އަހުރެމެން ބޭނުންވެގެން މިއުޅެނީ އިށީންނާނެ އަރާމު ގޮނޑިއާއި އޮށޯންނާނެ އަރާމު ތަންމައްޗެވެ. މާނައަކީ އުފާވެރި އަދި ތަނަވަސް ދިރިއުޅުމެކެވެ. ޢިއްޒަތާއި ޤަދަރެވެ.
މިހުރިހާ ނިޢުމަތްތަކެއްވެސް ދެއްވަވާނެ ޢަމަލު އެބައޮތެވެ. އެއީ ނިތްކުރި ހަރުތަންތަނުގައި ޖެއްސުން ގިނަކުރުމެވެ. މާނައަކީ ﷲ ތަޢާލާއަށް ސަޖިދަކުރުން ގިނަކުރުމެވެ.
ކޮންމެ ސަޖިދައެއްގައި އޮވެގެންވެސް ތިމާއަށް ބޭނުންވާ ކަންކަމުގެ ވާހަކަތައް ދަންނަވަމުން ގެންދާށެވެ! އެކަމަކަށް އެއްވެސް ހުރަހެއް ނެތެވެ. ތިބާ ދަންނަވާ ދެންނެވުނަތަކަކަށް އެއްވެސް ހުރަހެއް ނެތެވެ. އަނގަ ތަޅުމާއި ކިތަންމެ ކައިރިނަމަވެސް އަޑު 7 އުޑުމަތިން ﷲ ތަޢާލާ އައްސަވައިވޮޑިގެންވެއެވެ.
އެކަމަށް އެންމެ ރަނގަޅު ވަޤުތު ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެންމެ ރަނގަޅު ވަޤުތުގައި ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ. ލަސްވާ ކޮންމެ މިނިޓަކީވެސް ނިޢުމަތެކެވެ. ލައްވަވަން އޮތް ރަޙްމަތް ބޮޑީއެވެ. އެންމެ ބޮޑު ރަޙްމަތަކީ ދުނިޔޭގައި ހުއްޓައި ހިންމަވައި ނުދެއްވެވުންކަން އެނގޭނެ ދުވަހު އެކަން އެނގުމުން ލިބޭނެ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ
- މަޢުލުމާތު: މުފްތީ މެންކުގެ ދަރުސަކުން