ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތްކޮށް ގަވާއިދާ ޚިލާފަށް އުޅުނު 8 ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތްކޮށް ގަވާއިދާ ޚިލާފަށް އުޅުނު 8 ބިދޭސީން ހުޅުމާލެއިން ހައްޔަރުކޮށްފި

މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ހުޅުމާލޭގައި ގަވާއިދާ ޚިލާފަށް އުޅެ ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތްކުރަމުން ދިޔަ 8 ބިދޭސީއަކު ހައްޔަރުކޮށް، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން މިއަދު ސޯޝަލް މީޑިއާގައި ޙިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި އޮޕަރޭޝަން ހިންގާފައިވަނީ ހުޅުމާލޭ ފޭސް 1 އަދި ފޭސް 2 ގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ގަވާއިދާ ޚިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތްކުރާ ބިދޭސީން ހޯދައި، އެފަދަ ޙަރަކާތްތައް ހުއްޓުވުން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހައްޔަރުކުރެވުނު 8 ބިދޭސީންގެ ތެރެއިން އެއްވެސް މީހެއްގެ އަތުގައި ޞައްޙަ ވިސާއެއް ނެތްކަން ފާހަގަކުރެވިފައިވެއެވެ. މިކަމާ ގުޅިގެން އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށާއި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާ މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އާންމު ރައްޔިތުންނަށް އިމިގްރޭޝަނުން ގޮވާލާފައިވަނީ، ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންނާ ބެހޭ މަޢުލޫމާތު ލިބިއްޖެނަމަ، ވަގުތުން އިމިގްރޭޝަނަށް އެންގުމަށެވެ. އަދި މިފަދަ ޚިދުމަތްތައް ބޭނުންކުރުމުގައި ވެސް ރައްޔިތުން ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.

މިއަދު އޮންލައިން