ޤައުމީ ދިރާސާ ފަންޑަށް 10 މިލިޔަން ރުފިޔާ ހަމަޖައްސައިފި
ރާއްޖޭގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާއިމްކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ޤައުމީ ދިރާސާ ފަންޑަށް މިހާތަނަށް 10 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރު ތަރައްޤީކުރުމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ސްޓޭޓް މިނިސްޓަރ ޝަފީއު ވިދާޅުވީ، ޤައުމީ ދިރާސާ ފަންޑު މިހާރު ޤާއިމްކޮށް، އެ ފަންޑުގެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ފަންޑުގެ ބެލެނިވެރި ފަރާތެއްގެ ގޮތުގައި ޤައުމީ ދިރާސާ ކައުންސިލްގެ ނަމުގައި ކައުންސިލެއްވެސް މިހާރު އުފައްދާފައިވާ ކަމަށެވެ.
"މިއަހަރު ފަންޑަށް ފުރަތަމަވެސް ފަށައިގަތުމަށްޓަކައި 10 މިލިޔަން ރުފިޔާގެ އެލޮކޭޝަންއެއް އެބައޮތް. ދެން އަޅުގަނޑުމެންނަށް ދެން އަންނަ އަހަރުގެ ބަޖެޓްވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އިޝާރާތްކުރައްވާފައި އޮތީ އަންނަ އަހަރުވެސް ދިރާސާ ފަންޑަށް ފައިސާ ވަދެގެންދާނެކަމަށް. އެހެންވީމަ ރިސާޗް ހެދުމަށްޓަކައި ހަމަ ގްރާންޓްތަކެއް ދޫކުރެވިގެންދާނީ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މިވަގުތު މަސައްކަތް ކުރަމުން ދަނީ ދިރާސާ ކުރުމަށް ކަނޑައަޅާނެ ދާއިރާތަކާއި އެކަމުގެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތްކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވުޒާރާއިން ބޭނުންވަނީ އެކަން ކުރިއަށްދާއިރު ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަދި ރާއްޖެއަށް އެންމެ އިސްކަން ދޭން ޖެހިފައި މިވަގުތު ހުރި ދާއިރާތަކަށް ހުޅުވާލައިގެން އެކަންކަން ކުރިއަށްގެންދިއުމަށްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޤައުމީ ދިރާސާ ކައުންސިލަށް މެމްބަރުން އައްޔަންކޮށްފައިވާއިރު، މި މެންބަރުންނަކީ "ޤައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމަށް ޢައްޔަންކޮށްފައިވާ މެމްބަރުންނެވެ. އެބޭފުޅުންގެ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ ތެރޭގައި، ފަންޑުން ޚަރަދުކޮށްގެން ދިރާސާކުރާނެ ދާއިރާތައް ކަނޑައެޅުމާއި، އެ ދާއިރާތައް ކަނޑައެޅުމުގެ އުޞޫލުތައް ކަނޑައެޅުމާއި، ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ޤާއިމްކޮށް، އެ ހަމަތައް ތަންފީޒުކުރުން ހިމެނެއެވެ.