އެކުވެރިޔާ ފަޤީރުވީމާ ދުރުކޮށްލާ މީހުންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބޭނެ ޙާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
އެކުވެރިޔާ ފަޤީރުވީމާ ދުރުކޮށްލާ މީހުންނަށް ވަރަށް ޢިބްރަތްތެރި ފިލާވަޅެއް ލިބޭނެ ޙާދިސާއެއްގެ ވާހަކަ-

މިހާރަކަށް އައިސް އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ އަގު ވަޒަންކުރަނީވެސް އެމީހާގެ ކިބައިން ތިމާއަށް ލިބޭ އެހީތެރިކަމަށް ބަލައިގެންނެވެ. ޚާއްޞަކޮށް މާލީ އެހީތެރިކަމަށް ބަލައިގެންނެވެ. އެއީ އެކަންކުރަން އޮތްގޮތެއް ނޫނެވެ. ކޮންމެ މީހަކީ ކޮންމެ ކަމެއްގައި ތިމާއަށް މާލީ ގޮތުން އެހީތެރިވެދެވޭނެ މީހަކަށްނުވެދާނެއެވެ. 

އެންމެ މުހިންމީ މާލީ އެހީތެރިކަމެއް ނޫނެވެ. އެހެންވެ މިފަށަނީ އެކަން އެނގިގެންދާ ޙާދިސާއެއްގެ ވާހަކަކޮޅަކުންނެވެ. ވިސްނައިގެން ތިބެ އަޑުއަހާށެވެ! 

އޭނާ އޮތީ ބަލިވެ ހޮސްޕިޓަލުގައެވެ. ކެންސަރު ޖެހިފައިވާތީ މަރުބަލީގައިކަމަށް ބުނެވިދާނެއެވެ. އެޙާލަތުގައި އޮތްއިރު ތަނަވަސް އެކުވެރިން ލޮލަށްވެސް ނުފެނެއެވެ. ބިޒީކަން ބޮޑުވެ ޒިޔާރަތްކޮށްލާނެ ވަޤުތުވެސް ނުވަނީއެވެ. ޒިޔާރަތް ނުކުރާތަނުގައި އެހީތެރިކަންވެސް ފޯރުކޮށެއް ނުދެއެވެ. 

އޭނާ ގަދަވެ ސަލާމަތުންހުރިއިރު ވަރަށް ދުރުކޮށްފައި ބެހެއްޓި އެކުވެރިއަކު ހުރެއެވެ. އެއީ އޭނާގެ ފަޤީރުކަމުންނެވެ. އެކަމަކު އޭނާ ކޮންމެ ދުވަހަކު އައިސް ޙާލުބަލައެވެ. އެކުގައި ވަޤުތު ހޯދަކޮށް ހިތްވަރުދެއެވެ. ދޭނެ އެއްޗެއް އަތުގައި ނެތަސް ހެޔޮދުޢާކޮށްދެއެވެ. 

ކޮންމެއަކަސް އޭނާ ގަދަ ނުވާނެކަމަށް ޑޮކްޓަރުން ބުނި ނަމަވެސް ހޮސްޕިޓަލުން ނުކުތީ ގަދަވެގެންނެވެ. ސުވާލަކީ އޭނާއަށް ޝިފާލިބުމުގައި ފަޤީރު އެކުވެރިޔާ ކޮށްދިން ދުޢާގެ ވަޒަންކުރާނީ ކިތައް މިލިއަން ޑޮލަރުންހެއްޔެވެ؟ އޭނާއަށް ޝިފާލިބުނީ ކާކުގެ ދުޢާއިންކަން އެނގޭނީވެސް ކިހިނަކުންހެއްޔެވެ؟ އެންމެ ބޮޑަށް ނިކަމެތިވި ދުވަހު އެކުވެރިން ކަންކަން ކުރިގޮތުން ތަނަވަސް އެކުވެރިންނާއި ފަޤީރު އެކުވެރިން ކޮށްދިން ކަންކަން ކުރާނީ ކޮން ތިލަފަތަކުންނެވެ؟ 

