ފިރިހެނުން ފަދައިން އަންހެނުންވެސް އަންނަނީ ކިޔަވައި މޮޅުވަމުންނެވެ. ވީމާ ވަޒީފާއަދާކުރަން ބޭނުންވާ އަންހެނުން އިސްލާމް ދީނުގެ ހަމަތަކުގެ މަތީން އެކަންކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ކައިވެނިކޮށް ދަރިން ލިބޭ ހިސާބުން އިސްކަންދޭންޖެހޭނީ ދަރިންނަށެވެ. ޔަޤީންކުރަން އޮތް ކަމަކީ ކިތަންމެ ބޮޑު މުސާރައެއް ދިންނަމަވެސް އެއްވެސް މީހަކަށް މަންމަ ދަރިފުޅުގެ ކަންކަންކޮށްދީ ތަރުބިއްޔަތުކުރާ ގޮތާއި ގާތަކަށްވެސް އެކަންކަން ނުކުރެވޭނެ ކަމެވެ.
އަންހެނަކަށްވީތީ ދިރިއުޅެން މަސައްކަތް ނުކުރާކަށް ދީނަކު ނެތެވެ. އަންހެނަކަށްވީތީ ހުއްދަ ނޫނީ ވަރަށް މަދު ކަންކަމެވެ. އެހެން ނޫނީ ކޮންމެ މަސައްކަތެއްވެސް ކުރުން ހުއްދައެވެ. އެހެންކަމާއިއެކުވެސް އަންހެނުންނަށް ކޮންމެހެންކުރަންޖެހޭ ކަންކަން އެބަހުއްޓެވެ. އެއިގެ ތެރެއިންވެސް އެންމެ މުހިންމު ކަންކަމަކީ ދަރިން ބެލައި ތަރުބިއްޔަތުކުރުމާއި ގޭތެރޭގެ ކަންކަން ބެލެހެއްޓުމެވެ.
ކަންބޮޑުވާންމިޖެހޭ އެންމެ ބޮޑު ސަބަބަކީ ދަރިން ބެލުން ދޫކޮށްލާފައި އަންހެނުން ވަޒީފާތަކަށް ނުކުންނަމުންދާކަމެވެ. އެކަމުގެ ސަބަބުން މާލީ ގޮތުން ފައިދާކުރިނަމަވެސް ޖުމުލަކޮށް ބަލައިފިނަމަ ލިބޭ ގެއްލުން މާބޮޑެވެ. ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ނުކުރެވުމުގެ ސަބަބުން މުޖުތަމަޢުތައް މިދަނީ ހަލާކުވަމުންނެވެ.
މިމައްސަލައިގެ ތަފްޞީލަށްދާނަމަ މިމައްސަލަ މިހައި ބޮޑުވަމުން މިދާ އެންމެ ބޮޑު އެއް ސަބަބަކީ ބައްޕައިންނެވެ. ބައްޕައިން ދަރިންނާއި އަޅައިނުލުމެވެ. މިއީ ވަރަށް ހިތާމަހުރިކަމެކެވެ. އަނބިން ނުވަތަ އަންހެނުން އަދާކުރަންޖެހޭ އެންމެ މުހިންމު ވަޒީފާ އަދާކުރުމަށް ހުރަސްއެޅޭތީއެވެ. މިހެން ބުނަން މިޖެހެނީ ދަރިންގެ ބައްޕަ އެހީތެރިނުވާތީ ދަރިންނަށް ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްކުރަން ނުކުންނަން ޖެހޭ އަންހެނުން ގިނަވާތީއެވެ.
ހަމައެއާއިއެކު ވިސްނާލަންޖެހޭ އަނެއް ކަމަކީ އެކަނިވެރިމައިންނާއި ހުވަފަތް އަންހެނުންނަށް އަޅާލައި އެހީތެރިވާން ބޭނުންވާ ފިރިހެނުން މަދުވަމުން އަންނަކަމެވެ. ﷲ އަށްޓަކައި އެމީހުންނަށް އެހީތެރިވުމުގެ ބަދަލުގައި ބެލެނީ އެމީހުންގެ ނިކަމެތިކަމުގެ ފައިދާ ނާޖާއިޒް ގޮތުގައި ނަގައި އެމީހުންގެ ކިބައިން ކޮންމެވެސް ކަމެއް ޙާޞިލުކުރެވޭތޯއެވެ. އެކަމުގެ ދަހިވެތިކަމުގައި އެމީހުންނަށް ލިބެންޖެހޭ ރައްކައުތެރިކަމުން މަޙްރޫމްކުރުވެނީއެވެ. ވިއްކަން ބާޒާރުތަކަށް ނެރެވެނީއެވެ!
މިކަންކަމަކީ ދުނިޔޭގެ ނިމުން ގާތްވަމުން އަންނަ ކަމުގެ ހެކިތަކެވެ. އަންހެނުން ފިރިހިނެނުން ހެދުން އަޅާގޮތަށް ހެދުން އެޅުމާއި ފިރިހެނުން ކުރާފަދަ މަސައްކަތްކުރުން ގިނަވުމާއި ބާޒާރުތަކުގައި ވިޔަފާރި ބާޒާރުތަކުގައި އަންހެނުން ގިނަވުމަކީ ފަހުޒަމާނުގައި ހިނގާނެ ކަންކަމެވެ. ލޮލަށް ފެންނާނެ ކަންކަމެވެ. އެކަންކަން މިއަދު މިދަނީ ފެންނަމުންނެވެ.
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފުރަތަމަވެސް ބުނިފަދައިން އަންހެނުން ދިރިއުޅެން މަސައްކަތް ނުކުރަން ބުނަނީއެއް ނޫނެވެ. ނަމަވެސް ތަރުތީބު އޮޅުވައިލެވޭތީ މިދައްކަނީ އެކަމުގެ ވާހަކައެވެ. ކޮންމެ ދެމަފިރިއަކުވެސް ފުރަތަމަ ކަމެއްގެ ގޮތުން ދަރިން ރަނގަޅު ގޮތުގައި ބަލަހައްޓައި ތަރުބިއްޔަތުކުރަން އިސްކަންދޭށެވެ. ފަހުޒަމާނޭ ބުނެ ނިންމައިނުލާށެވެ. ކޮންމެ ޒަމާނެއް ނަމަވެސް އެމީހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަންޖެހޭނެއެވެ. އަދާނުކުރިނަމަ ޤިޔާމަތް ދުވަހު ކަރުނައަޅަން ޖެހުން އޮންނަނީ ދާދި ގާތުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން