ނުބައި ގޮތްގޮތަށް ކުރީގައި އުޅުނު މީހުންނަށް ކުރިމަތިކުރެއްވެވި މުޞީބާތްތަކުގެ ތެރެއިން ބައެއް ކަންކަން މިހާރުވެސް ދައްކަވަމުން ގެންދަވާކަމަށް އަޑުއިވެއެވެ. އެބާވަތުގެ ބައެއް ވާހަކަތަކާއި ވީޑިއޯތައްވެސް ފެނެއެވެ. އަޅުގަނޑުގެ ސުވާލަކީ އެކަންކަން ފެންނައިރުވެސް ބިރުވެތި ނުވެވިގެން މިއުޅެނީ ކީއްވެގެންތޯއެވެ؟
ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
ވިސްނައިލާށެވެ! އެއްޗެއްގެ ބޭރުގަ މަކުނުވާ ފުރައިފިނަމަ އެއްޗަކާއި ހަމައަށް ދެވޭނީ މަކުނު ވައުތައް ފޮޅައި ސާފުކުރުމަށްފަހުގައި ނޫންހެއްޔެވެ؟ ދޮރެއްގައި މަކުނުވައު ފުރާފައުހުއްޓާ އެއެއްޗެތި ސާފުނުކޮށް އެތަނަށް ވަންނަން އުޅެފިނަމަ މުޅިމޫނާއި ގައިގައި އޮޅޭނީ އެމަކުނުވާތައް ނޫން ހެއްޔެވެ؟
ގިނަ ބައެއްގެ ހިތްތަކަށްވެސް މިއަދުވެގެން މިއުޅެނީ ހަމަ އެފަދަ ގޮތެކެވެ. ހިތަށް ޝައިޠޯނާ ވެރިވެ ގަނެ މުޅިހް ހިޞޯރުކުރީއެވެ. އެވަރުން ނުފުދިގެން ރަނގަޅު ވިސްނުމަކަށް ކައިރިނުވެވޭވަރަށް ސިކުނޑީގެ ބޭރުން ވައުތައްފުރީއެވެ. ނަތީޖާއަކީ ބިރުން އަންތަރީސްވާންޖެހޭ ވަރުގެ ކަންކަން ލޮލަށް ފެނުނަސް އެއީ އެއްވެސް ބޮޑު ކަމެއްގެ ގޮތުގައި ނުވިސްނެނީއެވެ.
މިވަޤުތު މިދައްކަނީ އަހުރެމެންނަށް ފެނިގެން އުޅޭ ކަމެއްގެ ވާހަކައެއް ނޫނެވެ. ސައިންސްވެރިންނަށް ފެނިއްޖެކަމަށް އެމީހުން ބުނާ ކަމެއްގެ ވާހަކައެވެ. އެކަމުގެ ޙަޤީޤަތް ހޯދަން އެމީހުން މަސައްކަތްކުރާ ކަމެއްގެ ވާހަކައެވެ. މިބުނަނީ ސައިންސްވެރިންނަށް ފެނިގެން އުޅޭ ލޫޠްގެފާނުގެ އަނބިކަނބަލުންގެ ބުދުގެ ވާހަކައެވެ.

