ހަނދުމަކޮށްދިނުމެއް!: ދުޢާ ޢިޖާބަވުމުގެ ޝަރުތުތައް-: ޝައިޚް މުޙައްމަދު ޝާފިޢް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 19މ 59ސ
ހަނދުމަކޮށްދިނުމެއް!: ދުޢާ ޢިޖާބަވުމުގެ ޝަރުތުތައް-: ޝައިޚް މުޙައްމަދު ޝާފިޢް

އެންމެ ރަނގަޅު ގޮތުގައި، ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނެ ފެންވަރަށް ދުޢާކުރުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުކުރައްވަމުން ގެންދަވާތީ މިގެނެސްދެނީ އެފަދަ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ލިޔުމެކެވެ. އިން ޝާ ﷲ  

ގެ ޙަޟްރަތުން އިޖާބަވަނިވި ޤަބޫލުކުރެވިގެންވާ ދުޢާއެއް ކުރުމަށްޓަކައި ބައެއް ޝަރްޠުތައް އެދުޢާގައި ހުންނަންޖެހޭނެ ކަމަށް އަންނަނިވި ދަލީލުތަކުގެ އަލީގައި، ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ. 

ދުޢާ އިޖާބަވުމުގެ ޝަރްޠުތައް 

1-    ތަޢާލާ ނޫން އެހެން ފަރާތަކަށް ދުޢާނުކުރުން. ދުޢާކުރުމުގައި ﷲ އިޚްލާޞްތެރިވުން. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާއަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  

إِذَا سَأَلْتَ فَاسْأَلِ اللهَ وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللهِ ” . رواه الترمذي (2516) . وصححه الألباني في صحيح الجامع .  

"ތިބާ ކަމަކަށް އެދި ދަންނަވާނަމަ ފަހެ ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން އެދި ދަންނަވާށެވެ. އަދި ތިބާ ވާތްގަށް އެދޭނެމަ އެހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގަށް އެދޭށެވެ".

މިއީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ގެ މާނައެވެ. ( وَأَنَّ الْمَسَاجِدَ لِلَّهِ فَلا تَدْعُو مَعَ اللَّهِ أَحَدًا ) الجـن/18  މާނައީ: "އަދި މިސްކިތްތައް ވަނީ ﷲ އަށެވެ. ފަހެ، ތިއަބައިމީހުން ﷲ އާއެކު އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރާހުށިކަމެވެ."  

މިއީ ދުޢާގެ ޝަރްޠުތަކުގެ ތެރެއިން އެންމެ މުހިންމު ޝަރްޠެވެ. މި ޝަރްޠާނުލައި ދުޢާ ޤަބޫލުނުވާ ހުއްޓެވެ. އަދި އެއްވެސް ޢަމަލެއްވެސް ނުއުފުއްލެވޭ ހުއްޓެވެ. މަރުވެފައިވާ މީސްމީހުންގެ ކައިރިން ކަންކަމަށް އެދި ދަންނަވާ މީހުންނާއި، މަރުވެފައިވާ މީހުން މެދުވެރިކޮށް ﷲ އަށް އެދި ދަންނަވާ މީހުން މީސްތަކުގެ ތެރެއިން ވެއެވެ. އެބައިމީހުން ހީކުރާ ގޮތުގައި އެ ޞާލިޙު މީހުން މެދުވެރިކޮށް އެބައިމީހުންނަށް ﷲ ތަޢާލާއާ ކުއްތަންވެވެއެވެ. އަދި މިފަދަ މީސްތަކުން ޤަބޫލުކުރާ ގޮތުގައި އެބައިމީހުންނަކީ ﷲ ގެ ޙަޟްރަތުގައި އެއްވެސް އަގެއް ނެތް ފާފަވެރިބައެކެވެ. އެހެންކަމުން އެމީހުންގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރެއްވުމަށް ބުރެ ބޮޑަށް މަރުވެފައިވާ ޞާލިޙު ތަޤްވާވެރި މީހުން މެދުވެރިކޮށް ދުޢާކުރުމުން ދުޢާ އިޖާބަކުރައްވާނެ ކަމުގައި އެމީހުން ދެކެއެވެ. ﷲ ތަޢާލާގެ މި ވަޙީ ބަސްފުޅު އެބައިމީހުންނަށް ރައްދަކަށް ފުދެއެވެ.  

﴿وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ﴾   البقرة 186  

"އަދި ތިމަންއިލާހާމެދު ތިމަންއިލާހުގެ އަޅުން ކަލޭގެފާނާ ސުވާލުކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ) ފަހެ، ހަމަކަށަވަރުން ތިމަންއިލާހީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ އިލާހެވެ. ތިމަންއިލާހުގެ ޙަޟްރަތަށް ދުޢާކޮށްފިނަމަ ދުޢާކުރި މީހާގެ ދުޢާ، އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން ތިމަންއިލާހަށް އިޖާބަދޭހުށިކަމެވެ. އަދި އެއުރެން ތިމަން އިލާހަށް އީމާންވާހުށިކަމެވެ. (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ." 

2-    ހުއްދަވެގެންވާ ތަވައްސުލުގެ ބާވަތްތަކުގެ ތެރެއިން ބާވަތެއް ބޭނުންކޮށްގެން ﷲ އަށް ކުއްތަންވުން. 

3-    ދުޢާކުރުމަށްފަހު އިޖާބާގައި އަވަސްއަރައިނުގަތުން. އޭގެ މާނައަކީ ތިމަންނާ މިހާރު ދުޢާކުރާތާ މިވެނި އެވެނި ދުވަހެއް ވެއްޖެއެވެ އަދިވެސް އިޖާބައެއް ނުވެޔޭ ކިޔައި، ދުޢާ އިޖާބަވުން ލަސްވެގެން އުޅުމެވެ. 

ރަސޫލު الله ޞައްލަ الله ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވެވިއެވެ. ((لَا يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيْعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ)) قِيْلَ: يَا رَسُوْلَ اللهِ، مَا الْاِسْتِعْجَالُ؟ قَالَ: ((يَقُوْلُ: قَدْ دَعَوْتُ، وَقَدْ دَعَوْتُ، فَلَمْ أَرَ يَسْتَجِيْبُ لِيْ، فَيَسْتَحْسِرُ عِنْدَ ذَلِكَ، وَيَدَعُ الدُّعَاءَ)) (رواه مسلم )  

މާނައީ: "އަޅާ ފާފައަކަށް ނުވަތަ ރަޙިމްގެ ގުޅުންކެނޑުމަށް ދުޢާ ނުކުރާހާ ހިނދަކު، އޭނާ އަވަސްއަރައިނުގަންނަ ކަމުގައިވަނީނަމަ އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނެއެވެ. އެހިނދު ސުވާލުކުރެވުނެވެ. އޭ الله ގެ ރަސޫލާ އެވެ! “އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވެވިއެވެ. "އޭނާ ބުނެތެވެ. އަހަރެން ދުޢާކޮށްފީމެވެ. ދުޢާކޮށްފީމެވެ. އަދިވެސް އަހަރެންގެ ދުޢާ އިޖާބަކުރައްވާތަނެއް އަހަންނަކަށް ނުފެނެއެވެ. ދެންފަހެ ދުޢާކުރުމަށް ފޫހިކޮށް އޭނާ ދުޢާކުރުން ދޫކޮށްލަތެވެ." 

އިބްނުލް ޤައްޔިމް ރަޙިމަހު الله ވިދާޅުވެފައިވެއެވެ. "އިޖާބަ އަވަސްނުވުމުގެ ސަބަބުން ދުޢާކުރުން ދޫކޮށްލާ މިހާގެ މިސާލަކީ، އޮށްތަކެއް އިންދައި އެއަށް ފެންދީ ބަލަހައްޓަމުންއައިސް، މެވާއެޅުން ލަސްވުމުން އެ ދޫކޮށްލާ މީހާގެ މިސާލެވެ." (الجواب الكافي) 

4-    ދުޢާކުރުމުގައި ފާފައަކަށް އަރައިގަތުމަށް އަދި ރަޙިމުގެ ގުޅުން ކެނޑުމަށް ދުޢާ ނުކުރުން. ޙަދީޘްގައިވާ ފަދައިންނެވެ. ((لَا يَزَالُ يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيْعَةِ رَحِمٍ، مَا لَمْ يَسْتَعْجِلْ)) (رواه مسلم ) މާނައީ: "އަޅާ ފާފައަކަށް ނުވަތަ ރަޙިމްގެ ގުޅުންކެނޑުމަށް ދުޢާ ނުކުރާހާ ހިނދަކު، އޭނާ އަވަސްއަރައިނުގަންނަ ކަމުގައިވަނީނަމަ އޭނާގެ ދުޢާ އިޖާބަ ކުރެއްވޭނެއެވެ." 

5-    ތަޢާލާއާ މެދު ހެޔޮކޮށް(އީޖާބީކޮށް) ހީކުރުން  

ޤުދުޞިއްޔަ ހަދީސެއްގައިވެއެވެ. أَنَا عِنْدَ ظَنِّ عَبْدِي بِي رواه البخاري (7405) ومسلم (4675)– މާނައީ: "ތިމަން އިލާހު ވޮޑިގެންވަނީ ތިމަން އިލާހުގެ އަޅާ ތިމަންއިލާހާމެދު ހީކުރާ ގޮތެއްގެ މަތީގައެވެ."  

އެހެން ޙަދީޘެއްގައި ވެއެވެ. ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالْإِجَابَةِرواه الترمذي , وحسنه الألباني في صحيح الجامع (245). މާނައީ: "ދުޢާ އިޖާބަކުރައްވާނެކަން ތިޔަބައިމީހުން ޔަޤީންކުރާ ޙާލު ތިޔަބައިމީހުން ﷲ އަށް ދުޢާކުރާށެވެ." 

6-    ދުޢާ ދެންނެވޭ ފަރާތުގެ މާތްކަމާއި މަތިވެރިކަން އިޙްސާސްކޮށް، ހިތް ޙާޟިރުކޮށްހުރެ ދުޢާކުރުން. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރައްވާފައިވެއެވެ. 

وَاعْلَمُوا أَنَّ اللَّهَ لَا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لَاهٍ ) روى الترمذي (3479) والحديث حسنه الألباني في صحيح الترمذي .

މާނައީ: " އަދި ތިޔަބައިމީހުން ދަންނާށެވެ. ހަމަކަށަވަރުން ޣާފިލު، ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިތަކުން ކުރާ ދުޢާއެއް ﷲ ތަޢަލާ އިޖާބަނުކުރައްވައެވެ." 

7-    ކެއުމާއި ބުއިން ޙަލާލުވުން. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( إنَّمَا يَتَقَبَّلُ اللَّهُ مِنَ الْمُتَّقِينَ ) المائدة 27  މާނައީ: "ތަޤްވާވެރީންގެ ކިބައިން މެނުވީ ﷲ ތަޢާލާ ޤަބޫލުނުކުރައްވަތެވެ." ކެއުމާއި ބުއިން ޙަލާލު ނޫން އަދި ޙަރާމްގޮތުގައި ހޯދާފައިވާ އަންނައުނު ލާ މީހަކު ކުރާ ދުޢާ އިޖާބަނުވާނޭ ކަން ބަޔާންކުރައްވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

إنَّ اللَّهَ طَيِّبٌ لَا يَقْبَلُ إلَّا طَيِّبًا، وَإِنَّ اللَّهَ تعالى أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ تَعَالَى: ﴿يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا﴾، وَقَالَ تَعَالَى: ﴿يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ﴾ ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ، أَشْعَثَ، أَغْبَر،َ يَمُدُّ يَدَيْهِ إلَى السَّمَاءِ: يَا رَبِّ! يَا رَبِّ! وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ؟!–رَوَاهُ مُسْلِمٌ 

މާނައީ: "ހަމަކަށަވަރުން ﷲ އީ އެންމެ ރަނގަޅު ފަރާތެވެ. (އެބަހީ: އެންމެހާ އުނި ސިފަތަކުން ހުސްޠާހިރުވެވޮޑިގެންވާ އިލާހެވެ.) ރަނގަޅު އެއްޗެއް މެނުވީ، އެއިލާހު ޤަބޫލެއް ނުކުރައްވައެވެ. އަދި އެއިލާހު މުއުމިނުންނަށް އަމުރު ކުރައްވާފައިވަނީ، ރަސޫލުންނަށް އަމުރުކުރެއްވި ފަދައިންނެވެ. ފަހެ، ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “އޭ ރަސޫލުންނޭވެ. ޙަލާލު ރަނގަޅު ތަކެތިން ތިޔަބައިމީހުން ފަރިއްކުޅުއްވާށެވެ. އަދި ޞާލިހު ޢަމަލުކުރައްވާށެވެ.” އަދިވެސް ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “އޭ އިމާންވި މީސްތަކުންނޭވެ. ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި (ޙަލާލު) ރަނގަޅު ތަކެތިން ކައި އުޅޭށެވެ." 

ދެން އެއަށްފަހު، ދަތުރު ދިގުވެ، ބޯހިރަފުސްވެ، ގައި ކިލާވެފައިވާ މީހެއްގެ ވާހަކަ އެކަލޭގެފާނު ޒިކުރުކުރެއްވިއެވެ. އެމީހާ ދެއަތް މައްޗަށް ނަގައި ދުޢާކުރެއެވެ. "އޭ ތިމަންގެ ރައްބެވެ! އޭ ތިމަންގެ ރައްބެވެ! އެހެނަސް އޭނާ ކަނީ ޙަރާމްތަކެއްޗެވެ. އަދި ބޮނީ ޙަރާމްތަކެއްޗެވެ. އަދި ލަނީ ޙަރާމް ފޭރާމެވެ. އަދި ހެދިބޮޑުވެފައިވަނީ ޙަރާމް ތަކެތިންނެވެ. ފަހެ އެފަދަ މީހެއްގެ ދުޢާ އިޖާބަވާނީ ކިހިނަކުން ހެއްޔެވެ؟!" 

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. "ޙަރާމް ތަކެތި ކެޔުމަކީ ދުޢާގެ ބާރު ދަށްވާ ކަމެކެވެ." 

8-    ދުޢާކުރުމުގައި ޙައްދު ފަހަނައެޅުމާ ދުރުހެލިވުން. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ( ادْعُوا رَبَّكُمْ تَضَرُّعاً وَخُفْيَةً إِنَّهُ لا يُحِبُّ الْمُعْتَدِينَ ) الأعراف/55 މާނައީ: "މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ރައްބަށް ދުޢާކުރާށެވެ! ހަމަކަށަވަރުން، ހައްދުފަހަނަޅައިދާ މީހުންދެކެ އެއިލާހު ލޯބިވެވޮޑިގެނެއް ނުވެތެވެ." 

ޢިލްމުވެރިން ވިދާޅުވާގޮތުގައި ދުޢާކުރުމުގައި ޙައްދުފަހަނަ އަޅައި ދެވެނީ ޙަރާމް ކަންކަމަށް ދެންނެވުމާއި، މުސްތަޙީލު ކަމަކަށް އެދި ދެންނެވުމާއި، ދުޢާކުރާ އިރު ބޭކާރު ތަފްޞީލުތަކުން ދުޢާ ދެންނެވުމުންނެވެ. 

ޙަރާމް ކަމަކަށް ދުޢާކުރުމުގެ މިސާލު: 

ރިބާގެ ލޯނެއް ލިބޭނެ ގޮތް މެދުވެރިކުރެއްވުން އެދި ދުޢާކުރުން 

މުސްތަޙީލުކަމަކަށް އެދި ދުޢާކުރުމުގެ މިސާލު: ރަސޫލުކަން ދެއްވުން އެދި ދުޢާކުރުން 

ބޭކާރު ތަފްޞީލް ތަކުން ދުޢާކުރުމުގެ މިސާލު: ދަރިޔަކު ދެއްވުން އެދި ދުޢާކުރާއިރު ލޮލުގެ ކަޅީގެ ކުލަ މުށިކުލައިގެ ދަރިޔަކު ދެއްވާނދޭވެ މިފަދައިން ދުޢާކުރުން. 

މި އުންމަތުގެ ބަޔަކު ދުޢާކުރުމާއި ސާފުޠާހިރުވުމުގައި ހައްދުފަހަނަ އަޅާ ދާނޭ ވާހަކަ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. 

عن عبد الله بن مغفل أنه سمع ابنَه يقول : ( اللَّهُمَّ إِنِّي أَسْأَلُكَ الْقَصْرَ الْأَبْيَضَ عَنْ يَمِيْنِ الْجَنَّةِ إِذَا دَخَلْتُهَا ، فَقَالَ : أَيْ بُنَيّ سَلِ اللهَ الْجَنَّةَ وَتَعَوَّذْ بِاللهِ مِنَ النَّارِ ، فَإِنِّيْ سَمِعْتُ رَسُولَ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ : إِنَّهُ سَيَكُونُ فِي هَذِهِ الْأُمَّةِ قَوْمٌ يَعْتَدُونَ فِي الطّهُورِ وَالدُّعَاءِ ) رواه أبو داود (096) وصححه الألباني في صحيح أبي داود . 

ޢަބްދުﷲ ބިން މުޣައްފަލް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ޢަބްދުﷲ ގެ ދަރިކަލުން މިފަދައިން ދުޢާކުރައްވަނިކޮށް ޢަބްދުﷲ އެއްސެވިއެވެ. "ޔާ ﷲ! މިއަޅާ ސުވަރުގެ ވަދެއްޖެއްޔާ، ސުވަރުގޭގެ ކަނާއަތް ފަރާތުގައިވާ ހުދުކުލައިގެ ގަނޑުވަރު ދެއްވުން އެދި ހަމަކަށަވަރުން މިއަޅާ އިބައިލާހަށް ދަންނަވަމެވެ." ޢަބްދުﷲ ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ސުވަރުގެ ދެއްވުން އެދި ﷲ އަށް ދަންވާށެވެ. އަދި ނަރަކައިން ރައްކާތެރިކުރެއްވުން އެދި ﷲ އަށް ދަންވާށެވެ! ފަހެ ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދީޘްކުރައްވާތީ ތިމަން އަޑުއެހީމެވެ. "ޠަހާރަތުގައްޔާއި ދުޢާކުރުމުގައި ޙައްދުފަހަނަ އަޅައިދާނޭ ބަޔަކު މިއުންމަތުގައި ވާނެއެވެ."

ދުޢާކުރުމުގެ ޙައްދުފަހަނަ އަޅައި ދިޔުމޭ ބުނެވޭ ބަހުގެ މާނައަކީ ދުޢާކުރާއިރު ބޭކާރު ތަފްޞީލްތަކުން ދެންނެވުމެވެ. މިސާލަކަށް ދަރިޔަކު ދެއްވުން އެދި ދުޢާކުރާއިރު ލޮލުގެ ކަޅީގެ ކުލަ މުށިކުލައިގެ ދަރިޔަކު ދެއްވާނދޭވެ މިފަދަ ބޭކާރު ތަފްސީލުތައް ހިމަނައިގެން ދުޢާކުރުމެވެ. ޠަހާރަތުގައި ޙައްދުފަހަނަ އަޅާ ދިޔުމޭ ބުނެވޭ ބަހުގެ މާނައަކީ ވުޟޫކުރާއިރު ދޮންނަން ސުންނަތްވެގެންވާ ޢަދަދަށްވުރެ ގިނައިން ފަށްކުޅައުމާއި، އަދި ނަޖިހުން ޠާހިރުވުމުގައިވެސް މާގިނަ ފަހަރު މާގިނަ ވަޤުތު އެކަމުގައި ހޭދަކުރުމެވެ. 

9-    ވާޖިބުކަން ކަން ދޫކޮށްލާފައި ދުޢާކުރުމައިގެން މަޞްޣޫލު ނުވުން. މިސާލަކަށް ފަރްޟު ނަމާދު އަދި މައިންބަފައިންގެ ޙައްޤުތައް އަދާކުރުމުގެ ބަދަލުގައި، އެކަންކަން ނުކޮށް ދުޢާކުރުމައިގެން ނޫޅުން. ޖުރައިޖުގެ ވާހަކައިން މިކަން އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޖުރައިޖު ސުންނަތް ނަމާދު ކުރުމަށްޓަކައި ހުއްޓާ މަންމަ ގޮވާލުމުން މަންމައަށް އިޖާބަ ނުދިނުމުން، ﷲ ތަޢާލާ ޖުރައިޖު އިމްތިޙާނު ކުރެއްވިއެވެ. މަންމަ ޖުރައިޖުގެ މައްޗަށް ކުރި ދުޢާ އިޖާބަވިއެވެ. 

ސުންނަތް ކަންކަމަށްވުރެ ވާޖިބު ކަންކަން އިސްވާނެއެވެ. ސުންނަތް ނަމާދަށްވުރެ މައިންބަފައިންގެ ޙައްޤުތައް އަދާކުރުން އިސްކަން ދޭން ޖެހޭނެއެވެ. ވާޖިބު ދޫކޮށްލުމަކީ ޙަރާމް ކަމެކެވެ. ފާފަވެރިވާނޭ ކަމެކެވެ. ސުންނަތް ކަމެއް ދޫކޮށްލުމަކީ ފާފަވެރިވާނޭ ކަމެއް ނޫނެވެ. ދުޢާކުރުމަކީ ސުންނަތް އަޅުކަމެކެވެ. އެހެންކަމުން ވާޖިބުތައް އަޅާފައި ނުވަތަ ވާޖިބުތަކަށް ބުރޫ ގޮތަށް ދުޢާކުރުމައިގެން މަޝްޣޫލުވުމަށް އިސްކަން ދީގެންނުވާނެއެވެ. 

ޚުލާޞާ: ތިބާގެ ދުޢާ އިޖާބަވާން އެދޭނަމަ

ހ- ﷲ އަށް އިޚްލާޞްތެރިކަމާއެކު ދުޢާކުރާށެވެ.

ށ- ހުއްދަ ތަވައްސުލު ބޭނުންކޮށްގެން ދުޢާކުރާށެވެ.

ނ- ދުޢާ އިޖާބަވުން ލަސްވެގެން ނޫޅޭށެވެ.

ރ- ފާފައަކަށް ނުވަތަ ރަޙިމުގެ ގުޅުން ކެނޑުމަށް ދުޢާ ނުކުރާށެވެ.

ބ- ﷲ ތަޢާލާއާ މެދު އީޖާބީކޮށް ވިސްނާށެވެ.

ޅ- ޣާފިލުނުވެ، ހިތް ޙާޟިރުކޮށްގެން ދުޢާކުރާށެވެ.

ކ- ކެއުމާއި ބުއިމާއި އުނުފޭރާން ޙަލާލުކުރާށެވެ.

އ- ދުޢާކުރުމުގައި ޙައްދުފަހަނައެޅުމުން (ބޭކާރު ތަފްޞީލުން) ރައްކާތެރިވާށެވެ.

ވ- ވާޖިބުކަންމަށް ބުރޫ އަރުވާފައި ދުޢާކުރުމައިގެން ނޫޅޭށެވެ.

މަރްޖިޢު

كتاب الدعاء لمحمد بن إبراهيم الحمد .

 

 --ޝައިޚް މުޙައްމަދު ޝާފިޢް 

https://islamqa.info/ar/answers/13506

 

މިއަދު އޮންލައިން