ދެމަފިރިން އެކަކު އަނެކަކަށްޓަކައި ކުރާ ދުޢާ ވަގުތުން ޢިޖާބަކުރައްވަވާ! އެކަން އަންނަނީ ފެންނަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 7ސ
ދެމަފިރިން އެކަކު އަނެކަކަށްޓަކައި ކުރާ ދުޢާ ވަގުތުން ޢިޖާބަކުރައްވަވާ! އެކަން އަންނަނީ ފެންނަމުން!

ރަނގަޅަށް ވިސްނައިފިނަމަ އެންމެ ބޮޑަށް ގުޅުންވާންޖެހޭ ދެމީހުންނަކީ ދެމަފިރިންކަން އެނގޭނެއެވެ. އެހެނީ ކައިވެނީގެ ގުޅުމާއިއެކު ދެމީހުން އެވަނީ އެއްވައިގަނޑަކުން ބަނދެވިފައެވެ. ދެމީހުންގެ ހަށިގަނޑު ވަކިވަކިން ތިބިނަމަވެސް އެއީ އެއް ހަށިގަނޑަކަށްވެސް ވާންޖެހެއެވެ. 

އެކަން އެގޮތަށް ދެމަފިރިންވެސް ދަމަހައްޓާނަމަ އެބައެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވަތެވެ. ހެޔޮ ގޮތްތައް މިންވަރުކުރައްވަވަތެވެ. ހިތްހަަމޖެހުމާއި އުފާވެރިކަން ދެއްވަވަތެވެ. 

ދެމަފިރިންނަކީ ގިނަގިނައިން އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރާ މީހުން ކަމުގައިވާށެވެ! އެދުޢާ ޢިޖާބަކުރައްވަވާނެ ގޮތަށް ދެމީހުންގެ ޢަމަލުތައްވެސް ބަހައްޓާށެވެ! ﷲ ތަޢާލާ އާއި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށްފަހު އެންމެ ބޮޑަށް ލޯބިވަނީ ތިމާގެ ބައިވެރިޔާދެކެ ކަމަށްހަދާށެވެ! 

އިތުރަށް ތަކުރާރުކޮށްލަން ބޭނުންވަނީ ދެމަފިރިންވެސް އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރަމުންގެންދާށެވެ. ހެޔޮ ރަޙްމަތް މިންވަރުކުރައްވަވާނެތެވެ. ދުޢާއަކީ އެންމެ އަގުބޮޑު ހަދިޔާއެވެ. ދެމަފިރިން ކަމުގައިވީނަމަވެސް އެހަދިޔާ ދެމުން ގެންދާށެވެ. އެއީ ދިނުމަށްޓަކައި ގަންނަން އަތުން ޚަރަދެއް ކުރަންޖެހޭ ކަމެއްވެސް ނޫނެވެ. 

ހަމައެއާއިއެކު ހިތްވަރުދޭން ބޭނުންވަނީ ކޮންމެ ދެމަފިރިއަކީވެސް އެކަކު އަނެކަކަށްޓަކައި ހެޔޮދުޢާކުރަމުން ގެންދެވޭނެ މިންވަރަށް ގުޅުން ބަދަހި، އެކަކު ދެކެ ޙަޤީޤީ ލޯބިވާ ދެމަހިރިންކަމުގައި ވުމަށެވެ. 

ދެމަފިރިން އެކަކު އަނެކަކަށްޓަކައި ދުޢާކުރުމުން ވަޤުތުންވެސް ޢިޖާބަކުރައްވަވާ ކަމުގެ ވާހަކަތައް މިއަދުނޫހުގައި ލިޔަމުން ގެންދާތީ ބައެއް ކިޔުންތެރިންގެ ފަރާތުން ވަރަށް ގިނަ ސުވާލުތައް އަންނަނީ ކުރިމަތިވަމުންނެވެ. 

މިފަދަ ސުވާލުތައް ލިބެމުން އަންނާތީ ތަކުރާރުކޮށްމިލަނީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކޮށްފައިވާ ވާހަކައެކެވެ. އޭނާގެ އަނބިމީހާއާއިމެދު ކަންކަން މެދުވެރިވި ގޮތުގެ ވާހަކައެވެ. 

ކިޔުންތެރިޔާގެ ވާހަކަ: 

މިކިޔައިދެނީ ހަމަ މީގެ 14 ދުވަސް ކުރީގެ ކަމެކެވެ! މިވާހަކަ މިހިއްޞާކުރަނީ ހަމަ އެންމެންވެސް މިކަމާއިމެދު ވިސްނުމަށެވެ! ޢިބްރަތެއް ޙާޞިލުކުރުމަށެވެ. 

