ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް އާންމުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް އާންމުކޮށްފި

"ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައް" އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އާންމުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި، މި މިންގަނޑު އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި އަސާސްތަކާއި މިންގަނޑުތަކަކީ ދިވެހިރާއްޖޭގައި އަލަށް ތައްޔާރުކޮށް އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ.

މިއީ ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުޢީ އަސާސްތައް ބަޔާންކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލައިފައިވާ އަސާސެކެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަޤްސަދު ޙާސިލްވަމުންދާކަމަށެވެ. އަދި މިއަދު އާންމުކުރެވިގެން މިދިޔަ އަސާސަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށެވެ.

މި ރަސްމިއްޔާތުގައި ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒައްދީން އަދުނާން ދެއްކެވި ވާހަކަފުޅުގައި މި މަސައްކަތްކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުވެދެއްވި އެހީތެރިކަމާ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ އިތުރު މަސައްކަތްތަކެއް މިފަދައިން ފެނިގެންދާނެކަމަށް ވިދާޅުވިއެވެ.

ޒަކާތު ހައުސްއިން މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި ޢަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ކީރިތި ޤުރްއާނާއި ކީރިތި ރަސޫލާ ﷺގެ ސައްޙަ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާޢުއާއި ޤިޔާސްއާއި އިސްލާމީ ފިޤްހުގެ ޤަވާޢިދުތަކާއި އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކުގެ އަލީގައްޔާއި ބައިނަލްއަޤްވާމީ އިސްލާމީ ފިޤުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަޤްވާމީ ކޮންފަރެންސުތަކުގެ ޤަރާރުތަކާއި ނިންމުންތަކަށާއި އިސްލާމީ ޤައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން ޢަމަލުކުރަމުންދާ ފިޤްހީ އުސޫލުތަކަށް ބަލައިގެންނެވެ.

މި އަސާސްތަކާއި މިންގަނޑުތަކުގެ މަޤްޞަދުތަކުގެ ތެރޭގައި:

ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކުރައްވައިފައިވާ ފަދައިން ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުން.

މުދަލު ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުޢީ އަސާސުތައް ބަޔާންކުރުން.

މުދަލު ޒަކާތް ނެރުން ވާޖިބުވާ ޒަމާނީ މާލީ މުދާ ބަޔާންކުރުން.

ޒަކާތް ނެރުން ވާޖިބުވާ މުދަލާއި އޭގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް

މުދަލު ޒަކާތްދެއްކުމާ ގުޅޭ ޢާންމު އުޞޫލުތައް

އަދި ޒަކާތު ބެހެނިވެރީންގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް ހިމެނެއެވެ.

މި ރަސްމިއްޔާތުގައި މި މަސައްކަތްކުރުމުގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކުރައްވައި ހަނދާނީ ލިޔުން ދެއްވާފައިވެއެވެ.

 

ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތައް

https://islamicaffairs.gov.mv/Library/27028

 

މިއަދު އޮންލައިން