ހިތާމައަކީ މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލްނުކުރާ ކަމެވެ. މާއްދިއްޔަތަށް މީހުން ހެއްލުނުވަރުން އެކުވެރިންނާ ރަޙްމަތްތެރިންގެ އަގުވެސް މިހާރު ވަޒަންކުރަނީ އޭނާގެ ކިބައިގައި ހުންނަ ތަނަވަސްކަމަށް ބަލައިގެންނެވެ. ތަނަވަސްކަން ބޮޑުވީވަރަކަށް ގާތްކަން ބޮޑުވެ އެކުވެރިކަންވެސް ވަރުގަދަވާކަމަށް އެބަ ހަދައެވެ. ފަޤީރު އަޚާޢަށްވުރެ ތަނަވސް ރަޙްމަތްތެރިޔާ އެބަ މުހިންމުވެއެވެ. 

ރަނގަޅަށް ވިސްނައިލާށެވެ! މީހަކު ފޯރުކޮށްދޭ މާލީ އެހީތެރިކަމަށްވުރެ އަނެކާ ތިބާއަށްޓަކައި ކުރާ ހެޔޮދުޢާއިން ތިބާއަށް ކުރާ ފައިދާ މާބޮޑުވެދާނެއެވެ! އަދި ކޮންމެ މީހަކީ ހެޔޮ ދުޢާކުރުމަށްފަހު ތިބާ ގާތު ބުނާނެ މީހަކަށްވެސް ނުވެދާނެއެވެ. އެންމެ ފައިދާކުރާނެ ދުޢާއަކީ އަނެކާއަށް ނުއަންގައި ސިއްރުން އޭނާއަށްޓަކައި ކުރާ ހެޔޮ ދުޢާއެވެ. 

ވީމާ ރަޙްމަތްތެރިންގެ އަގުވަޒަންކުރަންވީ އެމީހުންގެ އިޚްލާޞްތެރިކަމުންނެވެ. ޙާލުގައި ޖެހޭ ދުވަހު ފޯރުކޮސްދޭ އެހީތެރިކަމުންނެވެ. ތިމާއަށް ދޭ ހެޔޮ ނަޞޭޙަތުންނެވެ. ހެޔޮ ޢަމަލުތައްކުރަން ބާރުއަޅާ މިންވަރުންނެވެ. އެންމެ ދަތިހާލުގައި ތިމާ ހުންނަ ވަގުތުގައިވެސް ތިމާ އާއި ބަހައްޓާ ގާތްކަމާއި ދޭ ހިތްވަރުންނެވެ. އަދި އެމީހަކީ ތިމާގެ ޢާއިލީ ދިރިއުޅުން، ޒަވާޖީ ޙަޔާތް ކުރިއަރުވައިދޭން މަސައްކަތްކުރާ މީހެއްނަމަ އެކަމުގެ އަގު ވަރަށް ބޮޑަށް ވަޒަންކުރަންވާނެއެވެ. 

ތިމާއަށް ކަންކަމުގަ އެހީތެރިވާ ރަޙްމަތްތެރިންނަށް ވެސް އަދި އެހީތެރިނުވެވޭ ރަޙްމަތްތެރިންނަށްޓަކައިވެސް ހެޔޮ ދުޢާކުރާށެވެ! "ޔާ ﷲ! މިއަޅާގެ ރަޙްމަތްތެރިންނަށް (nނުވަތަ މިވެނި ރަޙްމަތްތެރިއަކަށް) ތަނަވަސްކަމާ ދުޅަހެޔޮ ޞިއްހަތާ އުފާވެރިކަމާ ސަލާމަތާ ރައްކައުތެރިކަން މިންވަރުކުރައްވަވާނދޭވެ!" އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން