އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން “ރިވެލި” ފުލުހުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 14ސ
އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން “ރިވެލި” ފުލުހުން ފަށައިފި

އައު އަހަރު ފާހަގަކުރުމަށް ހިންގާ އެކިއެކި ހަރަކާތްތަކާ ގުޅިގެން ހުޅުމާލެތެރެ ބެލެހެއްޓުމުގެ ގޮތުންނާއި ހުޅުމާލެ އަކީ އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަން "ރިވެލި" ފަށައިފިއެވެ. 

މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރެއިން ފެށިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަންގައި  ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސްޓެޓިކް ޑިއުޓީކޮށް، ވީ.ސީ.ޕީތައް އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ހުޅުމާލެ ފޭސް 1 ގެ  ސަރަހައްދުތަކާއި ފޭސް 2  ގެ ސަރަހައްދުތައް ބެލެހެއްޓުން އިތުރުކުރުމާއި ފޭސް 3 ހިމެނޭ ސަރަހައްދަށް ވަދެނިކުމެ ހަދާ މީހުންނާއި އުޅަނދުތައް ބަލައިފާސްކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ސަރަހައްދުތައްވެސް ޕެޓްރޯލްކޮށް ބެލެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ.

މި އޮޕަރޭޝަން ފައްޓަވައި ދެއްވައި، މުވައްޒަފުންނާ މުހާތަބުކޮށް އޮޕަރޭޝަން ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ވިޝާމް ދެއްވި ވާހަކަފުޅުގައި މި އޮޕަރޭޝަނަކީ އައު އަހަރާ ގުޅިގެން ހުޅުމާލެތެރެ ބެލެހެއްޓުން އިތުރުކޮށް، ހުޅުމާލޭތެރެ ހަލަބޮލިވިޔަ ނުދިނުމަށާއި ކުށްތައް ހުއްޓުވުމަށް މަސައްކަތްކުރުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަން ފާހަގަކުރެއްވިއެވެ. އަދި ހުޅުމާލެ ތެރެ އަމާންކޮށް ބޭއްވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށާއި  މިދުވަސްވަރަކީ ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ފަތުރުވެރިންގެ ހަރަކާތްތައް އިތުރު ދުވަސްކޮޅެއްކަން ފާހަގަކުރައްވައި ހުރިހާ ފަރާތްތަކަށްވެސް އަމާން ރައްކާތެރި މާހައުލެއް ގާއިމްވެފައިވާ ތަނަކަށް ހެދުމަށްޓަކައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ހުރިހާ މުވައްޒަފުން މަސައްކަތްކުރުމަށް އެދިލެއްވިއެވެ. 

އައު އަހަރާ ދިމާކޮށް ހުޅުމާލޭގައި ކުރިއަށް ގެންދާ އޮޕަރޭޝަން ރިވެލީގެ ދަށުން  ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން، ހުޅުމާލެ ޓްރެފިކް ޕޮލިސް ޑިޕާޓްމެންޓް، އެއަރޕޯޓް ޕޮލިސް އަދި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ރޭވިފައެވެ.

މީގެއިތުރުން އައު އަހަރާ ދިމާކޮށް މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އައު އަހަރާ ދިމާކޮށް، ބަނގުރާ އަދި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ވިޔަފާރިކުރުން އިތުރުވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން ފުލުހުންގެ ޑްރަގު އެންފޯސްމަންޓް ޔުނިޓާއި ހުޅުމާލެ ޕޮލިހާއި މެރިން ޕޮލިސް އަދި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން ޚާއްޞަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

 

މިއަދު އޮންލައިން