ތިބާއަށް ގެއްލުންދޭން އުޅޭ ޢަދާވާތްތެރިންނަށްވުރެ ކުރީގަ ހުރެވޭނެ، ޢަދާވާތްތެރިން އެންމެ ފަސޭހައިން ބަލިކުރެވޭނެ ގޮތް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ތިބާއަށް ގެއްލުންދޭން އުޅޭ ޢަދާވާތްތެރިންނަށްވުރެ ކުރީގަ ހުރެވޭނެ، ޢަދާވާތްތެރިން އެންމެ ފަސޭހައިން ބަލިކުރެވޭނެ ގޮތް-!

ޢަދާވާތްތެރިން ބަލިކުރުމަކީ އެމީހުންނަށް ގެއްލުންދީ އަނިޔާވެރިވެގެން ކުރެވޭނެ ކަމެއް ކަމަށް ހީނުކުރާށެވެ! ޢަދާވާތްތެރިން ބަލިކުރަން އެންމެ ފަސޭހަވާނީ މިބުނާ މަގުން ޢަމަލުކުރުމުންނެވެ. 

މުސްލިމުންގެ ނަމުގައި ތިބެމެ ތިމާ އާއި ޚިޔާލުތަފާތުވާ މީހުންނަށާއި ޢަދާވާތްތެރިންނަށް ހަމަލާ ނުދީ ނުތިބެވޭނަމަ އެއީ އެމީހެއްގެ ނިކަމެތި ކަމެވެ. އަދާވާތްތެރި ބައަކު އަބަދުވެސް ތިބޭނެކަން ޤަބޫލުކުރަންޖެހޭނެއެވެ. އެއީ ހުރިހާ ޒަމާނެއްގައިވެސް އޮންނަ ކަމެކެވެ. 

މިހިސާބަށް ޒަމާން ފަސްވެ މީސްތަކުންގެ އީމާންތެރިކަން ކުޑަވެފައިވާއިރު އަދާވާތްތެރިން ގިނަވާނެއެވެ. އަދި އަދާވާތްތެރިވާން ޖެހޭ އެއްވެސް ސަބަބެއް ނެތި ޢަދާވާތްތެރިވާ މީހުންގެ އަދަދުވެސް ގިނަވާނެއެވެ. އަދާވާތްތެރިކަމާއި ހަސަދަވެރިކަމަކީ ތިމާއަށް އެންމެ ގެއްލުންދޭ ކަންކަން ކަމުގައިވާއިރުވެސް ގިނައީ އެކަންކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާ މީހުން ކަމުގައިވާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިންސާނުން އުފައްދަވައި އެންމެހައި ނިޢްމަތްތައް މިންވަރު ކުރައްވަވަނީ ﷲ ތާޢާލާއެވެ. ރިޒްޤް ދެއްވަވަނީ ﷲ ތާޢާލާއެވެ. އެންމެ ކުޑަމިނުން ނޭވާލާނެ އޮކޮސިޖަން ދެއްވަވަނީ ވެސް ﷲ ތަޢާލާއެވެ. އެހެންކަމާއިއެކުވެސް ދުނިޔޭގެ އާބާދީގައި ތިންބައިކުޅަ ދެބައަސްވުރެ ގިނައީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ މީހުންނެވެ. އެއިގެ ތެރެއިން އެތައް މިލިއަން މީހުންނަކީ ﷲ ތަޢާލާ ބާވައިލެއްވެވި އިސްލާމް ދީނުގެ ބޮޑެތި ޢަދާވާތްތެރިންނެވެ. އަނެއްކާ ވެސް ބުނަން ޖެހެނީ ހަމަ އެހެންކަމާއިއެކުވެސް އެމީހުންނަށްވެސް ހަމަ ހުރިހާ ނިޢްމަތްތަކެއް ދެއްވަވަމުން ގެންދަވާ ވާހަކައެވެ. 

މިކަމުން އެނގިގެންދަނީ ﷲ ތަޢާލާގެ އޯގާތެރިވަންތަކަމުގެ ބޮޑުކަމެވެ. ދީލަތިވަންތަކަމުގެ ބޮޑުކަމެވެ. މިކަމުން ޙާޞިލުކުރަން ޖެހޭ ޢިބްރަތަކީ ތިމާ ޢާއި މީހަކު ނުވަތަ ބައަކު ޚިޔާލުތަފާތުވި ނަމަވެސް އަދި އަދާވާތްތެރިވެގެން އުޅުނު ނަމަވެސް އެމީހަކަށް އެއްވެސް ގެއްލުމެއް ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމެވެ. އެފަދަ މީހަކަށް ނަމަވެސް އަނިޔާވެރިވުމަކީ ހަމަ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. 

ތިމާގެ ދުޝްމިނުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތުމަކީ އަދި ބަދަލު ނުހިފުމަކީ އެއްވެސް ހާލެއްގައި ތިބާއަކީ އޭނާއަށްވުރެ ދެރަ ނިކަމެތި މީހަކު ކަމުގައިވުމެއް ނޫނެވެ. އެކަމުން އަންގައިދެނީ އެމީހަކަށްވުރެ ތިބާގެ ވަރުގަދަކަމެވެ. މޮޅުކަމެވެ. ޤާބިލުކަމެވެ. އޭނާ ދީފާނެ ގެއްލުމަކަށް ތިމާ އެއްވެސް ވަރަކަށް ޖެހިލުން ނުވާ ކަމެވެ. އެހެންކަމަށްވާނަމަ މޮޅުމީހަކަށް މިވީ ކާކު ހެއްޔެވެ؟ 

އަދާވާތްތެރިންނާއި އަދި ޚިޔާލުތަފާތު މީހުންނަށް އޯގާތެރިވުމަކީ އެމީހުންގެ ހިތްތައް ބަދަލުވާ ސަބަބެކެވެ. އެމީހުންނަކީ ތިބާއަށް ހެޔޮ އެދޭ މިތުރުންނަށް ބަދަލުވެގެންދާ ސަބަބެކެވެ. ނަމަވެސް ބަދަލުހިފުމާއި އަނިޔާވެރިވުމުގެ ރޫޙުގައި ކަންކަން ކުރާނަމަ ފިތުނައިގެ ހުޅުގަނޑު ދާނީ ބޮޑުވަމުންނެވެ. ކުރިމަތިވާ މައްސަލަތައްވެސް ދާނީ އިތުރުވެ ނުރައްކައުތެރިކަން ބޮޑުވަމުންނެވެ. 

ޢަދާވާތްތެރިންނާއި ދުރުހެލިވާށެވެ! އެމީހުންނަށް އަބަދުވެސް ސަމާލުކަންދޭންވާނެއެވެ. ނަމަވެސް އެކުގައި އުޅެންޖެހޭނަމަ މިބުނި މަގުން ކަންކަންކުރާށެވެ! މިޘާލަކަށް އެއްގެއެއްގައި ނުވަތަ އެއް އޮފީހެއްގައި އުޅެންޖެހޭނަމަ އެވެ. އަދި ބައްދަލުވެ އުޅެންޖެހޭނަމައެވެ.

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން