ޤިޔާމަތް ދުވަހު ސުވަރުގެ ދާން ޖަހާ ރޭހުގަ ގަދަކަމުންނަމަވެސް ބައިވެރިވާން ބޭނުންވާއިރު ދުނިޔޭގަ ތިބެ އެކަމަށް ޖަހަން އޮތް ރޭސް، މައިންބަފައިންނަށް އަޅާލައި އެހީތެރިވާން ގުރުވަތުލަނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 37ސ
ޤިޔާމަތް ދުވަހު ސުވަރުގެ ދާން ޖަހާ ރޭހުގަ ގަދަކަމުންނަމަވެސް ބައިވެރިވާން ބޭނުންވާއިރު ދުނިޔޭގަ ތިބެ އެކަމަށް ޖަހަން އޮތް ރޭސް، މައިންބަފައިންނަށް އަޅާލައި އެހީތެރިވާން ގުރުވަތުލަނީ ކީއްވެ؟

އަހުރެންގެ މިރޭގެ ވާހަކަކޮޅުވެސް ފަށާނީ ސުވާލަކުންނެވެ. ސުވާލުގެ ތަޢްރީފްގައި ބުނަންއޮތީ ފުރަތަމަ ކަމަކަށް ޤިޔާމަތް ދުވަސް ހިތަށް ގެންނާށެވެ. މީސްތަކުން އެއްވެ ތިބީ މަޙްޝަރު މައިދާނުގައެވެ. ސުވަރުގެ ވަނުމަށް ކުރިއަށްދާން ﷲ ތަޢާލާ ފުރުޞަތު ދެއްވެވީއެވެ. އަހުރެންގެ ފުރަތަމަ ސުވާލަކީ ސުވަރުގެ ވަނުމަށްޓަކައި ތިބާ ކުރިއަށް ހިނގައިގަންނާނީ ހެއްޔެވެ؟ ނޫންނަމަ ފައަށް ލެވުނުހައި ބާރެއްލައި ދުއްވައި ގަންނާނީހެއްޔެވެ؟ އަދި އެކަން ކުރާނީ ގުރުވަތުލައި ތިބާއަށް ދިމާވުމުން ހެއްޔެވެ؟ އެކަންކުރާނީ އެކަން ނުކޮށް ވާނެ އެހެން ގޮތެއް ނެތުމުން ހެއްޔެވެ؟ 

ހަމަޔަޤީނުންވެސް ކޮންމެ މީހަކުވެސް ބޭނުންވާނީ މީސްތަކުންގެ ތެރެއިން ފުރޭނިގެން، ގަދަކަމުން ނަމަވެސް އެންމެ ކުރިއަށްއަރައި ދެވުނު އެންމެ ބާރަކަށް ސުވަރުގެ ދިއުމަށެވެ. އެކަމަށް ހަމައެކަކު ގުރުވަތުލައި ތިމާއަށް ފުރުޞަތުލިބެން ބޭނުމެއްވެސް ނުވާނެއެވެ. 

ދެން މިކުރަނީ އެންމެ މުހިންމު ސުވާލެވެ. އެ ސުވާލަކީ ޤިޔާމަތް ދުވަހު ސުވަރުގެ ދާން ޖަހާ ރޭހުގައި މިބުނި މަގުން ބައިވެރިވާން ބޭނުންވާނެއިރު ދުނިޔޭގަ ތިބެ އެކަމަށް ޖަހަން އޮތް އެއް ރޭސް ކަމަށްވާ މައިންބަފައިންނަށް އަޅާލައި އެހީތެރިވާން ގުރުވަތުލަނީ ކީއްވެ؟ ނުކޮށް ނުވިއްޔާ ނުކުރަން މަޑުކުރަނީ ކީއްވެގެން ހެއްޔެވެ؟ 

ވިސްނާށެވެ! މައިންބަފައިންނަށް ހެޔޮކޮށްހިތުމުގައި ދަރިންގެ ޖިންސަށް ބެލުމެއް ނެތެވެ. ކޮންމެ ދަރިއެއްގެ ކުރިމަތީގައިވެސް އެންމެ މަތިވެރިވާންޖެހޭނީ އެމީހެއްގެ މައިންބަފައިންނެވެ. ޚާއްޞަކޮށް މައިންނެވެ.   

އެއީ އެކަން ދީނުގައި އޮތް ގޮތެވެ. އެންމެ ބޮޑަށް ހެޔޮކޮށް ހިތަން ޖެހޭނީ ކާކަށް ކަމާއިމެދު ދެންނެވުނު ސުވާލަށް ވިދިވިދިގެން 3 ފަހަރު މައިމީހާއަށް ކަމަށް ޙަދީޘްފުޅު ކުރެއްވެވުމުން މައިމީހާއަށްވުރެ މަތީ މަޤާމެއް ދެވިގެންވާނެ މީހަކު ނެތްކަން އެނގިގެންދާތީއެވެ. 

މިޙަދީޘްފުޅުން އެނގިގެން މިދަނީ އަންހެންދަރިންވެސް އަދި ފިރިހެންދަރިންވެސް އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ މައިމީހާއަށް ކަމެވެ. މައިންބަފައިންނަށް އަޅާލައި އެމީހުން އުފާކޮށްދީ ހެޔޮކޮށް ހިތުމަކީ ސުވަރުގެ ލިބުމަށް އޮތް އެންމެ ފަހި އެއް މަގެވެ. 

ކީރިތި ޤުރްއާނުގެ އެތައް އާޔަތަކުން އެނގެން އޮތީ ﷲ ތަޢާލާއަށްފަހު އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނީ މައިންބަފައިންނަށް ކަމެވެ. އަދި ހަމައެފަދައިން ބަފައިންނަށްޓަކައި ކުރަން އޮތް ދުޢާވެސް ވަނީ ވަޙީކުރައްވަވައިފައެވެ. މިހުރިހާ ކަމަކުންވެސް އެނގިގެންމިދަނީ ހަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި މައިންބަފައިންގެ މަތިވެރިކަމެވެ. 

މަންމަ ނުވަތަ ބައްޕަ ނިޔާވުމުން ބައެއް ޞަޙާބީންވަނީ އެއީ މަންމަ ނުވަތަ ބައްޕަ ނިޔާވީވީތީއެއް ނޫނެވެ. އެހިސާބުން އެބޭކަލަކަށް ސުވަރުގެ ޙާޞިލުކުރެއްވެން އޮތް މަގު ބަންދުވީތީއެވެ. މަންމަ ނުވަތަ ބައްޕައަށް ޚިދުމަތްކުރައްވައިގެން ހޯއްދެވެން އޮތް މަތިވެރިކަން ނުހޯއްދެވޭނެތީއެވެ. 

އެހެނަސް މިއަދު ގިނަވަމުން މިދަނީ މައިންބަފައިން އަވަހަށް މަރުނުވެގެން އުޅޭ މީހުންނެވެ. ދިރިތިއްބައި ނިކަމެތިކޮށްލަމުން ގެންދަނީ އެއްވެސް ރަޙުމެއް ނެތިއެވެ. އެހެންކަމަށްވާއިރު ސުވަރުގެ ލިބުމަށް އެބަ އެދެވޭ ހެއްޔެވެ؟ ކޮންމެ މީހަކުވެސް އަމިއްލައަށް ޖަވާބުދިނީމާ ރަނގަޅުވާނެއެވެ.  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން