އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ނަޡީމް އަދި އެމިނިސްޓްރީގެ ޓެކްނިކަލް ޓީމުން ވިލާ ކޮލެޖާއެކު މުހިންމު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި މަޝްވަރާކުރުމެވެ.
މި ބައްދަލުވުމަކީ، މިނިސްޓްރީން ފަށާފައިވާ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަން ބައްދަލުވުންތަކުގެ ތެރެއިން އެއް ބައްދަލުވުމެވެ. ބައްދަލުވުމުގައި ވިލާ ކޮލެޖްގެ ފަރާތުން ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބް އަދި ފެކަލްޓީތަކުގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިނިސްޓްރީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ނަޡީމް ފާހަގަކުރެއްވި ގޮތުގައި މިބައްދަލުވުމަކީ އިމާރާތްކުރުމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ބޭއްވުނު ވަރަށް މުހިންމު ބައްދަލުވުމެކެވެ.
މި ފަދަ ބައްދަލުވުންތަކުގެ ސަބަބުން ލިބޭ މަޢުލޫމާތުގެ މުހިންމުކަން ފާހަގަކުރައްވައި ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބް ވަނީ މިފަދަ މަޤްސަދެއްގައި ވިލާ ކޮލެޖާއި ބައްދަލުކުރެއްވީތީ މިނިސްޓްރީއަށް ޝުކުރުދަންނަވާފައެވެ. މި ބައްދަލުވުމުގައި، އިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދަށް ގެންނަން ބޭނުންވާ އިޞްލާޙުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ދިޔައެވެ.
ހަބަރު: ސަރުކާރު