މިއަދު މިފެންނަނީ ކޮންމެ ކަމަކަށްވެސް ނުބައި ބަދަލުތައް އަންނަމުންދާ ތަނެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ ލޯބިން އެކުގައި އުޅޭ ދެމަފިރިންނަށް ޙަސަދަލާ މީހުން ގިނަވުމެވެ.
ނިކަން ވިސްނައިލަބަލާށެވެ! ތިމާގެ ގާތް ދެމަފަރިއަކު ޢާއިލާގެ ދެމަފިރިއަކު ލޯބިން އެކުގައި އުޅޭނަމަ ފުރަތަމަކަމަކަށްވެސް ކުރަން އޮތް ކަމަކީ އެދެމަފިރިންގެ ގާތުން ކަންކަން ދަސްކޮށް ތިމާމެންވެސް އުފަލުގައި އުޅެން މަސައްކަތްކުރުން ނޫންހެއްޔެވެ؟ ނަމަވެސް ކަންކަން މިހާރު މިވަނީ އެހެންނަކުން ނޫނެވެ. ތިމާމެންގެ ދިރިއުޅުން އިޞްލާޙްކޮށް އުފާވެރިކަން ހޯދަން މަސައްކަތްކުރުމުގެ ބަދަލުގައި ލޯބިން އެކުގައި އުޅޭ ދެމަފިރިންނަށް ޙަސަދަވެރިވަނީއެވެ. ޢަދާވާތްތެރިވަނީއެވެ. އެދެމަފިރިންގެ ދިރިއުޅުމަށް ގެއްލުންދޭންވެސް މަސައްކަތްކުރަނީއެވެ.
މިކަންކަމަށް ވިސްނުމުން އެނގެނީ މީސްތަކުންގެ ދިރިއުޅުމަށް އައިސްފައިވާ ނުބައި ބަދަލުތަކެވެ. ގިނަބައަކު ދީނީ އިންތަކުން ބޭރުވުމުގެ އިތުރުން އިންށާނިއްޔަތުކަމުގެ އިންތަކުންވެސް ބޭރުވެފައިވާ ކަމެވެ.
ބުއްދިވެރިއަކު ބުނެފައިވެއެވެ. ދެމަފިރިން ލޯބިން ދިރިއުޅޭތީ ޙަސަދަވެރިވާނެ ބައަކު ނެތްނަމަ އެއިގެ މާނައަކީ އެދެމަފިރިންގެ މެދުގައި ޚާއްޞަ އެއްވެސް ކަމެއް ނެތް ކަމެއް ނެތް ކަމެވެ. ޚާއްޞަ ކަންތައްތަކެއް ހުރިނަމަ ޙަސަދަވެރިވާނެ މީހުން ތިބޭނެއެވެ. ޚާއްޞަކަން ބޮޑުވާނަމަ ޙަސަދަވެރިވާ މީހުން ގިނަވެސްވާނެއެވެ.
އަދި ހަމައެހެންމެ ޢަދާވާތްތެރިވާނެ ބައަކު ނެތް ނަމަ އެއިގެ މާނައަކީ ތިބާއަކީ އެއްވެސް މުހިންމު މީހަކު ނޫންކަމެވެ. އަދި ތިބާއާއި މެދު ދޮގު ވާހަކަތައް ދައްކާ ބައަކު ނުތްނަމަވެސްމެއެވެ.
ބުނަން ހެއްޔެވެ؟ ދެމަފިރިއަކު ލޯބިން އެކުގައި ދިރިއުޅޭނަމަ ޙަސަދަވެރިން ގިނަވާނެއެވެ. ޢަދާވާތްތެރިވެސް ގިނަވާނެއެވެ. އަދި އެއިގެ ތެރޭގައި ގިނަވާނީވެސް އެންމެ ޣާތްކޮށް އުޅެވޭ މީހުންގެ ތެރެއިން ބައެކެވެ.
އެއީ ކަންބޮޑުވެ އެމީހުންގެ ފަހަތުން ދުވަންޖެހެންވީ ކަމެއް ނޫނެވެ! މިބުނި ކަންކަމަކީ މިހާރު އަބަދުހެން ކުރިމަތިވަމުން އަންނާނެ ކަންކަން ކަމަށް ޤަބޫލުކުރާށެވެ! އެކަންކަމުން ސަލާމަތްވެ ތިބެން ދެމަފިރިންވެސް މަސައްކަތްކުރާށެވެ. އެކަމަށް ކުރަން އޮތް ކަމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދުމެވެ.
ބުނަން ހެއްޔެވެ؟ ދެމަފިރިން އެކުގައި ރޭއަޅުކަންކޮށް ދުޢާކުރާށެވެ! ހަށިރައްކަލަށް ކިޔަންޖެހޭ ޛިކުރުތައް ކިޔައިގެން ތިބޭށެވެ! އެއިރުން ޙަސަދަވެރިންގެ ފަހަތުން ދުވާކަށް ތިއަ ދެމަފިރިންނަކަށް ނުޖެހޭނެއެވެ. ﷲ ތަޢާލާ އެދެމަފިރިއަކަށް ކާމިޔާބީއާއި އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން