އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޙައްޖުގެ އަޅުކަން އަދާނުކޮށް ތިބި މީހުންނަށް އިސްކަންދިނުމުގެ ވިސްނުން ސަރުކާރުގައި އެބަހުރިކަމަށް ވިދާޅުވެފައެވެ. މިކަމާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ވަޒީރު ވަނީ ހުޅުވާލައްވާފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވެފައިވަނީ ބައެއް ޤައުމުތަކުގައި ފަރުޟު ޙައްޖު އަދާކޮށްފައިވާ މީހުންނަށް ދެވަނަ ޙައްޖެއް ލިބޭނީ އެންމެ ފަހުން ޙައްޖުކުރިތާ ފަސް އަހަރު ފަހުންކަމަށް އުސޫލުތައް ހަދާފައި ހުންނަ ކަމަށެވެ. މިއީ ފަރުޟު ޙައްޖުކުރަން އެދޭ ފަރާތްތަކަށް ފުރުޞަތު ދިނުމަށް ކުރާކަމެއްކަން ފާހަގަކުރައްވައި، މިފަދަ ކަމެއް ރާއްޖޭގައި ކުރުމާމެދު ރައްޔިތުންގެ ޚިޔާލު ބޭނުންވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އަލަށް ނުވަތަ ފަރުޟު ޙައްޖުވުމަށް އެދޭ މީހުންނަށް އިސްކަންދިނުމާއި، ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހުންނަށް ފަސް އަހަރުން އެއް ފަހަރު ޙައްޖުވުމުގެ ފުރުޞަތު ދިނުމަށް، ޙައްޖާ ބެހޭ އުޞޫލަށް ބަދަލު ގެނައުމަށް މަސައްކަތްކުރައްވާ ކަމަށެވެ. އަދި މިކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލަފާފުޅުވެސް ހޯއްދަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހަޤީގަތުގައި ފަރުޟު ޙައްޖު ކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ފަހިކުރުމަށްޓަކައި އެހެން ޤައުމުތަކުގައިވެސް ކޯޓާގެ ކަންތައްތަކުގައި ހުރޭ ޕޮލިސީތަކެއް ކަނޑައަޅާފައި. އެހެންވީމަ ރާއްޖޭގައި އެކަން ކަނޑައެޅުމަކީ ވަރަށް މުހިންމުކަމެއްކަމަށް އަޅުގަނޑަށް ފާހަގަވަނީ." ވަޒީރު ވިދާޅުވިއެވެ.