އަޅުގަނޑުގެ އަނބިމީހާއަކީ ގިނަ ބަލިތަކެއްގައި ފަރުވާކުރަމުން ގެންދާ އަންހެނެކެވެ. މާލެ އައިސް މިއުޅެނީ ވެސް އަނބިމީހާ ބަލިވެގެން ބޭސްފަރުވާއަކަށެވެ. ކުއްލިއަކަށް އަނބިމީހާގެ ބަލި އިތުރަށް ބޮޑުވިއެވެ. ކޮރޯނާ ވައިރަސް ޖެހުމުން ފެންނާނެ ހުރިހާ ޢަލާމާތްތަކެއް ފެންނަންފެށިއެވެ. ހޮސްޕިޓަލަށް ދިއުމުން ސާމްޕަލް ނެގިއެވެ. 

ސާމްޕަލް ނެގުމަށްފަހު ގެއަށް ދޫކުރުމުން ނުކުތްއިރު ގައިން ހުރީ ހީބިހި ނަގައިފައެވެ. ވާހަކަ ދައްކާނެ ހިތްވަރުވެސް ގައަކު ނެތެވެ. އިޙްޞާޞްކުރެވެމުން ދިއައީ އަނބިމީހާ ޕޮޒިޓިވްވެއްޖެނަމަ ދެން ކަންކަން ވާނެ ގޮތެވެ! އައިސޮލޭޝަނަސްގެންދާނެކަމެވެ. އެކަކު އަނެކަކަށް ނުފެނި އެތައް ދުވަހެއް ފާއިތުވެގެންދާނެކަމެވެ. ޙާލުބޮޑުވި ނަމަވެސް ބައްދަލުނުވާނެ ކަމެވެ. 

އެހެނަސް އަބަދުވެސް މާތް ﷲ އަށް ކުރާ އިތުބާރު ހަމަ ހިތުގައި އޮތެވެ! ކޮންމެ ކަމެއްވެސް މިންވަރުކުރައްވަވާނީ ހަމަ އެންމެ ރަނގަޅަށްކަމުގެ ޔަޤީންކަން ހިތުގައި އޮތެވެ. އެޔަޤީންކަމުގައިހުރެ ކޮންމެ ނަމާދެއްގެފަހުގައި މާތް ﷲ އަށް ދުޢާކުރަމުން ގެންދިއައިމެވެ. ޛިކުރުތައްވެސް ކީމެވެ. އަދި އަނބިމީހާ ޕޮޒިޓިވް ނުވެއްޖެނަމަ ޝުކުރުވެރިވުމުގެ ގޮތުން ރޯދައެއް ހިފުމަށް ނަދުރުވެސް ބުނީމެވެ. 

ނަތީޖާ ފޯނަށް ލިބޭނެ ވަގުތުގެ އިންތިޒާރުގައި ކެތްތެރިކަން ކޮޅުންލާފައި ހުއްޓައި މެސެޖު ލިބުމުން ކިޔާލަން އަވަސްވެގަނެވުނެވެ. ކޮންފަދަ އުފާވެރިމެސެޖެއްކަމަށްތޯއެވެ؟ ނަތީޖާ "ނެގަޓިވް" އެވެ! 

މިއަދުނޫހާއި މިވާހަކަ ހިއްޞާ މިކުރީ މިއަދުނޫހަކީ މިބާވަތުގެ ކަންކަމުގައި އެންމެ ގިނައިން ލިޔާ، ރައްޔިތުން ހޭލުންތެރިކުރުވަން މަސައްކަތްކުރާ ނޫސްކަމަށްވުމުންނެވެ! މިއަދުނޫހުގެ ކިޔުންތެރިންނަށް މިބާވަތުގެ ޙަޤީޤީ ހާދިސާތަކުން ފައިދާކުރާނެކަން އެނގޭތީއެވެ. 

- މައުލޫމާތު: މިއަދުނޫހުގެ ކިޔުންތެރިއެއް 

ކުރާ ކޮންމެ ދުޢާއެއް ވަގުތުން ޢިޖާބަ ނުކުރައްވަވައިފާނެއެވެ! ނަމަވެސް އިޚްލާޞްތެރިއަކު އިޚްލާޞްތެރިކަމާއިއެކު ކުރާ އެއްވެސް ދުޢާއެއް ﷲ ޢިޖާބަ ނުކުރައްވަވައި ދޫނުކުރައްވަވާނެތެވެ! ދެމަފިރިން އެކަކު އަނެކަކަށްޓައި ކުރާ ހެޔޮ ދުޢާއަކީ ޢިޖާބަކުރައްވަވާނެ ދުޢާއެކެވެ! އިން ޝާ ﷲ

މިއަދު އޮންލައިން