ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ހިންގަމުންދާ ތަޙުޤީޤުގެ ދަށުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ދިރިއުޅެމުންދާ ގެ ފުލުހުން ބަލާފާސްކޮށްފިއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބަލާފާސްކުރުން ކުރިއަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ އިލެކްޓްރޯނިކް ސާމާނާއި އެހެނިހެން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ތަކެތި ގެންދެވިފައިވަނީ ހިނގަމުންދާ ތަޙުޤީޤަށް ބޭނުންވާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ފަރާތްތަކަށް ގޯތި ދޫކޮށްފައިވާކަމުގެ ތުހުމަތު ފަޒުލްގެ މައްޗަށް ކުރެވެމުން ދެއެވެ. މީގެ ތެރޭގައި ފަޒުލްގެ ބޭބެއާއި އިތުރު ބަޔަކަށް ސްކީމްގެ އުސޫލުތަކާ ޚިލާފަށް ގޯތި ދޫކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެއެވެ. މި މައްސަލައިގެ ތަޙުޤީޤު އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރިއަށް ގެންދެއެވެ.
މި މައްސަލަ ސަމާލުކަމަށް އައުމާއެކު، އެޗްޑީސީގެ ޗެއަރމަން ފިޔަވައި ފަޒުލް ރަޝީދު ހިމެނޭގޮތަށް ޑިރެކްޓަރުންގެ ބޯޑުގެ ހުރިހާ މެންބަރުން ވަނީ ސަސްޕެންޑް ކުރެވިފައެވެ. އަދި ފަޒުލް ރަޝީދާއި އޭނާއާ ގުޅުންހުރި 20 މީހެއްގެ ޕާސްޕޯޓް ވަނީ ހިފެހެއްޓިފައެވެ. އަދި ފަޒުލް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.