ދަތުރެއްގެ މަތީގައިނަމަވެސް އަދި ކޮންމެ ތަނެއްގައިވީނަމަވެސް ނަމާދު ވަޤުތުޖެހުމުން ކުރެވެން އޮތް ގޮތަކަށް ނަމާދުކުރާށެވެ! ކުޑަފެންފޮދެއް ކާއްތާލައިގެން ނަމަވެސް ވުޟޫކުރާށެވެ. ފެން ނުލިބޭނަމަ ތަޔައްމަމްކޮށްލާށެވެ! ކޮޅަށް ނުތެދުވެވޭނަމަ އިށީނދެ އިނދެގެން ނަމަވެސް ނަމާދުކުރާށެވެ.
ފްލައިޓުގައާއި ލޯންޗް ދަތުރުތަކުގައި ކޮޅަށް ނުތެދުވެވިދާނެއެވެ. އެޙާލަތުގައި އިށިނދެ އިނދެގެން ކުރާނީއެވެ. މުހިންމީ ނަމާދުކުރުމެވެ. މަންޒިލަށް ދެވުމުން ނަމާދުކުރަން ނިޔަތްގަނެގެން ހުއްޓައި މަންޒިލަށް ނުދެވެނީސް ވަޤުތު ފާއިތުވެދާނެ ކަމުގެ ބިރު އޮންނާތީއެވެ.
ސުވާލު:. ކަނޑު ގަދަވުމުގެ ސަބަބުންނާއި ލޯންޗުގައި މީހުން ގިނަވުމުގެ ސަބަބުން ނަމާދު ނުކުރެވި އުޅެނިކޮށް، މަޣްރިބު ނަމާދު ނުކުރެވިއޮއްވައި ރަށަށް އާދެވުމުން ރަށުގައި ޢިޝާ ނަމާދާ އެއްކޮށް ޖަމްޢު ކުރެވިދާނެތަ؟ ނޫނީ މަޣްރިބު ނަމާދު ގަޟާ ކުރެވިދާނެތަ؟ މި ތަނުން ރަނގަޅު ނުވަތަ އެންމެ ރަނގަޅީ ކޮން ގޮތެއްތޯ؟
ޖަވާބު:. ލޯންޗުގައި އިށީނދެ އިނދެގެން ނަމަވެސް ނަމާދު ވަގުތުގައި ކުރަން ޖެހޭނެ. ކޮންމެ އަކަސް ކަންތައް ދިމާވެފައި ތިއަވާ ގޮތުން މަޣްރިބާއި ޢިޝާ ނަމާދު ފަސްކޮށް ޖަމްޢު ކުރެވިދާނެ،
(ދަތުރުގައި ޢަޞްރުނަމާދުވެސް ނުކުރެވި އޮތްނަމަ ފުރަތަމަ އޮތީ ޢަޞްރު ނަމާދު ޤަޟާކުރުމެވެ. މަޣްރިބް ނަމާދާއި ޢިޝާނަމާދު ފަސްކޮށް ޖަމްޢުކުރާނީ ޢަޞްރު ނަމާދު ޤަޟާކުރުމަށްފަހުގައެވެ.)
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް