ޢިބްރަތްތެރި ވާހަކަ: ސިފަ ކިތަންމެ ހުތުރަސް ވަޒީފާގަ ތެދުވެރިވެފަ އަޚްލާޤް ރަނގަޅުނަމަ ހީވެސް ނުކުރެވޭވަރުގެ ބޮޑެތި ނިޢުމަތްތައް ދެއްވަވާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ޢިބްރަތްތެރި ވާހަކަ: ސިފަ ކިތަންމެ ހުތުރަސް ވަޒީފާގަ ތެދުވެރިވެފަ އަޚްލާޤް ރަނގަޅުނަމަ ހީވެސް ނުކުރެވޭވަރުގެ ބޮޑެތި ނިޢުމަތްތައް ދެއްވަވާކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަ-

އަޅުގަނޑަކީ 2 ދަރިން ގޮވައިގެން ވަރަށް ދަތިޙާލުގައި ދިރިއުޅެމުން އައި އެކަނިވެރި މައަކީމެވެ. ފިހާރައަކުން ލިބުނު ވަޒީފާއެއްގައި އައީ ވަރަށް ހީވާގިކަމާއިއެކު މަސައްކަތްކުރަމުންނެވެ. ދެދަރިން ބަލަމުން ފިހާރައިގެ ވަޒީފާ އަދާކުރަން ވަރަށް ބުރައެވެ. އެހެނަސް ދަރިންގެ ބޭނުންތައް ފުއްދައި ދެވޭނެ އެހެން ގޮތެއް ނެތުމުން ވަޒީފާ އަދާކުރުން އަޅުގަނޑަށް މަޖުބޫރެވެ. 

އަޅުގަނޑުގެ މައިންބަފައިންނަކީ ފަޤީރުންނެވެ. އެހީތެރިވެދެވޭނެ މީހަކުވެސް ޢާއިލާއަކު ނެތެވެ. ވީމާ މަސައްކަތް ކުރުން ނޫން ގޮތެއް އަޅުގަނޑަކަށް ނެތެވެ. އެހެންވެ ވަޒީފާގައި މަސައްކަތްކުރަމުން އައީ ކިތަންމެ ބުރަނަމަވެސް ވަރަށް އިޚްލާޞްތެރިކަމާއިއެކުގައެވެ.   

އެހެންކަމާއިއެކުވެސް ފަހުން ވެއްދި މެނޭޖަރަށް އަޅުގަނޑު ކަމަކު ނުދިއައެވެ. އެއީ މަސައްކަތް ނުކުރާތީއެއް ނޫނެވެ. ސިފަހުތުރުކަމުންނެވެ. ކޮންމެ ދުވަހަކުހެން އަޅުގަނޑަށް މަލާމާތްކޮށް ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުތައް ދެއެވެ. އަޅުގަނޑުގެ ބޭރުފުށުގެ ސިފަ ރީތިކުރަން އަޅުގަނޑަށް ކުރެވޭނެ ކަމެއް ނެތެވެ. އެހެންވެ ކެތްތެރިވެގެން ހުރީއެވެ. 

އެއްރޭ ފިހާރަ ބަންދުކުރި ވަޤުތެވެ. މަސައްކަތް ނިންމާފައި ސޮއިކުރަން ދިއަ ވަޤުތު އޭނާގެ އާދައިގެމަތިން އިންޒާރުދީ އެއްޗެތިގޮވައި ފުރައްސާރަކުރަން ފެށިތަނާ އެއިރު އަދި ނުނުކުމެ ފިހާރައިގައި ހުރި ކަސްޓަމަރަކު އައިސް އަޅުގަނޑު ދިފާޢުކޮށްދޭން މަސައްކަތްކުރިއެވެ. އޭނާ އަޅުގަނޑަށް ގޮވި އެއްޗެތީގެ އަޑު އޭނާއަށް އިވުނުކަމަށާއި އެއީ އިންސާނިއްޔަތުކަމާއި ޚިލާފް ބަސްތަކެއްކަމަށް ބުންޏެވެ. އަދި އެބާވަތުގެ ބަސްތައް މުވައްޒިފުންނަށް ބުނާނަމަ އެވިޔަފާރީގައި ބަރަކާތް ނުލައްވަވާނެ ކަމަށްވެސް ބުންޏެވެ. 

އަޅުގަނޑު ވަރަށް ބޮޑަށް ޙައިރާންވިއެވެ. ސަބަބަކީ އަޅުގަނޑުގެ ސިފަހުތުރުކަމުން މަލާމާތާއި ފުރައްސާރަކުރުމަކީ އަބަދުވެސް މީހުން ކުރާކަމެކެވެ. އެފަދަ ވަޤުތަކު އަޅުގަނޑަށް ދެރަވެގެން ރޮވުނަސް އެއްވެސް މީހަކު އަޅުގަނޑަށް ހަމްދަރުދީއެއް ނުވެއެވެ. އަޅައިވެސް ނުލައެވެ. ޢުމުރުން 34 އަހަރުވީއިރުވެސް މިއީ މީހަކު އަޅުގަނޑަށް ހަމްދަރުދީވެ އެކަން ހާމަކުރި ފުރަތަމަ މީހާއެވެ. 

ކޮންމެއަކަސް އެހިސާބުން އަޅުގަނޑު ރޮމުން ފިހާރައިން ނުކުތީއެވެ. ނުކުތްތަނުން އެމީހާވެސް ނުކުމެ ބުނީ އޭނާގެ ސައިކަލަށް އެރުމަށެވެ. އޭނާގެ ކިބައިން އަޑުއިވުނު ބަސްތަކުން އޭނާއަކީ ވަރަށް ޚުލްޤް ރަނގަޅު މީހަކު ކަމަށް ޤަބޫލުކުރެވޭތީ ޖެހިލުމެއް ނެތި ފަހަތަށް އެރީމެވެ. 

އަޅުގަނޑު ގެންދިއައީ ފިހާރައަކަށެވެ. އެއިރު އެފިހާރައިގެ މީހުން ފިހާރަ ބަންދުނުކޮށް ތިބީ އޭނާގެ އިންތިޒާރުގައެވެ. އޭނާއަށް މުވައްޒިފުން އިސްތިޤްބާލްކުރިގޮތުން އޭނާއަކީ ވެރިމީހާކަން އެނގުނެވެ. އަޅުގަނޑާއި އެއްވެސް ސުވާލެއްވެސް ނުކުރެއެވެ. ހަމައެކަނި އެދުނީ އައިޑީ ކާޑު ދައްކައިލުމަށެވެ. ދައްކައިލުމުން ނަމާއި ކާޑުގެ ނަމްބަރު ނޯޓުކޮށްލާފައި އަޅުގަނޑު ގާތުގައި ބުނީ މާދަމާއިން ފެށިގެން އޭނާގެ ފިހާރައަށް ވަޒީފާއަށް ނުކުތުމަށެވެ. 

އޭނާ ބުނިގޮތަށް އަޅުގަނޑު އޭނާގެ ވަޒިފާއަށް ނުކުތީމެވެ. ވަޒީފާއަދާކުރަންފެށީމެވެ. ވީހައި ރަނގަޅަކަށް މަސައްކަތްކުރީމެވެ. މުސާރަވެސް ކުރީފިހާރައަށްވުރެ ބޮޑުކޮށް ދިނެވެ. އަދި ދޭތެރެދޭތެރެއިން ކުދިކުދި އެހީތެރިކަންވެސް ފޯރުކޮށްދެއެވެ. އެދިގެނެއް ނޫނެވެ. ދީފައި ބުނާނީ ޞަދަޤާތެއް ކަމަށެވެ. 

ކޮންމެއަކަސް އަހަރުވީއިރު ދެމީހުންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮތީ އުފެދިފައެވެ. އެއް ދުވަހު މެންދުރު ފިހާރަ ބަންދުކުރި ގަޑިގައި އަޅުގަނޑު ގާތުގައި ވާހަކައެއް ދައްކާލަން ބޭނުންކަމަށް ބުނެ މަޑުކޮށްލަން އެދުނެވެ. ބުނީ ގޭގައި ގެންގޫޅޭ ޑްރައިވަރާއި އޭނާގެ އަންހެނުން ހިތާވިކަން އެނގުމުން ވަރިކޮށްފިން ކަމަށާއި އަޅުގަނޑާއި ކައިވެނިކުރަން ބޭނުން ކަމަށެވެ. 

އަޅުގަނޑުގެ ސިފަ އޭނާއަށް ފެނެއެވެ. ހުރި ނިކަމެތިކަންވެސް އެނގެއެވެ. އެހުރިހާ ކަމެއް އެނގިހުރެ އެހެން ބުނުމުން އަޅުގަނޑު ޙައިރާންވިއެވެ. ނަމަވެސް ވަޤުތުން އެއްބަސްވީމެވެ. ދެމީހުން ކައިވެނިކުރެވުނެވެ. އެކައިވެނީގައި މިހާރު 15 އަހަރުވީއެވެ. އަޅުގަނޑުގެ 2 ދަރިންނާއި އޭނާގެ 3 ދަރިންގެ އިތުރުން ދެމީހުންގެވެސް 2 ދަރިން އެބަތިއްބެވެ. 7 ދަރިންގެ ބޮޑު ޢާއިލާއެކެވެ. 

ކައިވެނިކުރިއިރު ފިރިމީހާގެ ހުރީ 2 ފިހާރައެވެ. މިހާރު އޭނާގެ އަމިއްލަ 4 ފިހާރަ އާއި ޙިއްބާ އޮންނަ 3 ފިހާރަ ހުރެއެވެ. ދޭތެރެއަކުން ބުނާނެއެވެ. "ކުރިން އަބަދު އުޅެން ޖެހުނީ ފައިސާއަށް ދަތިވެ ކަންކަން ނުކުރެވިގެން ކަންބޮޑުވެގެންނެވެ. ކަލެއާއި ކައިވެނިކުރިފަހުން ފައިސާއަށް ދަތިވެގެން ކަންބޮޑުވާކަށް ނުޖެހެއެވެ. މިހާރު މިހުންނަނީ ކުރާނެ ރަނގަޅު އިތުރު ކަމެއް ނުފެނިގެން ބަލަބަލައެވެ."  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. ބުނެލަން ބޭނުންވަނީ ސިފަ ކިތަންމެ ހުތުރު ނަމަވެސް ހިތް ރީތިކޮށް ބާއްވައި ޢަމަލުތައް ރީތިކޮށްފިނަމަ ކުރިއެރުމާއި އުފާވެރިކަން ދެއްވަވާނެތެވެ. އިން ޝާ ﷲ 

ދުވަހަކުވެސް މޭކަޕެއް ނުކުރަމެވެ. ރީތިވާކަށް މަސައްކަތެއްވެސް ނުކުރަމެވެ. އަޅުގަނޑު އަބަދުވެސް ބެލީ ހިތް ރީތިކުރެވޭތޯ އާއި ހެޔޮ ޢަމަލެއް ކުރެވޭތޯއެވެ. ވީވަރަކުން މައިންބަފައިންނަށް އެހީތެރިވެވޭތޯއެވެ. ކިތަންމެ ހިތްދަތިހާލުގައިވެސް އެހެން މީހުންނަށް ހިނިތުންވެވޭތޯއެވެ. 

އަޅުގަނޑުގެ ވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަސް ފައިދާކުރާނެ ކަމަށް އުންމީދު ކުރަމެވެ.

 

- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

މިއަދު އޮންލައިން