ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ މުސްލިމުންނަށް މޯލްޑިވްސް ޒަކާތު ހައުސްއިން ފޯރުކޮށްދިން ފައިސާގެ އެހީތެރިކަމާއެކު ފެން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ވިދާޅުވީ ޤަތަރު ރެޑް ކްރެސެންޓުން ދަނީ ރާއްޖޭގެ ޒަކާތު ފަންޑުގެ އެހީތެރިކަމާއެކު ފަލަސްޠީންގެ މުސްލިމުންނަށް ފެން ކޭސް ފޯރުކޮށްދެމުން ކަމަށެވެ.
ބަންދުކޮށްފައިވާ 6،000 ކޭސް ފެން ފަލަސްޠީންގެ ރައްޔިތުންނަށް ވަނީ ފޯރުކޮށްދީފައިވާއިރު މި ތަކެތި ފޯރުކޮށްދީފައިވަނީ އަލް ޝިފާ އަދި އަލް ހަޔާތު ހޮސްޕިޓަލްގައި ތިބި ބަލިމީހުންނަށް ކަމަށް ޤަތަރު ރެޑް ކްރެސެންޓުން ވަނީ ހާމަކޮށްފައެވެ.
ދިވެހިރާއްޖޭގެ ޒަކާތު ފަންޑުގެ އެހީގައި 60،000 ފަލަސްޠީންގެ މުސްލިމުންނަށް 50،000 ފެން ކޭސް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.