އަންނައަންނަ އަހަރު ރާއްޖެއިން ބޭރުގެ އިތުރު ޤައުމުތަކަށް އިމާމުން ތަމްރީނުވުމަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ ހުރިހާ އިމާމުންނާއި ޚަތީބުން ތަމްރީންކުރުމަށް ހިންގި ޤައުމީ މަޝްރޫޢު 2024 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި މިއަހަރުވެސް ރާއްޖެއިން ބޭރަށް އިމާމުން ފޮނުވާފައިވެއެވެ. އަދި އަންނަ އަހަރު އިތުރު ބައެއް ޤައުމުތަކަށް އިމާމުން ފޮނުވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި އުރުދުން، ޤަތަރު، ކުވައިތު، ބަހްރައިން، ސަޢުދީޢަރަބިއްޔާ، މެލޭޝިޔާ އަދި އެހެން ބައެއް ޤައުމުތައް ހިމެނެއެވެ.
"މިފަދަ ދަތުރުތަކަކީ ކްލާސްރޫމެއްގައި ކިޔަވަން ލިބޭ މަޢުލޫމާތަށްވުރެ، އެށްވުރެ، އެހެން މީހުންގެ ތަޖުރިބާއާއި ކަންތައްތައް ކުރާ ގޮތް ލިބިގަތުމަށް ލިބޭ ފުރުޞަތެއް. ކްލާސްރޫމުން ނުލިބޭ މަޢުލޫމާތާއި ޢިލްމު މިފަދަ ދަތުރުތަކުގައި އެބަލިބޭ." ވަޒީރު ވިދާޅުވިއެވެ.
އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ކުރިއަށް އޮތް އަހަރުތަކުގައިވެސް ޤައުމީ ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއަހަރު ހިންގި ޕްރޮގްރާމުގެ އަލީގައި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރައްވާނެ ކަމަށާއި، އަންނަ އަހަރު އިތުރު މާއްދާތަކެއްވެސް މި ޕްރޮގްރާމްގައި ހިމަނުއްވާނެ ކަމަށް ވިދާޅުވިއެވެ.
މިއަހަރު ރާއްޖޭގެ ހުރިހާ އިމާމުން ތާޒާކޮށް ނިމިފައިވާއިރު، 100 އަށް ވުރެ ގިނަ ތަމްރީނު ފުރުޞަތު ރާއްޖެއިން ބޭރުން އިމާމުންނަށް ހޯދައިދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.