އެކުވެރިޔާއަށް ރަނގަޅު ބައިވެރިއަކު ލިބިއްޖެނަމަ އޮތީ ޖަހައިގަތުމެއް ނޫން! ޖަހައިގަތުމަކީ އަނިޔާވެރިވުން- އަނިޔާވެރިން ހިއްޕަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
އެކުވެރިޔާއަށް ރަނގަޅު ބައިވެރިއަކު ލިބިއްޖެނަމަ އޮތީ ޖަހައިގަތުމެއް ނޫން! ޖަހައިގަތުމަކީ އަނިޔާވެރިވުން- އަނިޔާވެރިން ހިއްޕަވާނެ!

ލިބޭ އީމޭލްތަކަށްބަލާއިރު އެންމެ ގިނަ ބައެއްގެ އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެންމެ ޣާތް އެކުވެރިންގެ ތެރެއިން މީހަކު އޭނާގެ ޙަޔާތުގެ ބައިވެރިޔާ ޖަހައިގަތުމުގެ މައްސަލައެވެ. ކޮންމެވެސް އުކުޅެއް ބޭނުންކޮށްގެން ދެމަފިރިން ދުރކުރުވައި އެކުވެރިޔާގެ ބައިވެރިޔާ އާއި ގުޅޭ ކަމުގެ ކަންބޮޑުވުމެވެ. 

މިއީ ހިންގާ ވަރަށް ބޮޑު ޖަރީމާއެކެވެ. ނުބައިކަން އެންމެ ބޮޑު އެއް ޖަރީމާއެވެ. އެހެނީ ލޯބިން ދިރިއުޅޭ ދެމަފިރިއެއްގެ ދެމެދަށް ހުރަސްއެޅުމަކީ މީހަކަށް ކުރެވޭނެ އެންމެ ބޮޑު އެއް ކުށެވެ. 

ފިލާވަލެއްގެ ގޮތުން އަހުރެންނަށް އެނގޭ ޙާދިށާއެއްގެ ވާހަކަ ކިޔައިދޭނަމެވެ. 

އެއީ ތަނަވަސް ފިރިހެނެކެވެ. ކައިވެނިކޮށް 2 ފިރިހެންދަރިން ލިބުނެވެ. އަނބިމީހާ ވަރިކުރަންޖެހުނީ އަނބިމީހާގެ ހުރި ނުބައި ސިފަތަކުގެ ސަބަބުންނެވެ. އެހިސާބުން އޭނާގެ ހުރިހާ ސަމާލުކަމެއް އަމާޒުކުރީ ދެދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށެވެ.

ދުވަސްކޮޅެއްފަހުން އޭނާގެ ތަނަވަސްކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ދެމަފިރިއެއްގެ ދެމެދަށް ވަނެވެ، ދެމަފިރިން ވަރިކުރުވައި އަންހެން މީހާ އާއި ކައިވެނި ކުރިއެވެ. އެއަންހެން މީހާވީ އޭނާއަށް ހެޔޮލަފާ އަންތބަކަށެވެ. 

ނަމަވެސް ދެން ކަންތައްވީ ގޮތް އެނގޭހެއްޔެވެ؟ އޭނާގެ ދެވަނަ ކައިވެންޏަށް ދަރިއަކު ނުލިބުނެވެ. ކުރީގެ އަނބިމީހާ 2 ދަރިން ގޮވައިގެން ފިލީއެވެ. ގެންގުޅެންޖެހުނީ 3 ދޮންދަރިންނެވެ. ލިބުނު އެންމެ ބޮޑު ދެރަ އެނގޭހެއްޔެވެ؟ އޭނާއަށް ލިބުނު 2 ދަރިން ބޮޑުވީ މުސްލިމުންގެ ގޮތަކުވެސް ނޫނެވެ. 

އެކަންކަން އެނގުމުން ޙަޔާތުގެ ފަހުދުވަސްތައް ހޭދަކުރަންޖެހުނީ އިންތިހާއަށް ހިތްދަތިކަމުގައެވެ. ދުނިޔެ ދޫކުރަން ޖެހުނީ އެކަންކަމަށް ވިސްނަމުން ގޮސް ޖެހުނު ސްޓްރޯކެއްގައި ނުކުޅެދުންތެރިއެއްގެ ޙާލަތުގައެވެ. އަތުގައި ހުރި ތަނަވަސްކަން ފުރޮޅިގެންދިއައީ ދެވަނަ އަނބިމިހާއަށެވެ. އޭނާގެ ތަނަވަސްކަމުގައި އުދުހުނީ އަނބިމީހާއެވެ. 

މަޢުޟޫއަށް އެނބުރިލާނަމެވެ! އެކުވެރިޔާއަށް ރަނގަޅު ބައިވެރިއަކު ލިބިއްޖެނަމަ ޙަސަދަވެރި ނުވާށެވެ! ދެމަފިރިންގެ ދެމެދަށް ވަންނަން މަސައްކަތްނުކުރާށެވެ! އަދި ދުޢާކުރާށެވެ! "މިއަޅާގެ އެކުވެރިޔާއަށް ހެޔޮލަފާ، ރަނގަޅު ބައިވެރިއަކު ދެއްވެވި ފަދައިން މިއަޅާއަށްވެސް އެފަދަ ބައިވެރިއަކު ދެއްވަވާނދޭވެ! އާމީން. 

އެހެން މީހުންނަށް ދެއްވަވާ ފަދަ ނިޢުމަތްތައް ތިމާއަށްވެސް ދެއްވެވުމަށް އެދިމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ޙަސަދަވެރިވުމެވެ. އެހެން މީހުންގެ އުފާވެރިކަމަށް ހުރަސް އެޅުމެވެ. އެއިރުން އެވެވެނީ އަނިޔާވެރިއެވެ. އެކަމަށް ޙައްޤު ޢުޤޫބާތް ދެދުނިޔޭގައިވެސް ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެތެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން