އެކުވެރިއަކަށް ފާފަކުރެވުނަސް އޭނާއާ ވަކިނުވާށެވެ! އޭނާއަށް ސަމާލުކަންދީގެންހުރެ އޭނާ އިޞްލާޙްކުރެވޭތޯ މަސައްކަތްކުރުމަކީ ތިބާއަށް ސުވަރުގެ ވަދެވޭ ސަބަބުކަމުގަވެދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
އެކުވެރިއަކަށް ފާފަކުރެވުނަސް އޭނާއާ ވަކިނުވާށެވެ! އޭނާއަށް ސަމާލުކަންދީގެންހުރެ އޭނާ އިޞްލާޙްކުރެވޭތޯ މަސައްކަތްކުރުމަކީ ތިބާއަށް ސުވަރުގެ ވަދެވޭ ސަބަބުކަމުގަވެދާނެ!

ފުރަތަމަ ކަމަކަށް ތިމާގެ އަމިއްލަ ޙާލަތު ހިތްމައްޗަށް ގެންނާށެވެ! ތިމާއަށް ކުރެވުނު ފާފަތައް ތިމާއަށް އެނގޭނެއެވެ. އަދި ފާފަކުރުން ހުއްޓާލަން ނުވަތަ ފާފަނުކުރަން ތިމާއަށް ހިތްވަރު ދިން މީހުންނާއި އެމީހުން ދިން ނަޞޭޙަތްވެސް އެނގޭނީ ހަމަ އެމީހަކަށެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވީމާ މީހަކަށް ފާފައެއް ކުރެވުނު ނަމަވެސް އެމީހަކަށް ނަފްރަތުނުކުރާށެވެ! ތިއަ ކުރެވުނީ ފާފައެއްކަން ވިސްނައިދޭށެވެ! ފާފަނުކުރަން އޭނާއަށް ހިތްވަރުދޭށެވެ! ނަޞޭޙަތްތެރިވާށެވެ! ފާފަފައެއް ކުރެވެނިކޮށް ފެނިއްޖެ ނަމަ އެއީ ނަރަކަވަންތަވެރިއެއްކަމަށް ނިންމައި އެމީހަކު ދޫކޮށްނުލާށެވެ! 

ބޮޑެތި ފާފަތައް ކުރެވެމުން އެތައް ބައަކު ވަނީ ތައުބާވެ އިޞްލާޙްވެފައެވެ. އަދި އެފަދަ އެތައް ބައަކު ވަނީ އިސްލާމް ދީނަށް ނަޞްރުދޭ ބައަކަށްވެސް ބަދަލުވެފައެވެ. މިދައްކަނީ ހަމައެކަނި ޞަޙާބީންގެ ޒަމާނުގައި ކަންކަން ހިނގިގޮތުގެ ވާހަކައެއް ނޫނެވެ. ހަމަމިއަދުވެސް ހިނގަމުން އަންނަ ކަންކަމުގެ ވާހަކައެވެ. 

އަހުރެމެންގެ ލޮބުވެތި ނަބިއްޔާ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ފިޔަވައި އެއްވެސް ފާފައެއް ނުކުރެވޭ އެއްވެސް އިންސާނަކު ދުނިޔެއަށް އުފަންވެފައެއް ނުވެއެވެ. މިހެން މިބުނަނީ ނަބީބޭކަލުންނާއި ރަސޫލްބޭކަލުންވެސް ހިމަނައިގެންނެވެ. އާދަމްގެފާނުން ފެށިގެން ދުނިޔެ ނިމެންދެންވެސް އެކަން ދެމިއޮންނާނީ އެގޮތުގައެވެ. 

Anas ibn Malik reported: The Prophet, peace and blessings be upon him, said,

“All of the children of Adam are sinners, and the best sinners are those who repent.”

Source: Sunan al-Tirmidhī 2499

Grade: Qawi (strong) according to Ibn Hajar 

އަހަރެމެންތެރޭގައި އަދިވެސް އޮތް އެންމެ ބޮޑު އެއް ނުބައަކީ ފާފަކުރެވޭ މީހުންނަކީ ނުބައި ބައެއް ކަމަށް ބަލައި އެމީހުންނާއި އަޅައިނުލުމެވެ. އެމީހުން މުޖުތަމައުން ބާކީކޮށްލުމެވެ. އެގޮތަށް ކަންތައް ނުކުރާށެވެ. ނުބައީ އެމީހާއެއް ނޫނެވެ. އެމީހާއަށް ކުރެވުނު ފާފައެވެ. ފާފަކުރުން ހުއްޓާލައި ތައުބާވާހިސާބުން އޭނާވާނީ މުޅިން ފައްކާވެފަހުރި ބަރާބަރު މީހަކަށެވެ.  

މީހަކަށް ފާފައެއް ކުރެވެނިކޮށް ފެނިއްޖެ ނަމަ އެމީހާގެ އަތުގައި ހިފައި އެމީހަކު ގާތްކޮށް، އެމީހަކަށް ހެޔޮކޮށް ހިތައި ވިސްނައިދީގެން އެމީހާ ގޮވައިގެން ސުވަރުގެ ވަންނަން މަސައްކަތްކުރާށެވެ! ތިބާއަށް ސުވަރުގެ ވަދެވޭ ސަބަބަކީ އެމީހާ ގޮވައިގެން ސުވަރުގެވަންނަން ކުރެވޭ މަސައްކަތް ކަމުގައިވެދާނެ ކަމަށް ބަލައި އެކަމަށް ދަހިވެތިވާށެވެ! 

މީހަކަށް ތެދުމަގުދައްކައިދިނުމުގެ މަތިވެރިކަން އެނގޭނަމަ އެ މަސައްކަތް ހަމައެކަކުވެސް ހުއްޓައިވެސް ނުލާނެއެވެ! އެންމެ ގިނައިން ކުރާނީ އެ މަސައްކަތެވެ! ވީމާ ވީހައި ގިނަބައަކު ގޮވައިގެން ސުވަރުގެ ވަންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެމަސައްކަތުގެ ތެރެއިން ތިބާއަށް ކާމިޔާބާއި ފަލާޙް ލިބުމަށް އުންމީދުކޮށްގެން މަސައްކަތްކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން