އަހުރެމެންގެ ތެރެއިން ގިނަ ބައަކަށް މުޞީބާތަކީ ކޮބައިކަމެއް ނުއެނގެއެވެ. މުޞީބާތެއް ކަމަށް ޤަބޫލުކުރެވެނީ ވަރަށް ބޮޑު ކަމެއް ކުރިމަތިވުމުންނެވެ. ނަމަވެސް މުޞީބާތުގެ އަޞްލު މާނައަށް ބަލައިފިނަމަ މޫޞީބާތަކީ ތިމާ ރާވާ ގޮތް ނޫން ގޮތަކަށް ނުވަތަ ކުއްލިއަކަށް ކުރިމަތިވާ ބޮޑު ކޮންމެ ކަމެކެވެ.
މުޞީބާތެއް ކުރިމަތިވުމުން ތިމާއަށް މިވެނި ގޮތަކަށް ކަންކަން ކުރެވުނު ނަމަ އެކަންކުރިމަތިނުވާނެކަމަށް މުސްލިމުން ވިސްނައިގެން ނުވާނެއެވެ. ސަބަބަކީ ކިތަންމެ މޮޅަށް ރާވައިގެން ކަންކަން ކުރަން އުޅުނަސް ﷲ ތަޢާލާ ކުރިމަތިކުރައްވަވަން އިރާދަ ކުރައްވަވާފައިވާ ކޮންމެ ކަމެއްވެސް ކުރިމަތިވާނެކަން ޤަބޫލުކުރަންވާނެއެވެ.
މިޘާލަކަށް ބައިވެރިޔާ އާއިއެކު ކިތަންމެ ރަނގަޅަށް ދުނިޔޭގައި އުޅެން މަސައްކަތްކުރިނަމަވެސް ޒަވާޖީ ޙަޔާތް ފޭލްވެދާނެއެވެ. އެކަނިވެރިވެސްވެދާނެއެވެ. އެފަދަ ކަންކަން ކުރިމަތިނުވާނެ ގޮތެއް ނުހެދޭނެއެވެ. ނަމަވެސް ތިބާ ދިރިއުޅެމުން އައީ ރަނގަޅު ގޮތުގައި ކަމަށްވާނަމަ ތިބާއަށް އެއޮތީ ތިބާގެ ވާޖިބު އަދާކުރެވިފައެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!
ބުނަން ހެއްޔެވެ؟ ކައިވެނި ރޫޅުނަސް އަދި އެކަނިވެރިވާންޖެހުނަސް ފުރިހަމަ ޏިއްޙަތެއްގައި ހުރެވޭނަމަ އެހުރެވެނީ އެންމެ ބޮޑު ނިޢުމަތުގައެވެ. ބަލިވެ އުޅެންޖެހުނަސް ނޭވާލެވޭނަމަވެސް އެހުރެވެނީ ހަމަ އެންމެ ބޮޑު ނިޢުމަތުގައެވެ. ވީމާ ނޭވާ ލެވޭހައި ހިނދަކު ތިމާއަށް ގޮތް ހުސްވެއްޖެކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އަދި ހުންނަންވާނީ ﷲ ތަޢާލާގެ ރަޙްމަތަށް އުންމީދުކޮށްގެންނެވެ.
ރަނގަޅަށް ބަލާށެވެ! ދެވަނަ ޙަޔާތް އެންމެ އުފާވެރި ގޮތުގައި ކާމިޔާބުކުރެވިފައިވާ ގިނަމީހުންނަކީ ފުރަތަމަ ޙަޔާތް ފޭލްވުމުން ކަންބޮޑުނުވެ ﷲ ތަޢާލާ އާއި އިތުރަށް ގުޅުން ބަދަހިކުރަން ގަދައަޅައި މަސައްކަތްކުރި މީހުންނެވެ. އަޅުކަންކުރުން ގިނަކޮށް ދުޢާކުރުން ގިނަކުރި މީހުންނެވެ. ޝައިޠޯނާގެ ވަސްވާސްތަކަށް ޢިޖާބްނުދީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވި މީހުންނެވެ.
ވީމާ އެފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ތިބާވެސް ހަމަ އެމަގުން ޢަމަލުކުރާށެވެ! ކާމިޔާބީ މިންވަރުކުރައްވަވާނެތެވެ. މާއުފާވެރި ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން