ފައިލްކޮށްގެން ރެކޯޑްތައް ގެންގުޅުމަކީ ޒަމާނަށް ފެތޭކަމެއް ނޫން: މިިިނިސްޓަރ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 45ސ
ފައިލްކޮށްގެން ރެކޯޑްތައް ގެންގުޅުމަކީ ޒަމާނަށް ފެތޭކަމެއް ނޫން: މިިިނިސްޓަރ

ޑޮކްޓަރަށް ދެއްކުމަށް ފަހު ހަދާ ޓެސްޓް ތަކާއި އެކި ރެކޯޑްތައް ފައިލްކޮށްގެން ގެންގުޅުމަކީ އުނދަގޫ އަދި ޒަމާނައް ފެތޭ ކަމެއް ނޫން ކަމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "މޯލްޑިވްސް އިންޓެގްރޭޓެޑް ހެލްތު އިންފޮރމޭޝަން ސިސްޓަމް" ( މިހިސް ) ގެ ޕަބްލިކް ޕޯޓަލް އިފްތިތާޙްކޮށްދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ ކޮންމެ ތިންމަހު މަންމަ ޑޮކްޓަރަށް ދައްކާ، ހަދަންޖެހޭ ޓެސްޓްތަކާއި އެ ޓެސްޓްތަކުގެ ނަތީޖާ ފައިލްކޮށްގެން ގެންގުޅެންޖެހޭ ގޮތުގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އެއީ މިއަދު އިފްތިތާޙް ކުރެވުނު ޕޯޓަލް އަކީ މިފަދަ ކަންކަމަށް ހުރި ގޮންޖެހުންތައް ހައްލު ލިބި ޞިއްޚީ ނިޒާމުގައި ކަންކަން ހަރުދަނާކުރުމަށް އެއްކުރެވޭ މައުލޫމާތަކަށް ވެގެންދާނެކަމަށެވެ.

މި ޕޯޓަލްގެ މަޤްޞަދަކީ ޢާންމުންނަށް މުހިއްމު ސިއްޙީ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްކާތެރިކަމާއިއެކު އަދި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމެވެ. އެގޮތުން 01 ޖެނުއަރީ 2025 އިން ފެށިގެން އުފަންވާ ތުއްތު ކުދިންގެ ވެކްސިން ކާޑުގައި ހުންނަ މައުލޫމާތު މި ޕޯޓަލް އިން ފެންނަން ހުންނާނެއެވެ. އޭގެ ތެރޭގައި ޑިޖިޓަލް ވެކްސިނޭޝަން ކާރޑް، ހެދި ބޮޑުވުމުގެ ޗާރޓް، ހެދިބޮޑުވަމުންދާ މިންވަރު ދެނެގަނެވޭނެ ހަރުފަތްތަކާއި ކުއްޖާއަށް ދޭ ވިޓަމިން އޭ އަދި ފަނިބޭހުގެ މައުލޫމާތު ބެލެނިވެރިންނަށް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ. މީގެ އިތުރުން ހެދިބޮޑުވަމުންދާ މިންވަރު މޮނިޓަރކޮށް، ވެކްސިން ޖަހަންޖެހޭ ދުވަސް ކަރިވުމުން ބެލެނިވެރިންނަށް ހަނދާންކޮށްދިނުމަށް މި ސިސްޓަމް މެދުވެރިކޮށް ނޮޓިފިކޭޝަން ލިބިގެންދާނެއެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މި ޕޯޓަލް މެދުވެރިކޮށް މާބަނޑު އަންހެނުންގެ ސިއްޙަތާއި ގުޅޭ މައުލޫމާތު ވެސް ލިބޭނެ ކަމަށެވެ.

"ކުރިމަގުގައި މި ޕޯރޓަލް އިތުރަށް ފުޅާކޮށް، މާބަނޑު އަންހެނުންގެ ސިއްޙަތާއި ގުޅޭ މައުލޫމާތުތަކާއި، ޑޮކްޓަރަށް ދައްކަމަންދާ ގޮތުގެ ރެކޯރޑުތަކާއި، ހަދާފައިވާ ޓެސްޓުތަކާއި ޑައިގްނޯސިސްތަކުގެ ތަފްސީލުތައް ފެންނާނެ" ނާޒިމް ވިދާޅުވިއެވެ.

މި ނިޒާމުގެތެރެއިން އެއްކުރެވޭ މައުލޫމާތު އާއްމުންނަށް ބެލޭނެ ޕޯޓަލްއެއް ގާއިމު ކުރެވިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ގުޅިގެންނެވެ.

ޕްރައިމަރީ ހެލްތު ކެއަރ މޮޑިއުލް ރޯލްއައުޓް ކުރަމުންދާ އަތޮޅު ތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެފަރާތެއްގެ މައުލޫމާތު މި ޕަބްލިކް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ. އަދި މީގެ އިތުރުން ޕްރައިމަރީ ހެލްތު ކެއަރ ޕްރޮގްރާމްގައި އެންރޯލްވެފައިވާ ފަރާތްތަކުގެ ތެރެއިން ފޮލޯއަޕް ހަދަންޖެހޭ ފަރާތްތަކަށް ޑޮކްޓަރަށް ދައްކަންޖެހޭ ދުވަސް ކައިރިވުމުން ނޮޓިފިކޭޝަނެއް ލިބިގެންދާނެއެވެ. ކުރިމަގުގައި މި ޕޯޓަލް އިތުރަށް ފުޅާކޮށް، އާންމު ޞިއްޙަތާއި ގުޅުން ހުރި މައުލޫމާތުތަކުގެ އިތުރުން ޑޮކްޓަރަށް ދައްކައިގެން ހޯދަމުންދާ ފަރުވާ އާއި ޑައިގްނޯސްޓިކްސް ޓެސްޓު ތަކުގެ ނަތީޖާތައްވެސް ފެންނަންހުންނާނެއެވެ.

 

ހަބަރު: ސަރުކާރު

މިއަދު އޮންލައިން