އަންނަ އަހަރު އަތޮޅުތަކުގެ ރަށްތަކަށް ނިސްބަތްވާ ކެންސަރު ބައްޔަށް ފަރުވާ ހޯދާ މީހުން ދެނެގަނެ "ކެންސަރު ދަފުތަރު"ގައި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާގުޅިގެން ދައުލަތުގެމީޑިއާއަށް މައުލޫމާތުދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ މާލެ ސަރަހައްދުން މިހާތަނަށް 1474 މީހަކު ކެންސަރު ދަފްތަރުގައި ރަޖިސްޓަރކޮށްފައިވާކަމަށާއި އަދި އަހަރު ނިމުމުގެ ކުރިން މާލެ ސަރަޙައްދުގެ މަސައްކަތްތައް ނިމޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާލެ ސަރަހައްދުގައި އެންމެ ގިނައިން ފާހަގަވެފައިވަނީ އުރަމަތީގެ ކެންސަރާއި ފުއްޕާމެއާއި ތައިރޮއިޑް އަދި ލޭގެ ކަންސަރުކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.
އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ، ރަށްރަށުގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ. މި މަސައްކަތް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ ބޮޑެތި ހޮސްޕިޓަލްތަކުންނެވެ. އޭގެ ފަހުން މުޅި ރާއްޖޭގައި މި މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ރާއްޖޭގައި ކެންސަރު ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ނަމަވެސް، މިހާތަނަށް ކެންސަރުގެ ތަފާސްހިސާބުތައް އެކުލަވާލާފައެއް ނުވެއެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ކެންސަރު ބަލީގައި ފަރުވާ ހޯދާ މީހުން ދެނެގަނެ "ކެންސަރ ޕޭޝަންޓް ރަޖިސްޓްރީ"އެއް އެކުލަވާލުމަށެވެ.
ރާއްޖޭގައި ކެންސަރު ބައްޔާ ގުޅޭ ޚިދުމަތްދޭ ސަރުކާރުގެ މައި ހޮސްޕިޓަލަކީ ހުޅުމާލެ ހޮސްޕިޓަލެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ރަޖިސްޓަރކޮށްފައިވާ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު ކެންސަރު ބަލީގެ މީހުން އެންމެ ގިނައީ، މާލެ، އައްޑޫ، ހއ، ހދ، ށ އަދި ރ އަތޮޅުގައެވެ.