ކުޑަކުއްޖަކާ ދިމާއަށް ތިއައީ ބޭކާރު، ބޭނުމެއް ނުހިފޭނެ ކުއްޖެއްކަމަށް ނުބުނާށެވެ! އެއީ އެކަމުގެ އަސަރު ކުއްޖާގެ މުޅި ޢުމުރަށްވެސް ކޮށްފާނެ ވަރަށް ނުބައި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ކުޑަކުއްޖަކާ ދިމާއަށް ތިއައީ ބޭކާރު، ބޭނުމެއް ނުހިފޭނެ ކުއްޖެއްކަމަށް ނުބުނާށެވެ! އެއީ އެކަމުގެ އަސަރު ކުއްޖާގެ މުޅި ޢުމުރަށްވެސް ކޮށްފާނެ ވަރަށް ނުބައި ކަމެއް!

ކޮންމެ މީހަކާއި ދިމާއަށް، ޚާއްޞަކޮށް ކުޑަކުއްޖަކާއި ދިމާއަށް ބަހެއް ބުނިނަމަވެސް ބުނަންވާނީ ވަރަށް ބޮދަށް ސަމާލުކަންދީގެންނެވެ. އެކުއްޖާ ދެރަކޮށްލުމުގެ ގޮތުން ނަމަވެސް ހިތުގައި ޖެހޭނެ ފަދަ ބަހެއް ނުބުނާށެވެ. ތިއައީ ބޭކާރު، ބޭނުމެއް ނުހިފޭނެ ކުއްޖެއްކަމަށް ފަދަ ބަހެއް ނުބުނާށެވެ! އެއީ އެކަމުގެ އަސަރު ކުއްޖާގެ މުޅި ޢުމުރަށްވެސް ކޮށްފާނެ ވަރަށް ނުބައި ކަމެކލެވެ. އެއިގެ ބަދަލުގައި އެކުއްޖާއަކީ މޮޅު، ކަންކަން ކާމިޔާބުކުރެވޭނެ ކުއްޖެއް ކަމަށް ބުނާށެވެ. ހިތްވަރު ދީފައި އިޞްލާޙްކުރަންޖެހޭ ކަންތަކުގެ ވާހަކަ ދައްކާށެވެ.  

ކުއްޖާ ކުޑަވީމައި ނުވިސްނޭނެ ކަމަށް ހީކޮށްގެންވެސް އެފަދަ ބަހެއް ނުބުނާށެވެ. ކިތަންމެ ކުޑަކުއްޖަކަށް ނަމަވެސް ބުނަންވާނީ އޭނާއަކީ ވަރަށް ރީތި، މޮޅު، ކުޅަދާނަ ކުއްޖެއްކަމަށެވެ. ނޫންނަމަ ކުއްޖާއަށް އެކަން ވިސްނޭނީ މުޅިން ތަފާތު ގޮތަކަށެވެ. ބުނެވޭ ބަހެއްގެ ސަބަބުން އެކުއްޖާއަށް އެކުއްޖާއަކީ ނުވިސްނޭ، މޮޅުކަމެއް ނެތްކުއްޖެއްގެ ގޮތުގައި ޤަބޫލުކުރެވިއްޖެނަމަ އެކަމުގެ އަސަރު އެކުއްޖާ ކުރާ ހުރިހާ ކަންކަމަށް ފޯރާނެއެވެ.  

އެނގޭ ހެއްޔެވެ؟ ބައެއް ކުދިންނަސް ޓެސްޓްގައި ލިބޭ މާކްސް މަދުވުމުންވެސް އެފަދަ ބަހެއް ބުނެވުމުން ކިޔެވުންމަތިން ކުދިން ފޫހިވެ ކިޔެވުމާއި ދުރުހެލިވެއެވެ.  

ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ ކުޑަކުއްޖަކަށް ދެރަކަމެއް ކުރެވުމުން އެކުދިންދެކެ ރުޅިއައިސްގެން ބައެއް ބެލެނިވެރިން ނުބައިބަސް އެބަބުނެއެވެ. އެޙާލަތުގައި އެބެލެނިވެރިއަކީ ތަޝައްރަފް ފުދިފައިވާ މީހެއް ނޫނެވެ. އެހެނީ ޢޭނާއަށް އެ ޢަމަލުކުރެވެނީ ތަންދޮރު ނުވިސްނޭ ކުޑަކުއްޖެއް ފަދައިންނެވެ. 

ފާހަގަކޮށްލާނަމެވެ! ލޯބި ބޭނުންނަމަ ލޯބިދޭން އޮތް ޙަދީޘް ބަސްފުޅެވެ. މިޙަދީޘްފުޅު އަމާޒުކުރައްވަވާފައިވަނީވެސް ދަރިންނަށް (ކުޑަކުދިންނަށް) ލޯބިދިނުމަށާއި އެކުދިންނަށް ހެޔޮކޮށް ހިތުމަށެވެ. ވީމާ ކުދިންނާއި މުޢާމަލާތުކުރުމުގައި މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ! 

ކުދަކުދިންނަށް އެކަންޏެއް ނޫނެވެ. ބޮޑެތި މީހުންނާއި ދިމާއަށްވެސް އެފަދަ ބަހެއް ނުބުނާށެވެ. ބައެއް މީހުން ވިސްނައިލުމެއް ނެތި އެހެން މީހުންނާއި ދިމާއަށް ތިބާއަކީ އެއްވެސް ބޭނުމެއް ނުހިފޭ، އަގެއް ނެތް މީހެއް ކަމަށް އެބަ ބުނެއެވެ. މިފަދަ ބަސްތައް ބުނެލަނީ އެހެން ބުނުމުން އަނެކާއަށް ކުރާނެ އަސަރާއިމެދުވެސް ވިސްނައިނުލައެވެ.  

އަހުރެން ބުނާނީ މީހަކު ނުވަތަ ކިތަންމެ ގިނަ ބައަކު ތިބާއަކީ ތިބާއަކީ އެއްވެސް ބޭނުމެއް ނުހިފޭ، އަގެއް ނެތް މީހެއް ކަމަށް ބުނި ނަމަވެސް ކަންބޮޑުނުވާށެވެ. އެއްވެސް އަގެއް ނެތް މުސްލިމަކު ނުހުންނާނެއެވެ. މީހާގެ އަގު ގުޅިފައިވަނީ އެމީހާގެ އީމާންކަމާއި ތަޤްވާވެރިކަމާއިއެވެ. ވީމާ މީހާގެ އަގުހުރި މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

ވީމާ އެއްވެސް މުސްލިމަކާއި ދިމާއަށް އެމީހާއަކީ އެއްވެސް އަގެއް ނެތް ނުވަތަ ބޭނުމެއް ނެތް މީހެއްކަމަށް ބުނެގެންނުވާނެއެވެ. އެފަދަ ބަހެއް ބުނުމުގެ ޙައްޤު ހަމަ އެކަކަށްވެސް ލިބިގެނެއް ނުވެއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން