ޢިބްރަތްތެރި ވާހަކަ: ހިލޭ އަންހެނަކު ދެކެ އިންތިހާއަށް ލޯބިވި ތަނަވަސް ބައްޕައަކު ދަރިފުޅަށްޓަކާ އެލޯބި ޤުރްބާންކުރީތީ މުޅި ޢުމުރަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 29ސ
ޢިބްރަތްތެރި ވާހަކަ: ހިލޭ އަންހެނަކު ދެކެ އިންތިހާއަށް ލޯބިވި ތަނަވަސް ބައްޕައަކު ދަރިފުޅަށްޓަކާ އެލޯބި ޤުރްބާންކުރީތީ މުޅި ޢުމުރަށް ލިބުނު ބޮޑު އުފާވެރިކަމުގެ ވާހަކަ-

އަހަރެމެންގެ ކައިވެންޏަށް 12 އަހަރެވެ. 10 އަހަރުގެ ފިރިހެން ދަރިއަކު ހުއްޓެވެ. އެހެންކަމާއިއެކުވެސް އެހެން އަންހެނަކު ދެކެ ލޯބިވެވުނެވެ. އެލޯބީގައި ކުރިއަށްދެވި އަނބިމީހާ ވަރިކުރަން ބޭނުންވިއެވެ. އެވާހަކަ އަނބިމީހާގެ ގާތުގައި ބުނުމުން އޭނާ ވަރަށް ދެރަވިއެވެ. ވަގުތުން ރޯންފެށިއެވެ. 

އަހަރެންވެސް ވަރަށް ދެރަވިއެވެ. ނަމަވެސް ވަރިކުރުން ނޫން ގޮތެއް ނުވިސްނޭތީ ލިޔުމެއް ލިޔެ ހުށަހެޅީމެވެ. އެ ލިޔުމުގައި އޮންނާނީ ގެ އޭނާއަށް ކަމަށެވެ. އަދި ދެވަނަ މީހަކާއި އޭނާ ކައިވެނިކުރިނަމަވެސް އަނބިމީހާ އާއި ދަރިފުޅާއި އަދި ގޭގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓައިދޭނެ ކަމަށެވެ. އަދި އޭނާގެ އެކައުންޓަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.

އެގޮތަށް ލިޔުނީ އަނބިމީހާގެ އެއްވެސް ކުށެއް ނެތި އޭނާ ވަރިކުރަން ބޭނުންވުމުންނެވެ. ކުށްވެރިއަކީ އަހަރެންނެވެ. އެހެން އަންހެނަކު ދެކެ ލޯބިވެވުނީ އަނބިމީހާގެ އެއްވެސް ކުށެއް އޮވެގެން ނޫންކަމުގައިވާތީއެވެ. 

އަނބިމީހާ ދިނީ ހީވެސް ނުކުރާ ފަދަ ޖަވާބެކެވެ. ބުނީ އެއްވެސް އެއްޗެއް ބޭނުން ނޫން ކަމަށެވެ. ނަމަވެސް އެންމެ ކަމެއް ކޮށްދިނުމަށެވެ. އެއީ ވަރިކުރަނީ ކީއްވެގެންކަން ތެދުބަހުން އޭނާގެ ޙާޒިރުގައި ދަރިފުޅުގެ ގާތުގައި ބުނެލައިދިނުމެވެ. 

އެހިސާބުން އަޅުގަނޑަށް ހުއްޓުން އެރިއެވެ. ދަރިފުޅު ގާތުގައި ތެދުބަހުން އެވާހަކަ ބުނާނެ ހިތްވަރު ހޯދާނީ ކިހިނެއް ހެއްޔެވެ؟ ހުރީ އެންމެ ދަރިއެކެވެ. ދެން ދަރިއަކު ލިބޭނެ ކަމެއްވެސް ނުއެނގެއެވެ. ހުރި އެންމެ ދަރިފުޅުގެ ހިތުގައި އަހަރެންނާއިމެދު ނަފްރަތު އުފެދިއްޖެނަމަ އެކަމުގެ ހިތާމަ މުޅި ޢުމުރުގައިވެސް ކުރަންޖެހިދާނެތީ ކަންބޮޑުވިއެވެ. 

މަހެއްހައި ދުވަސްވަންދެން ވިސްނީމެވެ. ނަމަވެސް އަނބިމީހާގެ އެންމެ އެދުން ފުއްދައިދޭނީ ކިހިނަކުން ހެއްޔެވެ؟ އެކަމެއް ނުކުރެވޭނެއެވެ. އެކަން ކުރާނެ ހިތްވަރެއް ނުލިބުނެވެ. އެއިރު ކައިވެނިކުރުން ލަސްވާތީ ލޯބިވެރިޔާ ދިއައީ ޝަކުވާކުރަމުންނެވެ. އެންމެފަހުން ގޮތް ނިންމީމެވެ. އެގޮތަކީ ލޯބިވެރިޔާ ދެކެ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް އޭނާ އާއި ވަކިވުމެވެ. އަނބިމީހާ އާއި ދަރިފުޅާއިއެކުގައި ދިރިއުޅުމެވެ. 

އެގޮތަށް ނިންމައި ލޯބިވެރިޔާ ދޫކޮށްލީމެވެ. އެދުވަހު ލޯބިވެރިޔާ ސުވާލުކުރިއެވެ. އަހަރެންގެ ހިތުގައި އަޅާނެ ވޭނަށް ދެވޭނީ ކޮން ބަދަލެއް ހެއްޔެވެ؟ ޖަވާބުގައި އަހަރެން ބުނީމެވެ. ދެވޭނެ ބަދަލެއް ނެތެވެ. މާފުކުރާށޭ ބުނުން ނޫންކަމެއް ކުރެވޭކަށް ނެތެވެ. ހަމައެއާއިއެކު އަހަރެންވެސް ސުވާލެއް ކުރީމެވެ. "ކަލޭގެ ލޯބީގައި ޖެހިގެން އަނބިމީހާ އާއި ދަރިފުޅު ދޫކޮށްލައިފިނަމަ އެމީހުންގެ ހިތުގައި އަޅާނެ ވޭނަށް ކަލެއަށް ނުވަތަ އަހަރެންނަށް ދެވޭނީ ކޮން ބަދަލެއް ހެއްޔެވެ؟ ދެރައީ އެންމެ ކަމެކެވެ. އެއީ ކަލޭގެ ހުށަހެޅުން ޤަބޫލުކޮށް ކަލޭ ދެކެ ލޯބިވެވުނުކަމެވެ. އަދި މިހައިދުވަސްވީއިރުވެސް ވިސްނައި ނުލެވުނު ކަމެވެ. އެކަން ވިސްނުނީ އަނބިމީހާގެ އެންމެ ބަހަކުންނެވެ. ކޮންމެއަކަސް އިތުރަށް ބުނެވޭނެ އެއްޗެއް ނެތެވެ. ހިތްހެޔޮކުރާށެވެ!" 

ކުށަކީ އެންމެންނަށްވެސް ކުރެވޭ އެއްޗެކެވެ. އެހެންވެ އަހަރެންނަށްވެސް ކުށްކުރެވުނީއެވެ. އަނބިމީހާ ގާތު މާފަށް އެދުމުން މާފުކުރިއެވެ. އެކުގައި އުފަލުގައި ދިރިއުޅެމުން އައިމެވެ. 

ދަރިފުޅު ކިޔަވައި ނިމުނުތަނާހެން އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. ވިޔަފާރީގެ ކަންކަން ނުބެލެހެއްޓި ފޭލްވާހިސާބަށް ދިއައެވެ. ސަލާމަތްވެވުނީ އަނބިމީހާ އާއި ދަރިފުޅުގެ މަސައްކަތުންނެވެ. މިއަދު އަހަރެންނަކީ އެކަނި ނުހިނގި ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހިފައިވާ މީހަކީމެވެ. އެދުވަހު ދެމައިން ދޫކޮށްލެވުނުނަމަ އަހަރެންނަށް މިއަދު ދިރިއުޅެންޖެހޭނީ ކޮންފަދަ ނިކަމެތި ޙާލެއްގައިކަން ހިތަށް އެރުމުން އެދުވަހު ކަންތައް ކުރެވުނު ގޮތާއިމެދު ފަޚުރުވެރިވަމެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. އެއީ ކިތަންމެ ބޮޑަށް ހިލޭ އަންހެނަކު ދެކެ ލޯބިވީނަމަވެސް ދަރިންގެ ހިތުގައި ނަފްރަތު އުފެދޭނެ ގޮތަކަށް ކައިވެނި ރޫޅައިނުލާށެވެ. އެންމެ ބޮޑު ސަމާލުކަމެއް ދަރިންނަށް ދޭށެވެ. އަޅުގަނޑަށް އެދުވަހު އެގޮތަށް ނުކުރެވުނު ނަމަ މިއަދު އަޅުގަނޑުގެ ޙާލަކީ ކޮބައިކަން ހިތަށް އެރުމުންވެސް ފެންކަޅިވެއެވެ. ރޮވެއެވެ. 

އެއީ ވިޔަފާރި ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ އެދެމައިންނެވެ. ބަލިޙާލުގައި ޖެހުމުން ލޯބިން އެބަލަނީ ދެމައިންނެވެ. ބަނގުރޫޓުވެ ބަލިޙާލުގައި ޖެހުނުނަމަ ލޯބިވެރިޔާ އަޅުގަނޑާއިއެކު ހުންނާނެ ކަމަށް އޮތީ ކޮން ޔަޤީންކަމެއް ހެއްޔެވެ؟ އެއީ ޢާންމުކޮށް ނުވާނެ ކަމަކަށްވާނެތީއެވެ. ވީމާ ދިރިއުޅުމުގައި އަޅުގަނޑަށް މެދުވެރިވި ކަންކަން މިއީ ހުރިހާ ބައްޕައިންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ކަމުގައި ދެކޭތީ ޙިއްޞާކޮށްލީއެވެ. 

 

- އަޙްސަން / މިއަދުނޫހުގެ ކިޔުންތެރިއެއް 

މިއަދު އޮންލައިން