދައި ދިއައެވެ. އޭނާ ބުނީ ކީކޭކަން އެނގޭހެއްޔެވެ؟ "އަލްޙަމްދުލިﷲ، ﷲ އަކްބަރު! އަދިވެސް އަހަރެމެން މިތިބީ ސަލާމަތުންނެވެ. ﷲ ތަޢާލާއަށް އަޅުކަންކުރެވޭނެ ޙާލުގައެވެ." ކުރިން މިބުނި ދަރަޖައަށް ދެވޭނީ މިބުނި ޙާލަތުގައި މިހެން ބުނެވޭ މީހަކަށެވެ. ހިތުގައި އެއްވެސް ޝަކުވާއެއް ނެތި ﷲ ތަޢާލާއަށް ޙަމްދުކުރެވޭ މީހަކަށެވެ.
- މުފްތީ މެންކުގެ ދަރުސަކުން