އެކަމުގައި އެމީހުންނާއި އެއްކޮޅުވާކަށްވެސް އަދި ދެކޮޅުވާކަށްވެސް ނެތީމެވެ. ފެނިގެން އެއުޅެނީ ލޫޠްގެފާނުގެ އަނބިކަނބަލުންގެ ބުދު ކަމަށް ބުނަނީ އެމީހުންނެވެ. އެކަން ޔަޤީންކުރަން މަސައްކަތްކުރަނީވެސް އެމީހުންނެވެ. އަހުރެން އެމީހުންނާއި އަދި އެމީހުންގެ ބައިވެރިންނާއިވެސް ކޮށްލަން އޮތް ސުވާލަކީ ތިއަކަމެއް ތިއަހައި ބޮޑުވެގެން ތިއައުޅެނީ އެކަމާއި ގުޅިފައިވާ ޙާދިސާގެ މުހިންމުކަން ބޮޑުކަމުން ނޫންހެއްޔެވެ؟ އެއީ އެއްޖިންސުން ގުޅުން ހިންގުމުގައި ހައްދުފަހަނައަޅައިދިއަ މީހުންގެ ޤައުމު ބަންޑުން ޖެއްސެވުން ނޫންހެއްޔެވެ؟
އެހެންކަމަށްވާއިރު އެނުބައި ޢަމަލުކުރުން މުޅި ދުނިޔެއަށް ފެތރެމުން އަންނައިރު ދުނިޔެ ބަންޑުން ޖައްސަވައި ނުލައްވަވާނެކަން އެނގެނީހެއްޔެވެ؟ ﷲ ތަޢާލާގެ ކޯފާ އާއި ޢަޛާބަށް ބިރުވެތިނުވަނީ ކީއްވެގެން ހެއްޔެވެ؟
މުސްލިމް އަޚުންނާއި އުޚުތުންނަށް ބުނެލަން އޮތީ ފެންނަމުން މިދާ ކަންކަމަށް ވިސްނައި ފިކުރުކުރާށެވެ! ﷲ ތަޢާލާގެ ކޯފާއާއި ޢަޛާބަށް ބިރުވެތިވާށެވެ! މިބާވަތުގެ ކޮންމެ ކަމެއްވެސް އެދައްކަވަނީ ވިސްނައި ޢިބްރަތް ޙާޞިލުކުރުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ލިޔުމާއި ގުޅުންހުރި ކުރީގެ ލިޔުންތައް:
އެއީ ލޫޠުގެފާނުގެ އަނބިކަނބަލުން ކަމަށްބުނާ، ހިލައާ ލޮނުން އުފެދިފައިވާ ބޮޑު ބުދެއް ސައިންސްވެރިން ހޯދައިފި!
ކޮންމެ ދުވަހަކުވެސް ކީރިތި ޤުރްއާނާއި ރަސޫލް ﷺ ގެ ޙަދީޘްފުޅުތަކުގެ ތެދުކަން މިދަނީ ޘާބިތުވެ ޔަޤީންކުރެވެމުންނެވެ. އެއިގެ ތެރެއިން މިކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހެއެވެ.
ދާދިފަހުން ސައިންސްވެރިން ވަނީ އިޒްރޭލް ކައިރިން ޑެޑްސީ ސަރަޙައްދުގައިވާ "މައުންޓް ސޯޑޮމް" (ޞަދޫމް ފަރުބަދަ)ގެ އެންމެ ކުރިން މުސްކުޅި އަންހެނެއްގެ ސިފައިގައި ހުރި ބުދެއް ހޯދައިފައެވެ. ސައިންސްވެރިން ބުނަނީ އެއީ ލޫޠުގެފާނުގެ އަނބިކަނބަލުން ކަމަށެވެ. ބުދު އުފެދިފައިވަނީ ހިލަ އާއި ލޮނުންނެވެ.
ބެލެވޭ ގޮތުން ﷲ ތަޢާލާ ލޫޠުގެފާނުގެ އަނބިކަނބަލުން އެގޮތަށް ބަދަލުކުރެއްވެވީއެވެ. އިންޖީލާއި ޤުރްއާނުގައިވާ ހެކިތަކުން އެކަން ސާބިތުވެއެވެ.

ކޮންމެއަކަސް މިފަދަ ބޮޑުކަމެއް ސައިންސްވެރިންގެ އަތްމައްޗަށް ފައުޅުވެގެން މިދިއައީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ބޮޑުފާފަކުރަން މީސްތަކުން އެނބުރެމުންދާ ވަޤުތެއްގައެވެ. ހުޅަނގުގެ މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތަކުގެ ސަބަބުން ހެޔޮމަގާއި ނުބައިމަގު އަހަރެމެންގެ ދަރިންނަށް ދަނީ އޮޅެމުންނެވެ. ވީމާ އެއްޖިންސުން ގުޅުން ހިންގުމުގައި އަރައިގެންދިއަ ލޫޠުގެފާނުގެ ޤައުމުގެ މީހުންނަށް ފޮނުއްވެވި ގަދަފަދަ ޢަޛާބުގެ ވާހަކަތައް ދަރިންނަށް އުނގަންނައިދޭން އެބަ ޖެހެއެވެ.
މި ބުދު ފެނިގެން މިދިއައީ އަންހެނުންނާއި އަންހެނުން އަދި ފިރިހެނުންނާއި ފިރިހެނުން ކައިވެނިކުރަމުން ގެންދާ ޒަމާނެއްގައެވެ. އެކަން އެއީ ޢާންމުކަމެއް ކަމުގައި ހަދަމުން އަންނަ ދުވަސްވަރެއްގައެވެ.

ފުންކޮށް ވިސްނައިފިނަމަ މިއީ ވަރަށް ވަރުގަދަ އިންޒާރެކެވެ. ޞަދޫމަށް ހިލަވެއްސަވައި ނެތިކޮށްލައްވައި އަންނަން އޮތް ޖީލުތަކަށް އެކަން އެއީ ޢިބްރަތެއްކަމުގައި ލެއްވެވި ﷲ ތަޢާލާ މިއަދުވެސް އެންމެހައި ބާރުތަކާއިއެކު ވޮޑިގެންވެއެވެ.
އެއްޖިންސުން ގުޅުން ހިންގުމުގެ ނުބައި ޢަމަލުން އަހަރެމެން އެންމެން ރައްކައުތެރިކުރައްވަވާނދޭވެ! އާމީން
- މަޢުލޫމާތު: ޤުރްއާން އެންޑް އިސްލާމް އިން މީގެ 2 ދުވަސްކުރިން ހާމަކޮށްފައިވާ ވީޑިއޯއަކުން
ލޫޠުގެފާނުގެ އަނބިކަނބަލުންގެ ބުދު ދެއްކެވުން: ދުނިޔެއަށް ﷲ ދެއްވެވި ވަރުގަދަ އިންޒާރެއް!
ލޫޠުގެފާނުގެ އަނބިކަނބަލުންގެ ބުދު ދެއްކެވިކަން އެއީ ދުނިޔެއަށް ﷲ ދެއްވެވި ވަރުގަދަ އިންޒާރެކެވެ. ވިސްނައި ފިކުރުކުރާ މީހުން ޤަބޫލުކުރަންވީ ލޫޠުގެފާނުގެ ޤައުމުގެ މީހުން ކުރި ނުބައި ޢަމަލުކުރާނަމަ މިއަދުވެސް ހަމަ އެފަދަ ގަދަފަދަ ޢަޛާބް ﷲ ތަޢާލާ ދެއްވަވައިފާނެ ކަމެވެ.
މިބުދު އުފެއްދީ ކާކުހެއްޔެވެ؟ ކޮން ޒަމާނެއްގައި ހެއްޔެވެ؟ މިއަދުގެ ސައިންސްވެރިންނަށް އެ ބުދުގެ ޙަޤީޤަތް އަންގަވައިދެއްވެވި ޙިކުމަތަކީ ކޮބައިހެއްޔެވެ؟ އެއްޖިންސުން ގުޅުން ހިންގުން ފެތުރެމުން މިއަންނަ މިއަންނަ މިވަރާއި މިބުދު ފެނުމާއި ހުރީ ކޮން ގުޅުމެއް ހެއްޔެވެ؟ މިހިރީ އަމިއްލައަށް ވިސްނާލަންޖެހޭނެ ކަންކަމެވެ.
--މަޢުލޫމާތު: ޤުރްއާން އެންޑް އިސްލާމް އިން މީގެ 2 ދުވަސްކުރިން ހާމަކޮށްފައިވާ ވީޑިއޯއަކުން